ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަށް މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ އަލީ ހައިޝަމް (ޗުމްޕު) އިތުރުކޮށްފި އެވެ.
އެފްއޭއެމުން އެންމެ ފުރަތަމަ އިއުލާނުކުރި 31 ކުޅުންތެރިންގެ ސްކޮޑުގައި މި ތިން ކުޅުންތެރިން ނުހިމެނެ އެވެ. އެކަމަކު ގައުމީ ކޯޗިން ޓީމު މަޝްވަރާކުރުމަށް ފަހު ވަނީ ލިލީ އާއި އިއްބެ އަދި ޗުމްޕު އަށް ފުރުސަތު ދީފަ އެވެ. އެއީ ސްކޮޑަށް ނެގި ކުޅުންތެރިންނާ ގުޅޭގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ކޯޗުންނާ މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެކެވެ.
"އަޅުގަނޑުމެން މި ސްކޮޑު މި ނަގަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ސްކޮޑު ނެގުމުގައި ލީގުގައި ވާދަކުރާ ކޯޗުން ދިން އެއްބާރުލުމަށް،" ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުންޏެވެ.
ޗުމްޕު އާއި އިއްބެ ވަނީ އެންމެ ފަހުން ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނެގި ގައުމީ ސްކޮޑުގައި ހިމަނައިފަ އެވެ. އެކަމަކު، އިއްބެ އަށް އޭރު މެޗުތަކުގައި ރަނގަޅަށް ނުކުޅެވޭތީ އާއި އަމިއްލަ ސަބަބުތަކެއް ހުރުމުން ގައުމީ ސްކޮޑުން ވަކިވި އެވެ. ޗުމްޕު ވަނީ ފުރަތަމަ ފަހަރަށް ގައުމީ ސްކޮޑުގައި ހިމެނި މެޗުތަކުގައި ފުރަތަަމަ އެގާރައިގައި ވެސް ކުޅެފަ އެވެ. ސްކޮޑު އިއުލާނުކުރިއިރު، ޗުމްޕު އަށް ފުރުސަތު ނެތުމުން ފާޑުކިޔުން އަމާޒުވި އެވެ.
ސުޒޭން ބުނީ އެންމެ ފުރަތަމަ ސްކޮޑުގެ 31 ކުޅުންތެރިން އިއުލާނުކުރިއިރު ވެސް އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ވަނީ ޗުމްޕުގެ ނަން ފާހަގަކޮށްފައި ކަމަށެވެ. އަދި ކޯޗިން ޓީމާ މަޝްވަރާކުރުމަށް ފަހު ޗުމްޕުގެ ކުޅުން ޔޫވީ އާއި ގައުމީ ޓީމުގައި ވެސް ރަނގަޅުވުމުން އޭނާ ޓީމުގައި ހިމެނީ ކަމަށެވެ.
ލިލީ އަށް އެންމެ ފަހުން ގައުމީ ޓީމުން ފުރުސަތު ލިބުނީ ޑަރެން ސްޓެވާޓް ކޯޗަކަށް ހުރިއިރު އެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ފަހުކޮޅާ ހަމައަށް ގައުމީ ޓީމަށް ކުޅެފަ އެވެ. ދާދި ފަހުން މާޒިޔާ އިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގައި ލިލީ ކުޅުނެވެ.
އޮކްޓޫބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމު ނުކުންނާނީ މުޅިން ދިވެހި ޓީމަކާ އެކު އެވެ. ކުޅުންތެރިންގެ އިތުރުން ކޯޗިން ސްޓާފުންގެ ގޮތުގައި ވެސް ތިބީ ދިވެހިންނެވެ.
ގައުމީ ޓީމުގެ ޕްރެކްޓިސް ފަށަން ހަމަޖެހިފައިވަނީ މިރޭ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު ޓްރެއިނިން ކޭމްޕަށް ދާން ނިންމާފައިވަނީ އަންނަ މަހު 10 ވަނަ ދުވަހު ގަތަރަށެވެ. މީގެ ކުރިން ބެލެވުނީ ގައުމީ ޓީމު ޓްރެއިނިން ކޭމްޕްގައި ދާނީ ޔޫއޭއީ އަށް ކަމަށެވެ. އެކަމަކު ގަތަރަށް ދިއުމަށް ފަހު ހަތަރު ވަރަކަށް ޓްރެއިނިން މެޗު ކުޅެން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ގައުމީ ޓީމު އެނބުރި މާލެ އަންނާނީ އަންނަ މަހު 28 ވަނަ ދުވަހު އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑު
މާޒިޔާ: ހުސެއިން ޝަރީފް (ހުސެން)، މޫސާ ޔާމީން (ޔާމްބެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަހުމަދު އަބްދުﷲ (ލިލީ)
އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މުހައްމަދު ނާއިމް، އަސްހަދު އަލީ (އަޑޭ)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ނޫމާން (ހެލްމެޓް)
ވެލެންސިއާ: އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)
ޔުނައިޓެޑް ވިކްޓްރީ (ޔޫވީ): މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު، އަލީ ހައިޝަމް (ޗުމްޕު)
ގްރީން ސްޓްރީޓްސް: ހަސަން ނަޒީމް (ޗޯޓު)، މުހައްމަދު ސާއިފު
ޓީސީ: އަލީ ޝާމިސް (ތޮއްޕޭ)، މުހައްމަދު އަޖުފާން
ދަ ގްރާންޑޭ: ޔަސްފާދު ހަބީބު (މުލަކޭ)












