ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

ސީމާއަށް ފެނުނީ ނަބީލުގެ މޭ އުފުލެމުންދާ ތަނެވެ. އޭނާ ވަރަށް އުނދަގުލުން ނޭވާ އެތެރެއަށް ދަމާލައިފައި، ހަމަ އެހައި މަސައްކަތުން، ނޭވާ ބޭރުކުރެވޭތޯ މަސައްކަތްކުރަނީއެވެ. ދެ ލޯ ވަނީ މެރިފައެވެ. ސީމާއަށް އަވަސްއަވަހަށް ނަބީލާ ދިމާއަށް ދުއްވައިގަނެވުނެވެ.

"މަންމާ! އަވަހަށް ބައްޕައަށް ގުޅާ! އެމްބިއުލާންސަށް ވެސް ގުޅާ!"

ސީމާ ގޮސް ނަބީލުގެ ގާތުގައި އިށީނދެ، އޭނާގެ މޭމަތީގައި ފިރުމާންފެށިއެވެ. ނަބީލަށް ލުއިވޭތޯ، އޭނާއަށް އެނގޭހައި ކަމެއް ކުރާންފެށިއެވެ. އެހެނަސް ނަބީލަށް ލިބޭ ފަސޭހައެއް ނެތެވެ. ނޭވާ ހާސްވެގެން ތެޅި ފޮޅެނީއެވެ. ހަތަރެސްފައި ވަނީ ފިނިވެފައެވެ.

ސައިރަންއަޅަމުން ހަލުއި ދުވެލީގައި އައި އެމްބިއުލާންސް، އައިޖީއެމްއެޗުގެ އިމަޖެންސީ ދޮރޯށިން އެތެރެއަށް ވަދެއްޖެއެވެ. ޑުރައިވަރުގެ އެހީތެރިޔާ އެމްބިއުލާންސުން ފައިބައިގެން ބާރު ހިނގުމެއްގައި އައިސް، ފަހަތު ދޮރު ހުޅުވާލުމާއެކު، އެއިން ފުރަތަމަ ފުންމާލީ ޒާހިރެވެ. އޭނާގެ ފަހަތުން އަބީރާއެވެ. ދެން ސީމާއެވެ. ސީމާގެ ދެ ލޮލުން ކަރުނަ އޮހެމުންދެއެވެ. ޒާހިރާއި އަބީރާގެ މޫނުމަތީން ކަންބޮޑުވުމުގެ އަލާމާތްތައް ފެންނާން ހުއްޓެވެ.

ފުރޮޅުލީ އެނދުގައި ބާއްވައިގެން އަވަސްފަރުވާދޭ ކޮޓަރިއާ ދިމާއަށް ނަބީލު ގެންދިޔައިރު ވެސް އޭނާ ތެޅިފޮޅެނީއެވެ. ފަހަތުން ސީމާއާއި ޒާހިރުގެ ދެމަފިރިން ހަލުއި ފިޔަވަޅުތަކެއްގައި ދިޔައެވެ. ނަބީލު ގެންގޮސް އިމަޖެންސީ ރޫމަށް ވެއްދިއިރު، އެންމެ ގާތުގައި ހުރީ ސީމާއެވެ. ނަބީލު އެ ތަނަށް ވެއްދުމާއެކު، ޑޮކްޓަރުން ވަރަށް އަތްމަތި އަވަސްކޮށް ހަރަކާތްތެރިވާން ފެށިއެވެ. ނަބީލަށް ހޭހަންކޮށްދެވޭތޯ މަސައްކަތް ފެށިއެވެ.

ބަލަންވާ ބެލުންތައް ބެލުމަށްފަހު، ޑޮކްޓަރުން ނިންމީ، ނަބީލު އައިސީޔޫއަށް ލާށެވެ. އޭނާގެ ހިތުގެ މައްސަލަތަކެއް އުޅޭކަމަށް ފާހަގަކުރެވިގެންނެވެ.

ނަބީލު އައިސީޔޫއަށް ވެއްދިއިރު، އެ ދުވަހުގެ އަސުރުން އިރުތިރިވެއްޖެއެވެ. ސީމާ އިނީ އައިސީޔޫގެ ބޭރުގައި ދެ ލޮލުން ކަރުނަ ފޮހެލަފޮހެލައެވެ. އޭނާގެ ބިރުގަންނަނީއެވެ. ހިތް ބުނަނީ ނަބީލުގެ ފަހު ވަގުތުކޮޅު ގުނަންފެށީ ކަމުގައެވެ. އެހެން ހިތަށް އެރުމުން، ހިތަށް ކުރާ ބާރު ވަކިން ބޮޑުވެއެވެ. ނަބީލަކީ އޭނާގެ ހިތުގެ ދިރުމެވެ. ހިތުގެ ކާނާއެވެ. އޭނާގެ ހަޔާތަށް އައި ހަމަ އެކަނި ފިރިހެނަކީ ނަބީލެވެ. އޭނާގެ ހިތުގައި، އެހެން މީހަކަށް ދޭނެ ޖާގައެއް ނެތެވެ.

ނަބީލަށް މި ހާލަތު ކުރިމަތިވި ދުވަހުން ފެށިގެން، ސީމާގެ ހިތަށް އުނދަގޫކުރާ ސުވާލުތައް، މިއަދު ވަކީން ބޮޑަށް އޭނާއަށް އުނދަގޫ ކުރަން ފަށައިފިއެވެ. އެ ރޭ ފިލްމަށް ދާން އުޅުމުން، ނަބީލުގެ ބައްޕަ އެ ކަމާ ދެކޮޅު ހެދީ ކީއްވެ ބާވައެވެ؟ ނަބީލަށް މި ހެން މި ވީ ކީއްވެގެން ބާވައެވެ؟ ފިލްމެއް ބަލައިގެން މީހަކު ދުނިޔެއިން މޮޔަވެދާނެ ބާވައެވެ؟

މިއީ މިހާތަނަށް ސީމާއަށް ޖަވާބު ނުލިބި ހުރި ސުވާލުތަކެކެވެ. ޖަވާބު ބޭނުންވާ ސުވާލުތަކެއް ވެސް މެއެވެ. ނަބީލުގެ ބައްޕައަށް މި ކަން އެނގޭނޭކަމަށް އޭނާގެ ހިތް ބުނާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންނަމަވެސް އަހައިލާކަށް ނުކެރެއެވެ. ނަބީލް ބަލިވި ދުވަހުން ފެށިގެން ވަރަށް ދުރުކޮށް އުޅޭތީއެވެ. މަހަކު އެއް ދުވަހު ވެސް ގެއަށް ވަދެނުލާތީއެވެ. އެހެންނަމަވެސް މިއަދު އެ ސުވާލު އޭނާ ކުރާން ބޭނުމެވެ. މި ކަމުގެ ސިއްރު ހޯދާން ބޭނުމެވެ. ވަރަށް ގިނަގޮތްގޮތަށް ވިސްނުމަށްފަހު، އޭނާ ނިންމީ ޖަމާލަށް ގުޅުމަށެވެ. އެހެންނަމަވެސް މަންމައާއި ބައްޕަ ތިއްބާ އެ މައުޟޫޢަށް ވަންނާކަށް ބޭނުމެއް ނުވެއެވެ.

އެންމެފަހުން ޑޮކްޓަރުންގެ ފަރާތުން ލިބުނު ޚަބަރަށްފަހު، ސީމާގެ ހިތަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. ސީމާ އެ ރޭ ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ފަހުން އަންނާނޭކަމަށް ބުނެފައި، މަންމައާއި ބައްޕަ ދިޔައީ ގެއަށެވެ. އެއީ ޖަމާލަށް ގުޅަން އެންމެ ރަނގަޅު ގަޑިކަމަށް ބަލާފައި އޭނާ ޖަމާލަށް ގުޅިއެވެ.

ނަބީލު އައިސީޔޫއަށް ލީ ވާހަކަ ބުނުމާއެކު، މާ ގިނައިރެއްނުވެ ޖަމާލު ހޮސްޕިޓަލަށް އަތުވެއްޖެއެވެ. ސީމާ ގާތަށް އައިސް ނަބީލާ ބެހޭގޮތުން ވަރުވަރުން ސުވާލުތައް ކުރިއެވެ. ސީމާ ވަރަށް މަޑުމައިތިރިކަމާއެކު، އޭނާގެ ހުރިހައި ސުވާލަކަށް ވެސް ޖަވާބު ދިނެވެ.

"އަޅުގަނޑު އެބަ އޮތް ވަރަށް މުހިންމު ސުވާލެއް ބައްޕައާ ކުރަންވެފަ." އިސްދަށަށް ޖަހައިގެން އިނދެ މަޑުމަޑުން ސީމާ ބުންޏެވެ.

"ކޮން ސުވާލެއް؟" ސީމާއާ ދިމާއަށް ޖަމާލު ބަލައިލިއެވެ.

"ބައްޕަ ހިތަށް ވެސް ނާރާ ކަހަލަ ސުވާލެއް."

"ދަރިފުޅު ބޭނުން ސުވާލެއް ކުރޭ!"

އިސްއުފުލައި ޖަމާލުގެ މޫނަށް ސީމާ ނަޒަރު ހުއްޓައިލިއެވެ. އެ ނަޒަރުން ބުނާ ކަހަލައެވެ. ބައްޕާއެވެ! އަހަރެން ބައްޕައާ ކުރަން މި އުޅޭ ސުވާލަށް ތެދުބަހުން ޖަވާބު ދެއްޗެވެ. އެއްވެސް ކަމެއް ނުފޮރުވައްޗެވެ. މިއީ ބައްޕަގެ ދަރިފުޅާ ގުޅިފައިވާ ސުވާލެކެވެ. މަގޭ ފިރިމީހާގެ ހަޔާތާ ގުޅިފައިވާ ސުުވާލެކެވެ. އަހަރެން މި ކަންކަން އެނގެން ބޭނުމެވެ.

"ދަރިފުޅު ކޮން ސުވާލެއް ކުރަން ތި އުޅެނީ؟"

"ނަބީލަށް މި ހާލު މި ޖެހުނީ ކީއްވެ؟"

ސީމާގެ މި ސުވާލާއެކު ޖަމާލަށް ލިބުނީ ސިހުމެކެވެ. ސީމާ ކުރީ އޭނާ ހީ ވެސް ނުކުރާ ސުވާލެކެވެ. އޭނާ ހީކުރީ ސީމާ ކުރާނީ އެހެން ސުވާލެއް ކަމަށެވެ. ނަބީލު ގާތަށް ބައްޕަ ނާންނަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލަށް ދޭނެ ޖަވާބެއް ވެސް އޭނާ ވަނީ ހިތުގައި ލިޔެލާފައެވެ.

"ތި ސުވާލަށް ބައްޕަ ކޮން ޖަވާބެއް ދޭނީ؟"

"ބައްޕަައަށް މީގެ ސަބަބު އެނގޭނެއޭ އަޅުގަނޑުގެ ހިތް ބުނޭ!"

ޖަމާލުގެ ހިތް ތެޅެންފެށިއެވެ. އެ ފަދަ ވާހަކައެއް ސީމާ އެ ބުނަނީ ކީއްވެ ބާވައެވެ؟

"ބައްޕައަށް ނޭނގެއޭ ބުނެފިއްޔާ...؟"

"ޤަބޫލެއް ނުކުރާނަން!" ޖަމާލާ ދިމާއަށް ކުއްލިއަކަށް ހުއްޓުނު ސީމާގެ ތޫނު ނަޒަރު، ޖަމާލުގެ މޫނު ތޮރުފާލި ކަހަލައެވެ. "މި ކަމުގެ ސިއްރު ބައްޕައަށް އެނގޭނޭ މަގޭ ހިތް އަބަދު ވެސް ބުނޭ! ނަބީލު ބަލިވި ހިސާބުން ގެއަށް އައުން ވެސް ބައްޕަ ހުއްޓާލީ..."

"ބައްޕަ ދަމެއްނު!" ސީމާގެ ޖުމުލަ މެދުކަނޑައިލަމުން، އަވަސްއަވަހަށް ޖަމާލު ބުންޏެވެ.

"ވަރަށް މަދުން. މަހަކު އެއް ފަހަރު ވެސް ނުދޭ."

"އެއީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު. އެ ދަރިފުޅު އެ ފަދަ ހާލަތެއްގައި އޮންނައިރު، ބައްޕައަށް ގޮސް ބަލަން ހުންނަން ކެތް ނުވަނީ...." ޖަމާލުގެ އަޑު ތުރުތުރުއަޅައިގަތެވެ. ދެ ލޯ ތެމުނެވެ.

"އެހެން އެއްވެސް ސަބަބެއް ނެތް؟" ޖަމާލުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން ސީމާ، މި ރޭ ޖަމާލާ ކުރިމަތިލާފައި އެ ވަނީ ވަރަށް ކެރިގެންނެވެ.

"ދެން އެހެން ކޮން ސަބަބެއް އޮންނާނީ؟" ޖަމާލު އިނީ ސީމާއާ ހަތަރު ކަޅި ހަމަކުރަން ބޭނުން ނުވެފައެވެ.

"ބައްޕަ ކީއްވެތަ އެ ރޭ ފިލްމަށް ނުދާން އެހައިވަރަށް ނަބީލުގާތު ކީ؟"

ސީމާ މި ފަހަރު ކުރި ސުވާލާއެކު ޖަމާލަށް ލިބުނު ސިހުން ވަރަށް ބޮޑުވިއެވެ. އޭނާއަށް ދެ ލޯ ބޮޑުކޮށްފައިި ސީމާއާ ދިމާއަށް ބަލައިލެވުނެވެ. ހީވީ ބޮޑު ވައްކަމެއް ކުރަމުން ދަނިކޮށް، ކުއްލިއަކަށް ފަޅާއެރިހެންނެވެ. އޭނާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ. އެ ސުވާލު ސީމާ ކޮށްފާނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިޔެއް ނުވެއެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟ ކީއްވެތަ އެ ވަރަށް އެ ކަމާ ދެކޮޅު ހެދީ؟ ކޮންމެވެސް ސަބަބެއް އޮންނާނެ ދޯ!"

ބުނާނެ އެއްޗެއް ނޭނގި އިނދެފައި، އެންމެ ފަހުން ޖަމާލު ތެދުވެއްޖެއެވެ. އޭނާ ސީމާއާ ދިމާއަށް ބަލައި ވެސް ނުލައެވެ. ސީމާ ހީކުރީ އޭނާ އެ އުޅެނީ، އެ ވާހަކަ ކިޔައިދޭން ކަމަށެވެ. އެހެންނަމަވެސް ވީ އެހެނެއް ނޫނެވެ. އޭނާ ހިނގައިގަތީ ދުރަށެވެ.

"ބައްޕާ! ދަނީތަ؟"

ޖަމާލު އެނބުރި ބަލައި ވެސް ނުލިއެވެ. މަޑުޖެހި ވެސް ނުލިއެވެ. ދިޔަ ގޮތަށް ދިޔައީއެވެ. ސީމާއަކަށް މި މަންޒަރު ބަލާކަށް ނީނދެވުނެވެ. އޭނާ ތެދުވެގެން ހިނގައިގެންފިއެވެ.

"ބައްޕަ ނުބުނިއްޔާ އަހަންނަށް ހޯދުނު ގޮތަކުން އެ ސުވާލުގެ ޖަވާބު ހޯދާނަން!" ސީމާ ގޮސް ޖަމާލާ އަރައި ހަމަކޮށްފައި މިހެން ބުނިއިރު، އޭނާގެ އަޑުގައި ހުރީ ނުރުހުމުގެ ރާގެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox