މާޒިޔާ ބަލިކޮށް ވެލެންސިއާ އިން ހަ ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދައިފި

Jan 23, 2022, 2:07 PM
މާޒިޔާ ބަލިކޮށް ވެލެންސިއާ އިން ހަ ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދައިފި

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 2-1 އިން ބަލިކޮށް، ކްލަބް ވެލެންސިއާ އިން ހަ ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ވެލެންސިއާ އިން މެޗަކުން ބަލިނުވެ މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުން އެންމެ ފަހުން މުބާރާތުގެ ތަށި އުފުލާލީ މީގެ 14 އަހަރު ކުރިން 2008 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އޭގެ ކުރިން ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ހޯދާފައިވަނީ 1993، 1994، 1998 އަދި 1999 ވަނަ އަހަރު އެވެ.

މިއީ 2016 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން ވެލެންސިއާ އަށް ފުރަތަމަ ޑިވިޝަނުގައި ލިބުނު ފުރަތަމަ ތަށްޓެވެ. އޭގެ ފަހުން އެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

ވެލެންސިއާ އާއި މާޒިޔާ އިން މި މެޗަށް ނުކުތްއިރު ޓީމުގެ މުހިންމު ކުުޅުންތެރިއަކު ހުރީ ސަސްޕެންޝަނުގަ އެވެ. އެއީ މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) އާއި ވެލެންސިއާގެ އަހުމަދު ސިޒާން (ސިއްޕެ) އެވެ. މާޒިޔާ އިން ވަނީ ފުރަތަމަ އެގާރައިގައި އެ ޓީމުގެ މޮންޓަނެގްރޯ ޑިފެންޑަރު ނެމަންޏާ ކާޓަލް ހިމަނައިފަ އެވެ.

ރ. އަލިފުށީ ޓާފް ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން މާޒިޔާ އަށް ހަމަޖެހިނުލެވެނިސް ވެލެންސިއާ އިން ލީޑުނެގި އެވެ. ތިން ވަނަ މިނިޓްގައި ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނެގި ކޯނަރަކުން މި ލަނޑު ޖެހީ އެ ޓީމުގެ ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލަކްސް ޖެހި ބޯޅަ ގޯލުގެ ކައިރީ ކަނަށް ވަންއިރު، މާޒިޔާގެ ޑިފެންޑަރުންނަށް އެ ބޯޅަ ނުހުއްޓުވުނެވެ. އޭގެ ދެ މިނިޓް ފަހުން ވެލެންސިއާ އޭރިއާތެރެއިން މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތީ ދާގަނޑަށެވެ.

މާޒިޔާ އިން ބޯޅަ ހިފަހައްޓައިގެން ކުޅެ، އެ ޓީމުގެ އެންމެ ކުރިއަށް ކުޅެމުން އަންނަ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާާޓް (ކޯނޭ) އަށް ދީގެން އެޓޭކް ކުރެވޭތޯ ބަލަމުން ދިޔައިރު، ކޯނޭ އަށް ލިބޭ ކޮންމެ ބޯޅައެއްގައި ވެލެންސިއާގެ ފަހަތަށް ކުޅެމުން އައި އަމްދާން އަލީ (އެންޑީ) އާއި ޑަކްސަން ދިޔައީ ރަނގަޅަށް ޑިފެންސް ކުރަމުންނެވެ.

ވެލެންސިއާގެ ފަހަތުން ހުސްވާ ޖާގަތަކުގެ ބޭނުންހިފައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ވެސް އެޓޭކްކުރެވޭތޯ މަސައްކަތްކުރަމުން ދިޔަ އެވެ. އެކަމަކު، ވެލެންސިއާގެ އޭރިއާ ތެރެއިން ގޯލު ޖެހޭނެ ފުރުސަތެއް ވަނީ ތަނަވަސް ނުކުރެވިފަ އެވެ.

ފުރަތަމަ ހާފުގައި ޑަކްސަން ބޯ ފަޅައިގެން ގޮސްގެން ދަނޑުމަތީގައި ދެ ފަހަރެއްގެ މަތިން އޭނާ އަށް ފަރުވާ ދިނެވެ.

މެޗުގެ 39 ވަނަ މިނިޓްގައި މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމަކުން އައިސަމް އިބްރާހިމް ޖެހި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އަތުން ދޫވެގެން ޖެހުނީ ގޯލުގެ ދަނޑީގަ އެވެ. އެ ބޯޅަ ވެލެންސިއާގެ ޑިފެންޑަރުން ކޯނަރަކަށް ބޭރުކޮށްލިއިރު، މާޒިޔާ އިން ވަނީ އެ ކޯނަރުގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. އައިސަމް ނެގި ކޯނަރު ތިރިތިރިން ވެލެންސިއާ ޑިފެންޑަރުންގެ ތެރެއިން ދިޔަ ބޯޅަ މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އަށް ލިބުމުން ކޮންޓްރޯލް ކޮށްލާފައި ފްލިކް ޝޮޓަކުން އިރޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާ ހާފުގެ ތެރޭގައި ކުޅެ، އިތުރު ގޯލެއް ޖެހޭތޯ މާޒިޔާ އިން މަސައްކަތް ކުރި ނަމަވެސް އެކަން ހާސިލެއްނުވެ، މި ހާފު ނިމުނީ އެއްވަރުވެގެންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ވެލެންސިއާ އޭރިއާތެެރެއިން ހަމްޕު ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ. މެޗުގެ 57 ވަނަ މިނިޓްގައި މާޒިޔާގެ ހުސެއިން ނިހާން (ނިހާޓް) އޭރިއާތެެރެއިން ހުސްކޮށްލާފައި ކޯނޭ އަށް ދިން ބޯޅަ އޭނާ ވަނީ ކީޕަރު މުހައްމަދު ފައިސަލް ކައިރިން ނައްޓާފައި ގޯލަށް ޖެހޭތޯ މަަސައްކަތްކޮށްފަ އެވެ. އެކަމަކު، ކޯނޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މާޒިޔާ އިން ވަނީ ފަހު ވިހި މިނިޓަށް ނިހާޓާއި ހަމްޕުގެ ބަދަލުގައި ނާއިޒު ހަސަން (ދާދު) އާއި މުހައްމަދު އުމެއިރު ކުޅެން އަރުވައިފަ އެވެ. ކުޅެންއެރިތާ ތިން މިނިޓް ތެރޭ ދާދު ވަނީ އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ހުސް ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ. އޭރިއާތެރެއިން އިއްބެ ޖެހި ބޯޅަ އަމާޒުވީ ކީޕަރު ފައިސަލް އަތަށެވެ.

ގާތްގާތުގައި މާޒިޔާ ހާފުގެ މެދެއްހާ ހިސާބުން ވެލެންސިއާ އަށް ދެ ހިލޭ ޖެހުމެއް ލިބުނުއިރު، އޭގެއިން އެއް ޖެހުމުގައި ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ޖެހި ބޯޅަ މާޒިޔާގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 86 ވަނަ މިނިޓްގައި ވެލެންސިއާ އަށް ލިބުނު ކޯނަރަކުން ސެންޓޭ ފޮނުވާލި ބޯޅަ ޖެހުނީ ދަނޑީގަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވުމުން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ފަސް ވަރަކަށް މިނިޓް ތެރޭ ސެންްޓޭ އަތުން ބޯޅަ ހޯދަން ވެގެން ދާދު އަށް ކުރެވުނު ފައުލަކުން ރެެފްރީ މުހައްމަދު ޖާވިޒް ވަނީ ދާދު އަށް ރަތް ކާޑެއް ދައްކައިފަ އެވެ. ސެންޓޭ އަށިގަނޑުގައި ބޭލިއިރު، އޭނާގެ ބަދަލުގައި ވަނީ އިސްމާއިލް އީސާ (މެސީ) ކުޅެން އަރުވައިފަ އެވެ.

އިތުރު ވަގުތުގެ ދެ ހާާފު ކުޅެމުންދިޔައިރު، ދަނޑުގެ އަލި މަޑުވުމުން ދެ ޓީމަށް ވެސް އުނދަގޫތަކެއް ދިމާވި އެވެ.

މާޒިޔާ އިން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މާ ލަސްތަކެއް ނުވެ، ވެލެންސިއާ އިން ވަނީ ދެ ވަނަ ފަހަރަށް ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ މާޒިޔާގެ ޑިފެންސްތެރެއިން ލިބުނު ޖާގައަކުން ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހާސް މާޓީން އެވެ. މިއީ މާޒިޔާގެ ފަހަތުން ލިބުނު ބޯޅައެއް ބޯހާސް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ކުޅުން ފަށަން ދެ ޓީމު ދަނޑަށް އެރި ވަގުތު މާޒިޔާގެ މެނޭޖްމަންޓުން ވަނީ މެޗު ކޮމިޝަނަރުގެ ސަމާލުކަމަށް ދަނޑުގެ ލައިޓް މައްސަލަ ގެނެސް އެކަން ހައްލުނުކުރަނިސް މެޗު ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. ކުޅެވޭ ވަރަށް ދަނޑުގެ ލައިޓް މައްސަލަ ރަނގަޅުވުމުން ވިއްސަކަށް މިނިޓް ފަހުން ވަނީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ކުޅުން ފަށައިފަ އެވެ.

މާޒިޔާ އިން ކުޅުންތެރިއަކު މަދު ނަމަވެސް ރިސްކު ނަގައިގެން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، ވެލެންސިއާ އިން ވެސް ދިޔައީ އެޓޭކް ކުރަމުންނެވެ.

ވެލެންސިއާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ ބިޗަޑަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މާޒިޔާ އިން ކޯނޭ އަށް ބޯޅަ ދީގެން ވެލެންސިއާ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، އެޓޭކް ކުރެވޭތޯ ބެލި ނަމަވެސް ކީޕަރު ފައިސަލް ހުރި ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭގޮތެއްނުވި އެވެ. އެ ގޮތަށް ގޮސް މެޗު ނިމި މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިއާ އިން ހޯދީ އެވެ.

މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން ވެލެންސިއާ ވަނީ 5-0 އިން ބަލިވެފަ އެވެ. އެކަމަކު، ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ދެ ފަހަރު ވެސް މޮޅުވީ ވެލެންސިއާ އެވެ. ލީގު ބުރުގައި 1-0 އިން މާޒިޔާ ބަލިވިއިރު، މިއަދުގެ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން މާޒިޔާ މި ބަލިިވީ 2-1 އިންނެވެ. މާޒިޔާ ޕްރެޒިޑެންޓްސް ކަޕްގައި މި ފަހަރު ފުރަތަމަ ފަސް މެޗުން މޮޅުވިއިރު، ފައިނަލު ހިމެނޭ ގޮތަށް ދެން ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ވެެލެންސިއާގެ ކެޕްޓަން ސެންޓޭ އެވެ. ސެންޓޭ ވަނީ މުބާރާތުގައި ޖުމްލަ ހަތް ގޯލު ޖަހައި، ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެލެންސިއާގެ ބޯހަސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox