Advertisement

ނަފާ ހޯދަން ތައްޔާރުވަމުން ދަނިކޮށް ފިއްލަދޫގެ އިހްތިސޯސުން ދައްޕަރު ވަކިކޮށްފި

30 އޮގަސްޓު 2021 - 10:36 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފިއްލަދޫ (ކ) އާއި ދިއްޕަރުގެ (ވ) ގެ ސެޓަލައިޓް ފޮޓޯއެއް: އެއް ބިމެއް، އެއް ފަޅެއްގައި އޮތް ނަމަވެސް ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކި ކުރީ 2010 ވަނަ އަހަރު -- ފޮޓޯ: ސެޓަލައިޓް ކެޕްޗާ


ނަފާ ހޯދަން ތައްޔާރުވަމުން ދަނިކޮށް ފިއްލަދޫގެ އިހްތިސޯސުން ދައްޕަރު ވަކިކޮށްފި

30 އޮގަސްޓު 2021 - 10:36 0

ހއ. ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި އޮތް ދައްޕަރުން ނަފާ ހޯދުމަށް ރަށު ކައުންސިލުން ތައްޔާރުވެ ތިއްބާ، އެ ރަށުގެ އިހްތިސާސުން އެ ރަށް ސަރުކާރުން ވަކިކޮށްފި އެވެ.

ދައްޕަރަކީ ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ގަރާރަކުންނެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ އެ ރަށުގެ އިހްތިސާސުން ދިއްޕަރު ވަކި ކުރި ސަބަބު ސަރުކާރުން އަންގާފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނާ މަޝްވަރާ ކުރި ނަމަ އެނގޭނެ އިހްތިސާސުން ވަކި ކުރި ސަބަބު. އެކަމަކު އަޅުގަނޑުމެންނާ އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރޭ. ޝޮކެއްގައި މި ތިބީ،" އޭނާ ވިދާޅުވި އެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ނެގިއިރު ކައުންސިލުން ދިޔައީ ލޭންޑް ޔޫސް ޕްލޭންގެ ތެރެެއަށް ލައިގެން ދައްޕަރުން ނަފާ ހޯދުމުގެ މަޝްވަރާތަކެއް ކުރަމުންނެވެ.

"ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގަ ދައްޕަރުން ނަފާ ހޯދަން ހިމަނަން އަޅުގަނޑުމެން މަޝްވަރާ ކުރަމުން ދިޔައީ. ކައިރި ރަށްތަކުން ވެސް މީހުން އައިސް ކާށި ހޮވައިން އެބަދޭ. އެ ވެސް އަޅުގަނޑުމެންނަށް މަންފާ ލިބިދާނެ ކަމެއް،" ފަތުހުﷲ ވިދާޅުވި އެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ބޭރުކޮށް ސަރުކާރުން ގެޒެޓު ކުރި ގަރާރުގައި ދެ ރަށް ބައިކޮށްފައި އިން ގޮތް:


ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރިއިރު ލާމަރުކަޒީ ގާނޫނުގައި ބުނެފައި ވަނީ އެ ރަށެއްގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްތަކުން ކައުންސިލަށް ނަފާ ހޯދޭނެ ކަމަށެވެ. އަދި އެއަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން ފަޅު ރަށްތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކިކޮށް އެއީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅީ 2010 ވަނަ އަހަރެވެ. އެއިރު ސަރުކާރުގެ ވިސްނުމުގައި ހުރީ ހއ. އަތޮޅުގެ ފަސް ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭ ބަޔަކަށް ދައްޕަރުގައި 50 ލަގްޒަރީ ވިލާ އެޅުމަށް ދިނުމެވެ.

އެ މަސައްކަތް ނުފެށި އުޅެނިކޮށް މި ސަރުކާރުން ޖުލައި، 2020 ގައި އިއުލާން ކުރީ ދައްޕަރުގައި އަގުބޮޑު ގެތަކެއް އެޅުމަށްފަހު އެ ގަންނަ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދޫކުރުމުގެ ވިސްނުމެކެވެ. ނަމަވެސް އެ ޕްލޭން ވެސް މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެ އެވެ.

ސެކަންޑް ހޯމް ރެޒިޑެންޑްޓް ޕައިލެޓް ޕްރޮޖެކްޓު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޖުލައި މަހު އިއުލާން ކުރިއިރު ރައީސް ސޯލިހުގެ ގަރާރަކުން ދައްޕަރު އޮތީ މާޗް، 2020 ގައި ފިއްލަދޫގެ އިހްތިސާސުގައި ރަސްމީކޮށް ހިމަނައިފަ އެވެ.