އަލީ ވަހީދަށް ޖާމިނުވި މައްސަލައިގަ އަސްހަދު 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

ގައުމީ ޓީމުގެ އިވެންޓެއްގެ ތެރެއިން އަސްހަދު ވާހަކަ ދައްކަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުގެ އިވެންޓެއްގެ ތެރެއިން އަސްހަދު ވާހަކަ ދައްކަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރުމަށް ޖާމިނުވި މައްސަލައިގައި ކޯޓުގެ އެންގުމާ ހިލާފުވެ, ކޯޓުގެ ހުރުމަތް ކަނޑައަޅާފައިވާ ކަމަށް ކަނޑައަޅައި ޔޫތު މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

އަލީ ވަހީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކުރަނީ އެ އޮފީހުގެ 13 އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައި އޮއްވާ އޭނާ ރާއްޖޭން ބޭރަށް ފުރުމަށް ކޯޓުން ފުރުސަތު ދިނީ، ޝަރީއަތް ފެށުމުން ކޯޓަށް އަލީ ވަހީދު ހާޒިރުވާނެކަމުގެ ޔަގީންކަންދީ، އަސްހަދު ޖާމިނުވުމުންނެވެ.

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަސްހަދުގެ ގާތް އެކުވެރިޔާ އަލީ ވަހީދަށް ފުރުމުގެ އަމުރު ލިބުމާއެކު، އޭނާ ރާއްޖެ ދޫކޮށް ދިޔަ އެވެ. އެކަމަކު, ހަތަރު މަސްވެގެން ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ. އޭނާ ކުރިމިނަލް ކޯޓުގައި އެދުނީ ބޭސްފަރުވާ ކުރިއަށް ގެންދަން ޖެހޭތީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަށެވެ.

އެ އިންތިޒާމް ކުރިމިނަލް ކޯޓުން ހަމަޖައްސައި, އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުކޮށްގެން ދެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް, އެގޮތަށް އަޑުއެހުން ކުރިއަށް ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިއުތިރާޒު ކުރި އެވެ.

އެހެންވެ, އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. އެ ކޯޓުން މައްސަލަ ނުބެލުމުން ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހިފައިގެން ދައުލަތުން ދިޔަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް ޗިޓް ފޮނުވުމުން ވެސް ރާއްޖެ ނައުމުން ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހުގެ ހުކުމެއް ވަނީ އިއްވާފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ ޝަރީއަތް, އޭނާ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ކުރިއަށް ނުގެންދަން އަންގާފަ އެވެ. އެހެންވެ, ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައި އަސްހަދު ހާޒިރުކޮށް އަލީ ވަހީދު އެ ކޯޓަށް ހާޒިރުކުރުމަށް 72 ގަޑިއިރުގެ މުހުލަތެއް ދިނެވެ. އެ މުހުލަތުގައި ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށް އަސްހަދު ހާޒިރުވާން އެންގި އެވެ. އެކަމަކު, ޗިޓް ރައްދުވެފައިވީ ނަމަވެސް އޭނާ މިއަދު ކޯޓަށް ހާޒިރެއް ނުވެ އެވެ. އެހެންވެ, މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ކަނޑައެޅުއްވީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގަ އެވެ.

ގާޒީ ހަސަން ސައީދު މިއަދު ކޯޓުގައި ވިދާޅުވި ގޮތުގައި އަލީ ވަހީދު ރާއްޖެ ގެންނަން މުހުލަތެއް ދިނުމުން އެ މުހުލަތުގައި އޭނާ ރާއްޖެ ގެނައުމަށް އަސްހަދު ކުރި މަސައްކަތެއް ފެންނަން ނެތެވެ. އަދި އެކަމުގެ ގަސްދެއް އޭނާގެ ނެތް ކަމާއި ކޯޓަށް އަލީ ވަހީދު ފިލައިގެން އުޅޭ އުޅުމަށް އަސްހަދު ވާގިވެރިވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި އަސްހަދު ވިދާޅުވެފައިވަނީ އޭނާ ޖާމިނުވީ ހަތަރު މަސް ދުވަސް ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ. އެގޮތުގެ މަތިން ހަތަރު މަސްވުމުން އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށެވެ. އެހެންވެ, މިހާރު އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ގޮތުގައި ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, އެކަމަށް ރައްދު ދެއްވައި ގާޒީ ހަސަން ސައީދު ވިދާޅުވީ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ހާޒިރުވެގެން ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ސުޕްރީމް ކޯޓުން އަންގާފައިވާއިރު, އެގޮތަށް އަލީ ވަހީދު ކޯޓުގެ އަޑުއެހުމަކަށް ހާޒިރުވެފައިވުން އެއީ ސައްހަ ހާޒިރުވުމެއް ކަމަށް ނުބުލެވޭނެ ކަމަށެވެ. އަދި ހަތަރު މަސް ދުވަހަށް ޖާމިނުވެ ހުރެ, އެ މުއްދަތުގައި އިސްތިއުނާފީ ކޯޓުތަކުގައި ކުރިއަށް ދިޔަ މައްސަލަތަކަށް ވެސް އަލީ ވަހީދު ހާޒިރުކޮށް ދީފައިނުވާ ކަމާއި އެއީ އަސްހަދު ޒިންމާވާން ޖެހޭނެ ކަމެއްގެ ގޮތުގައި ގާޒީ ފާހަގަ ކުރެއްވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި އަލީ ވަހީދަށް ފުރުމުގެ ހުއްދަ ދިނީ އަސްހަދު ޔަގީންކަން ދިނުމާއެކު ކަމަށްވާތީ, އޭނާ ކޯޓަށް ހާޒިރުނުކޮށް ދިނުމަކީ އަދުލު އިންސާފަށް ހުރަސްއެޅުމެވެ. އަދި, ޝަރުއީ ދާއިރާއާމެދު ނުބައި ތަސައްވުރެއް ދިނުމުގައި އަސްހަދު, އަލީ ވަހީދާ ވާގިވެރިވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. މި ހުރިހާ ކަމަކީ ވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި, އެ ކުށުގެ އަދަބެއްގެ ގޮތުގައި އަސްހަދު 15 ދުވަހަށް ޖަލަށްލުމަށް ގާޒީ ނިންމެވީ އެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުން 15 ދުވަހުގެ ޖަލު ހުކުމެއް އަސްހަދަށް އިއްވިއިރު, އެ ހުކުމް ތަންފީޒުކުރުމަށް ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރު ވެސް ގާޒީ ނެރުއްވި އެވެ.

ޖާމިނުވުމުގެ އެއްބަސްވުމާ އަސްހަދު ހިލާފުވެފައިވާ ކަމަށް ގާޒީ ހަސަން ސައީދު ކަނޑައެޅުއްވި ނަމަވެސް, އެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބެއް ނުދެއްވަ އެވެ. ހަމައެކަނި އަދަބު ކަނޑައެޅީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށަށެވެ. އެ ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ ޖަލު އަދަބަކީ 15 ދުވަހަށް ޖަލަށްލުމެވެ.

ޖާމިނުވުމާއި އޭގެ ގާނޫނީ ޒިންމާ!

ޖާމިނުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން އައިސްފައިވާ ކަމެކެވެ. އެ ގާނޫނުގެ 64 ވަނަ މާއްދާ ހާއްސަކޮށްފައި އޮތީ މިކަމަށެވެ. އެ މާއްދާގައި އޮތީ ބަންދުކޮށްފައި ހުރި މީހަކަށް އެހެން މީހަކު ޔަގީންކަންދީ ޖާމިނު ވެއްޖެނަމަ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެ ކަމެވެ.

މިހެން ޖާމިނުވާ މީހުން ކޯޓުގައި އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭއިރު އޭގައި، ހަވާލުވާ މީހަކު ކުށް ކުރިޔަ ނުދީ ބަލަހައްޓާނެ ކަމާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކަށް ހާޒިރުވާން އެންގުމުން ގަޑިއަށް ހާޒިރު ކުރާނެ ކަމަށް އިގުރާރުވާން ޖެހެ އެވެ. އަސްހަދު ވެސް ވަނީ އަލީ ވަހީދާ ޖާމިނުވުމުގެ ގޮތުން އެފަދަ އިގުރާރެއްގައި ސޮއި ކުރައްވާފަ އެވެ.

ނަމަވެސް، މި ހާލަތުގައި އަލީ ވަހީދު ހުންނެވީ ބަންދުގައި ނޫން ކަމުން މި މާއްދާއަށް ސީދާ ނުފެތެވެ. އަލީ ވަހީދުގެ ހާލަތާ ގުޅޭ މާއްދާއެއް އޮތީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގަ އެވެ. އެ ގަވާއިދުގެ 26 ވަނަ މާއްދާގައި ހާއްސަކޮށްފައިވަނީ މީހަކު ޖާމިނުވުމުން ފުރުމުގެ ހުއްދަ ދިނުމާ އެވެ.

"ޕާސްޕޯޓް ހިފަހައްޓައި ރާއްޖެއިން ފުރައިގެން ދިޔުން މަނާކޮށްފައިވާ މީހަކު ރާއްޖެއިން ބޭރަށް ދާން ބޭނުންވެގެން އެހެން މީހަކު ޖާމިނުވެ، ޕާސްޕޯޓް ދޫކުރެވޭ މީހާ ނުފިލާނެ ކަމާއި ކަނޑައެޅިފައިވާ ދުވަހަށް ރާއްޖެއަށް އަނބުރާ ގެންނާނެ ކަމަށް ޖާމިނުވާ މީހާ އިގުރާރުވުމުން ޕާސްޕޯޓް ދޫކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެ އެވެ،" އެ މާއްދާގައި އޮތީ މިހެންނެވެ.

ދެން، އެ މާއްދާގައި ބުނަނީ ޖާމިނުވާ މީހާ އިގުރާރާ ހިލާފުވެއްޖެނަމަ، އޭނާގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް އޮތް ކަމެވެ. އެއްބަސްވުން ހެދިިއިރު, ގަވައިދުގައި އެ މާއްދާ އޮތް ނަމަވެސް, މިހާރު ސުޕްރީމް ކޯޓުން ވަނީ މާއްދާ އުވާލާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަމަ ދެވޭނެ އަދަބުތައް ކަނޑައަޅާފައިވަނީ ތިރީގައި މިއޮތް ތަރުތީބަށެވެ.

  • އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
  • ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛
  • 15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން.

މިއިން ކޮންމެ އަދަބެއް ވެސް އިގުރާރާ ހިލާފުވާ މީހާގެ މައްޗަށް ކޯޓަށް ކަނޑައެޅިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox