ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ)

"ވީގޮތެއް ބަލާނެކަމެއް ނެތް. މި ސުވާލަށް ޖަވާބުދީ!" ބަދޫރާއާ ދިމާއަށް ޝަހާދަތް އިނގިލި މަޅައިލަމުން އިޤުބާލު އަމުރުކުރިއެވެ.

"އިޤުބާލު ނިކަން ހަމަޖެހިބަލަ! ކިހިނެއް ވެގެން ތި އުޅެނީ؟" ބަދޫރާ ކަންބޮޑުވިއެވެ.

"މި އަތުގެ ހޫނުކަން ދައްކާނުލަނީސް، މަގޭ ސުވާލަށް ޖަވާބުދީ!" އިޤުބާލު ކަނާތް އުފުލައިލިއެވެ. “ނަޖާހަކީ މާލޭ މީހެކޭ ޝިމާނާ ބުނިތަ؟" އޭނާގެ އަޑުގައި ހަރުކަށިކަން އިންތިހާއަށް އެކުލެވިފައި ހުރި ނަމަވެސް ވާހަކަ ދެއްކީ މަޑުންނެވެ.

"އާނ! ބުނި މާލޭ މީހެކޭ."

"ދެން ކީކޭ ބުނީ؟"

"ހަތް ބުރިއަށް ގެ ވެސް ނަގާފައޭ ހުންނަނީ ބުނި."

"ހުސް ދޮގު! އެއީ ހަމަ ހުސްދޮގު! ނުލަފާ ކުއްޖާގަނޑު!" އިޤުބާލުގެ ދެ ދަތްޕިލަ ޖެހިފިތުނެވެ. "އެ ނަޖާހަކީ އަހުލެއް ވަހުލެއް ނެތް ރަށްފުށު ސޮރުގަނޑެއް! މި ތާ ކުއްޔަށް ތެޅެނީ." އިޤުބާލު ހުރީ ބުރާންތިވެފައެވެ. "އެ ވަރުގެ ބޮޑު އޮޅުވާލުމެއް ޝިމާނާ އޮޅުވައިލަފާނޭ ކަމަކަށް، މަ ހީ ވެސް ނުކުރަން. ހުރެބަލަ ނިކަން! ކުޅި ދައްކާލާނަން!" އިޤުބާލު ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ބަދޫރާ ހުރީ އެ ހުރި ފިޔަވަޅުމަތީގައި ހުއްޓުން އަރާފައެވެ.

އެ ހުރި މުރަނަކަމުގައި، އިޤުބާލު އެ ދިޔަ ގޮތަށް ގޮސް، ޝިމާނާގެ ކޮޓަރީ ދޮރު ހުޅުވިއެވެ. ޓަކި ޖަހައިލުމެއް ވެސް ނެތިއެވެ. އޭރުވެސް ޝިމާނާ އޮތީ އެނދުމަތީގައެވެ. ހަދާނޭ ގޮތަކާމެދު ފިކުރުކުރާށެވެ. ފަރީހާ ގުޅާނޭ އިރެއްގެ އިންތިޒާރުގައެވެ. އެހެން އޮއްވާ ކުޅަނދުރަކަށް ވެގެން ބައްޕަ އައިސް ވަނުމުން، ޝިމާނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާގެ މޭ ނެގިނެގިފައި ޖެހެން ފެށީ، ބައްްޕަ ހުރިގޮތް ފެނިފައެވެ. އޭނާގެ ހިތް ވަގުތުން ބުނީ، ނަޖާހުގެ ގާތަށް ނުދިޔުމުން، ބައްޕަގެ ކެތްތެރިކަން ކޮޅުންލީ ކަމަށެވެ.

"ޝިމާނާ ކީއްވެ މައިންބަފައިނަށް ދޮގުހަދަނީ؟" އިޤުބާލުގެ ޝަހާދަތް އިނގިލި ޝިމާނާގެ ލޮލަށް ނުވަނީ ކިރިޔާއެވެ.

"ބޮލުގަ ރިއްސާތީ..." ޝިމާނާއަށް ހީކުރެވުނީ، ބައްޕަގެ އެ ސުވާލަކީ، ނަޖާހުގެ ގާތަށް ނުދިޔުމުން ކުރިމަތިވި ބިރުވެރި ސުވާލެއް ކަމަށެވެ.

"ކީއްވެހޭ ދޮގުހަދަނީ؟" ޝިމާނާގެ ޖުމުލަ މެދުކަނޑައިލަމުން، އިޤުބާލުގެ ސުވާލު ތަކުރާރުކުރީ ކުރިއަށްވުރެ ވެސް ހަރުކަށިކޮށެވެ.

"ދޮގެއް ނަހަދަން ބައްޕާ!" ޝިމާނާ ބިރުގަތްވަރުން ގޮސް ރޮވިއްޖެއެވެ.

"ނަޖާހަކީ މާލޭ ބޭފުޅެކޭ، ގެ ހުރީ މަތިމައްޗަށް ވިލާތަކާ ހަމައަށް ނަގާފައޭ ކިޔައިގެން އަމާގާތުގައި ވާހަކަދައްކައި، ލޮލުގައި އަނދުން އެޅުވުމަކީ ދޮގެއް ނޫންތަ؟"

"ތިހެނެއް ނުބުނަން. ދުވަހަކު ވެސް ނުބުނަން." ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު، އިޤުބާލާ ހަތަރުކަޅި ހަމަކުރަމުން ޝިމާނާ ރޮއިގަތެވެ.

"ދޮގުގެ މައްޗަށް ދޮގު! ތީ ތަ ދިން ތަރުބިއްޔަތުގެ އަގަކީ؟" ޝިމާނާ އޮތް އެނދުގެ މަގަތުގައި އިޤުބާލު އިށީނނެވެ. އޭރު އޭނާގެ ނޭވާ ހުރީ ކުރުވެފައެވެ. ދާ ތިކިތައް ފައިބައެވެ. "ހަނދާންކުރާތި! މީ އެންމެ ފަހުގެ ނިންމުން! ޝިމާނާއަކަށް ނަޖާހަކާ ނީނދެވޭނެ! މިއަދުން މިއަދަށް، މިހާރުން މިހާރަށް ޖެހޭނީ ތިކަން ހުއްޓާލަން. ރޮއިރޮއި މަރުވިޔަސް މި ނިންމުމެއް ބަދަލެއް ނުކުރާނަން! ރާއްޖެތެރޭ މީހަކާ ޝިމާނާއަކަށް ނީނދެވޭނެ!" އިޤުބާލު ވާހަކަ ދެއްކީ، ޝިމާނާއާ ދިމާއަށް ބަލައި ވެސް ނުލައި އިނދެއެވެ.

ބައްޕަގެ އެ ހަރުކަށި ބަސްތައް ވެގެންދިޔައީ، ޝިމާނާގެ ހިތަށް ލިބުނު ފަރުވާއަކަށެވެ. އިންޒާރުގެ ބަސްތައް އޭނާގެ ކަނިލަމުން ދިޔަ އުއްމީދުގައި އަލިކަން އުފެއްދިއެވެ. މޫނުމައްޗަށް އުޖާލާކަން ވެރިވާންފެށިއެވެ. އޭނާއަށް ވަގުތުން ތެދުވެވުނެވެ. ކުއްލިއަކަށް ހަށިގަނޑުގައި ވަރުޖެހުނުކަމުގެ އިޙުސާސެއް ކުރެވުނެވެ.

"ބައްޕާ!"

މަށާ ދިމާއަށް ބައްޕާއޭ ކިޔައިފައި މީގެ ފަހުން އެންމެ ލަފުޒެއް ވެސް ބުނަންވާނީ، އެ ނަޖާހާ ގުޅުން ކަނޑައިލާފަ." އިޤުބާލު އަދިވެސް އިނީ ނުވަދިހައިން މަތީގައެވެ.

"ބައްޕާ! ނިކަން ހަމަޖެހިގެން އަހަރެންގެ ވާހަކަ ވެސް އަޑުއަހާބަލަ!" ބައްޕަގެ ވިސްނުން ބަދަލުވެފައި ހުރުމުން، ޝިމާނާއަށް ވެސް ވަނީ، އެ މައުޟޫޢުގައި ބައްޕައާ ވާހަކަ ދައްކާނެ ހިތްވަރު ލިބިފައެވެ. "ބައްޕައަށް ތި އުޅެވެނީ ވަރަށް ބޮޑު ކުށްހީއެއް ކުރެވިގެން."

"ކުށްހީއެކޭ؟ ބަލަ ނަޖާހު އަމިއްލައަށް ހުރިހައި ކަމަކަށް އިއުތިރާފުވެއްޖޭ. އެއީ ރަށްފުށު މަރުމޯލެއްނު! ގެއެއް ނެތް ތާނގައި، ދިރިއުޅޭނެ ފިޔަފާޅިގަނޑެއް ވެސް މި ތާކު އޭނާގެ ނެތް! މަށަށް ވުރެ ވެސް ހާލު ބޮޑު. އޭނައާ އިނދެފިއްޔާ، އަނެއްކާ އަނެއް ބުރަ މަށަށް އުފުލަން ޖެހޭނީ. އޭނާއާއި އޭނާގެ މުސްކުޅި އަމާ ވެސް މަގޭ ބޮލުގަ އެޅޭނީ. އަދިވެސް މަށަށްތަ އޮޅިގެން މި އުޅެނީ،"

"ޕްލީޒް ބައްޕާ! އަހަރެން މި ކިޔާ އެއްޗެއް ވެސް އަޑުއަހައިލަބަލަ! އަހަރެން ނަޖާހާ އިންނާކަށް ނޫޅެމޭ ބައްޕާ! އެއީ އަހަރެންގެ ހިތުގައި ދުވަހަކު ވެސް އޮތް ކަމެއް ނޫނޭ!" ޝިމާނާގެ އަޑުގައި ތުރުތުރެއް ހުއްޓެއްކަމަކު ހިތްވަރު ހުރިކަން ފާހަގަވެއެވެ.

ޝިމާނާގެ މި ޖުމުލައާއެކު އިޤުބާލުގެ ބަސް ހުއްޓުނެވެ. ފާޑަކަށް ޝިމާނާއާ ދިމާއަށް ބަލައިލެވުނެވެ. ހީވަނީ އިވުނު އަޑާމެދު އިތުބާރު ނުކުރެވިފައި ހުރިހެންނެވެ.

"ކީކޭ؟ ކީކޭ ތި ބުނީ؟" ލޯ ކުޑަކޮށްފައި ޝިމާނާއާ ދިމާއަށް ބަލައިލިއިރު، އިޤުބާލުގެ އަޑުން ހަޅައިގެ އަސަރު ވަނީ ކެނޑިފައެވެ.

"ހަމަ ތެދެއް ބައްޕާ!"

"ދެން...؟ ދެން ކޮން ގަނޑެއް ތި ގަންނަނީ؟"

"އެއީ... އެއީ..."

ނަޖާހު ސިޓިންރޫމުގައި އިނެވެ. އިންތިޒާރުގެ ވަގުތުތައް ދިގުލަމުން ދެއެވެ. އޭނާއަށް އިރުއިރުކޮޅުން ގަޑިއަށް ބަލައިލެވެއެވެ. މޫނުމަތީގައި ނުތަނަވަސްކަމުގެ އޮއިވަރެއް ހިނގާން ފަށައިފިއެވެ. ހިތް ބުނަނީ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމަށެވެ. ޝިމާނާ އޭނާއާ ދުރުހެލިވާން މަސައްކަތްކުރާކަން އޭނާއަށް ފާހަގަކުރެވެއެވެ. އޮލިމްޕަހުން ބައްދަލުވި ރޭ ހުރި ކަހަލަ ގާތްކަމެއް، ލޯބިވެތި ގޮތެއް މިހާރު ނުހުރެއެވެ. އެހެންނަމަވެސް އޭނާ މަސައްކަތްކުރަމުން ގެންދިޔައީ، އެ ނުތަނަވަސް ޚިޔާލުތަކުން ހިތް ސާފުކުރެވޭތޯއެވެ. ކޫސަނި ވަސްވާސްތަކުން ހިތް ސަލާމަތްކުރެވޭތޯއެވެ.

މި ބޭކާރު މަސައްކަތުގައި ނަޖާހު އިންދާ، އިޤުބާލު އައިސް ސިޓިންރޫމަށް ވަދެއްޖެއެވެ. އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ، އިޤުބާލާއެކު ޝިމާނާ އައިތޯއެވެ. އިޤުބާލު އައިސް ހުރީ އެކަންޏެވެ. ޝިމާނާއެއް ނެތެވެ. ޔަޤީނެވެ. ޝިމާނާ އޭނާގެ ގާތަށް އަންނާން ބޭނުން ނުވީއެވެ. ކައިވެންޏާ ދެކޮޅުހެދީއެވެ. އިޤުބާލު އެ އައީ އެތައް ވާހަކައެއް ޝިމާނާއާ ދައްކާފައެވެ. އެތައް އާދޭހެއް ކޮށްފައެވެ. މިތަނަށް ގެނެވޭތޯ ވެސް އެތައް މަސައްކަތެއް ކޮށްފައެވެ.

"ބައްޕާ! ކޮބާ ޝިމާނާ؟" ނަޖާހަށް އަވަސް އަވަހަށް އަހައިލެވުނެވެ. އެ އަޑުގައި ރިހުމެއް އެކުލެވިފައި ހުރިކަން ޚުދު އޭނާއަށް ވެސް ފާހަގައެއް ނުކުރެވެއެވެ.

"ތި ގޮނޑިން ތެދުވެބަލަ!" ނަޖާހާ ތިން ހަތަރު ފޫޓު ފޭގައި ހުރި އިޤުބާލުގެ އަޑުގައި ހުރީ ރުންކުރުކަމާއި ހަރުކަށިކަމެވެ. އެތައް ހާސް ކިލޯމީޓަރެއްގެ ދުރުކަމާއި ބީރައްޓެހިކަމެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox