މި ފަހަރަކީ ދަގަނޑޭގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުމުގެ ފުރުސަތު އެބައޮތް

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަކީ ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ)ގެ ފަހު ސާފް މުބާރާތަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެެވެ.

ޕީއެސްއެމްގެ "އެކްސްކްލޫސިވް" ޕްރޮގްރާމްގައި ވާހަަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ރާއްޖޭން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ބިޑް ކާމިޔާބުކުރިތާ 15 މިނިޓް ފަހުން ދަގަނޑޭއާ ދިމާވި ކަމަށެެވެ. އަދި ދަގަނޑޭއާ ބައްދަލުވުމުން ދެކެވުނު ވާހަކައިގައި ދަގަނޑޭ ގާތުގައި މި ފަހަރުގެ ސާފަށް ރަނގަޅަށް ފިޓްވާން ޖެހޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު އަތުގައެއް ނޫނޭ އޮތީ ޓީމަށް އެރުމާއި ނޭރުން. ރާއްޖޭގައި ހުރި އެއް ވަނަ ކުޅުންތެރިޔާ މި މުބާރާތަށް މިހާރުން ފެށިގެން ފިޓްވާން ފަށާށޭ އަޅުގަނޑު ދެންނެވިން،" ދަގަނޑޭއާ ދިމާވެ ދެކެވުނު ވާހަކަތަކަށް އިޝާރާތްކޮށް ބައްސާމް ވިދާޅުވި އެވެ.

"ދެން މި ދޭތެރެއިން (ދަގަނޑޭ) ހުރީ ސީޒަން ނިމުމާ ގުޅިގެން ކުޅުމާ ދުރުގައި ކަންނޭނގެ. ވަރަށް ފަހުން އީގަލްސް އަށް ޖޮއިން ކުރީ ވެސް. އަޅުގަނޑު ކައިރީގައި ވިދާޅުވި އެ ދުވަހުން ފެށިގެން ވަރަށް ވަރުގަދަ އަށް ތައްޔާރުވާން ފައްޓާނަމޭ. ފަހަރުގައި މި ވެދާނެއޭ އަހަރެން ކުޅޭ ފަހު ސާފް މުބާރާތަށް ވެސް. އެއީ ކާމިޔާބު މުބާރާތަކަށް ހަދަން ވެސް ވަރަށް ބޮޑަށް ބޭނުންވާ ސަބަބެކޭ،"

ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަން ކުރައްވަމުން އަންނަ ބައްސާމް ވިދާޅުވީ މި ފަހަރުގެ ސާފް ބާއްވަން ރާއްޖޭން ބިޑް ކުރާކަށް އެނގިގެން ވެސް ސީނިއާ ޕްލޭޔަރުން ވަރަށް ގިނައިން ގުޅޭ ހެދި ކަމަށެވެ. އަދި ރާއްޖެ އަށް މި ބިޑް ކާމިޔާބު ކުރެވިދާނެތޯ އެ ކުޅުންތެރިން އެހި ކަމަށާއި އެއީ ވެސް މި މުބާރާތަށް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފޯރި ހުންނަ މިންވަރު ދޭހަކޮށްދޭ ކަމެއް ކަން ބައްސާމް ފާހަގަކުރެއްވި އެވެ.

"ހުރިހާ ކުޅުންތެރިން ތިބީ ދިވެހި ރައްޔިތުންނަށް އުފާވެރިކަމެއް ގެންނަން ފެންބޮވައިގަނެފައި،" ބައްސާމް ވިދާޅުވި އެވެ.

މިހާރު އުމުރުން 35 އަހަރުގެ ދަގަނޑޭ އެންމެ ފަހުން ސާފްގައި ކުޅުނީ 2015 ވަނަ އަހަރުގެ ފަހުކޮޅުގައި އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވި މުބާރާތުގަ އެވެ. ރާއްޖޭން އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި ސާފް ސުޒުކީ ކަޕް (ޗެމްޕިއަންޝިޕް) ކާމިޔާބުކުރި ޓީމުގައި ދަގަނޑޭ ނުހިމެނެ އެވެ.

ދަގަނޑޭ އަށް އޭރު ގައުމީ ކޯޗު ޕީޓާ ސެގާޓް ޓީމުން ފުރުސަތު ނުދޭން ފެށީ 2018 ވަނަ އަހަރު ކުރީކޮޅުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުންނެވެ. އޭގެ ފަހުން ގައުމީ ޓީމު ކުޅުނު ނުވަ މެޗުން ފުރުސަތެއް ނުދެ އެވެ. ދަގަނޑޭ އަށް ފުރުސަތު ނުދޭ މައްސަލައިގައި ސެގާޓްގެ ވާހަކަ އެކި ފަހަރު ހުރީ އެކި ގޮތަށެވެ.

ކްލަބް އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު ދަގަނޑޭ އެނބުރި ގައުމީ ޓީމަށް ކުޅެން ފެށީ 2019 ވަަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. އޭގެ ފަހުން އޭނާ އަށް ގަވާއިދުން ޓީމުން ފުރުސަތު ލިބެ އެވެ. އެނބުރި އައިސް ދަގަނޑޭ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާ އާއި ގުއާމް ކޮޅަށް ގޯލު ޖަހައިފަ އެވެ.

ރާއްޖޭން އެންމެ ފުރަތަމަ ސަރަަހައްދުގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ހޯދިއިރު ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ތަށި ނުލިބުނަސް 2009، 2011 އަދި 2013 ގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ދަގަނޑޭ މޮޅަށް ކުޅެ އޭނާ އަކީ ސަރަހައްދުގެ އެންމެ މޮޅު ފޯވާޑްކަން ސާބިތުކޮށްދިނެވެ.

އޭގެ ތެރެއިން 2013 ގައި ނޭޕާލްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާ އަތުން 10-0 އިން ރާއްޖެ މޮޅުވި މެޗުގައި ހަ ލަނޑު ޖަހައި ގައުމީ ޓީމަށް އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑާއި ސާފް ޗެމްޕިއަންޝިޕުގެ އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލި އެވެ. ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ޖުމްލަ 10 ގޯލާ އެކު އޭނާ އަކީ އެ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ދަގަނޑޭ ވަނީ ގައުމީ ޓީމަށް 2004 އިން ފެށިގެން މިހާތަނަށް ކުޅުނު މެޗުތަކުގައި 55 ގޯލް ޖަހައިދީފަ އެވެ.

މާދަމާ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާ އީގަލްސް ޓީމުގައި ހުރި ދަގަނޑޭ އެ މުބާރާތުގައި ވެސް ރެކޯޑް ރަނގަޅެވެ. ދަގަނޑޭ ވަނީ އޭއެފްސީ ކަޕްގައި ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖުމްލަ 29 ގޯލު ޖަހައިދީފަ އެވެ. އޭގެ ތެރެއިން އެއް ގޯލަކީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ބެންގަލޫރު ކޮޅަށް ކާމިޔާބުކުރި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox