Advertisement

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސާޝިޕް ބީއެމްއެލް އިން އާކޮށްފި

15 ސެޕްޓެންބަރު 2021 - 16:35 0

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔާ (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެއްބަސްވުން ދައްކާލަނީ. --ފޮޓޯ: ބީއެމްއެލް


ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސާޝިޕް ބީއެމްއެލް އިން އާކޮށްފި

15 ސެޕްޓެންބަރު 2021 - 16:35 0

ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސާޝިޕް އެއްބަސްވުން ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އާކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން އެ ބޭންކް ވެގެންދާނީ ކުރިއެކޭ ވެސް އެއްގޮތަށް ގައުމީ ސީނިއާ ފިރިހެން ޓީމާއި، ސީނިއާ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި މި ޕާޓްނާޝިޕް އާ ކުރެވިގެންދާކަމީ ލިބޭ އުފަލެއް ކަމަށެވެ.

"ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ އަޅުގަނޑުމެން ނުހަނު ބޮޑު އިސްކަމެއްދޭކަމެއް ވެސް މެ،" 2017 ވަނަ އަހަރުން ފެށިގެން ދަަމަހައްޓަމުން އަންނަ ޕާޓްނަޝިޕާ ބެހޭގޮތުން އޭނާ ވިދާޅުވި އެވެ.

ގައުމީ ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ. މިއީ ރާއްޖޭން ވާދަކުރާ އެންމެ މުހިއްމު އެއް މުބާރާތެވެ. ބީއެމްއެލް އަކީ އެ މުބާރާތުގެ އޮފިޝަލް ބޭންކިން ޕާޓްނަރެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބީއެމްއެލް އާއެކު މި އެއްބަސްވުން އާ ކުރެވިގެންދާކަމީ ލިބޭ ފަހުރެއް އަދި އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިންނަކީ އަޅުގަނޑުމެންގެ ފަހުރު. އަދި ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާ. މި ފުރުސަތުގައި ގައުމީ ޓީމަށާއި ރާއްޖޭގައި ކުޅިވަރާއި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ބީއެމްއެލް އިން ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން،" ބައްސާމް ވިދާޅުވި އެވެ.