ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

ނަޖާހު އިނީ ޝިމާނާ ފެންނާނެ އިރަކަށް ކެތްމަދުވެފައެވެ. މިއަދު އަދި އޭނާއަކަށް ޝިމާނާގެ މޫނެއް ނުފެނެއެވެ. އޭނާގެ ދެ ލޯ އަބަދު އެދިއެދި ހުންނަނީ ޝިމާނާގެ ސޫރައަށެވެ. އެ ދެ ލޯ އެހެން އެއްޗެއް ދެކޭކަށް ބޭނުމެއް ނުވެއެވެ. އެެހެން ކޮންމެ އެއްޗަކީ އެ ދެ ލޮލަށް ބޭކާރު އެއްޗެކެވެ. ޝިމާނާގެ ރީތި ސޫރަ ފެންނަ ކޮންމެ ފަހަރަކު އެ ދެ ލޮލަށް ދިރުންލިބެއެވެ. އެސްފިޔަ ޖަހާލަން ވެސް ބޭނުންނުވެއެވެ. ކައިވެނީގެ ވާހަކަ އިޤުބާލު ބުނި ސިކުންތުން ފެށިގެން، ޝިމާނާއަށް ޓަކައި އޭނާގެ ދެ ލޯ ކުރާ އިންތިޒާރު އެތައް ހާސް ގުނައަކަށް ވަނީ އިތުރުވެފައެވެ.

ނަޖާހު ހީކުރީ އިޤުބާލުގެ ފަހަތުން ޝިމާނާ އަންނާނޭ ކަމަށެވެ. އެހެންކަމުން އިޤުބާލު އައިސް އިށީންނުމާއެކު، ޝިމާނާ ކޮބައިތޯ އަހައިލެވުނެވެ.

"އެބަ އާދޭ!" ސޯފާގައި ޖައްސައިލަމުން، އިޤުބާލު ހިނިތުންވެލިއެވެ. "ޢާއިލާގެ މީހުންގެ ގާތުގައި ކައިވެނީގެ ވާހަކަ މި ރޭ ދައްކާންވާނެއެއްނު!"

"މަންމަ ގާތުގައި މިހާރު ވެސް ބުނެފަ އޮންނާނީ، މީހަކާ އިންނަން އުޅޭ ވާހަކަ."

"އެހެންތަ؟ މަންމަ ކީކޭ ބުނީ؟" ހިނިއައިސްފައި އިނދެ، އަވަސް އަވަހަށް އިޤުބާލު އަހައިލިއެވެ.

"މަންމަ ވަރަށް އުފާވި. މަންމަ ދުނިޔޭގައި އިންދާ، އަހަރެން މީހަކާ އިންނަން މަންމަ ވަރަށް ބޭނުންވާނެ. މާދަރިއަކު އުރާލައި ހިތް ވެސް ވަރަށް ބޮޑަށް ވާނެ." އިސްދަށަށް ޖަހައިގެން އިނދެ، ނަޖާހު ވާހަކަ ދެއްކިއެވެ.

"މަންމައާއި ބައްޕަގެ ހުންނަނީ ނަޖާހު އެކަނިތަ؟"

"އާނ! އެހެން ކުއްޖަކު ނުހުރޭ."

ނަޖާހުގެ އެ ޖުމުލައާއެކު އިޤުބާލަށް އަނގަ ކައިލެވުނެވެ. ހިތްދިރުވައިލެވުނެވެ. ނޭނގި ހުއްޓާ އައިސް އަތުގައި މި ހިފީ، ކޮންފަދަ ބޮޑު ނަސީބެއް ހެއްޔެވެ؟ ނަޖާހަކީ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ދަރިއެވެ. އެ އެ އަގުބޮޑު ދަރި، އޭނާގެ އާއިލާއާ ގުޅުނީއެވެ. މާލޭން ބޮޑު ބިމެއްގެ ނަސީބުވެރިއަކަށް އޭނާގެ ނިކަމެތި އަންހެން ދަރިވީއެވެ. އޭނާ ބޭނުންވީ ވަގުތުން ޝިމާނާ ގާތަށް ދާށެވެ. އެ މަންޖެ އުރައިލާށެވެ. ތީ މި ބައްޕަގެ ޙަޤީޤީ ދަރިއެކޭ ބުނެލާށެވެ.

"ކައިވެނީގެ ކުރީން ދެ އާއިލާ ބައްދަލުވެލާން ވެސް ވާނެއެއްނު. މި ކަހަލަ ކަމެއް ނިންމާއިރު އެއް ބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވެ، ރައްޓެހިކަން ވެސް އޮންނާންވާނީ އުފެދިފަ." އިޤުބާލުގެ ހިތަށް ލިބިފައިވާ އުފާވެރިކަން، އޭނާގެ މޫނުމަތީންނާއި ދެ ލޮލުން ފާޅުވާން ހުއްޓެވެ.

ނަޖާހުގެ ތަނަވަސްކަމާ ގުޅުވައިގެން އިޤުބާލު ފޮނި ހުވަފެންތައް ދެކެމުންދިޔަ ނަމަވެސް، ނަޖާހުގެ ސިކުނޑީގައި މުގޯލިއަޅަނީ ޝިމާނާއެވެ. އޭނާގެ ހުރިހައި އިންތިޒާރެއް ގުޅިފައިވަނީ ޝިމާނާއާއެވެ. ޝިމާނާ އަންނާނޭ ވަގުތަކަށެވެ. އޭނާގެ ހިތް ބުނަނީ، ދެން މާ ގިނައިރެއް ނުވެ ޝިމާނާ ފެނުމުގެ ނަސީބު އޭނާއަށް ލިބިދާނޭ ކަމަށެވެ. އެހެންނަމަވެސް ޙަޤީޤަތަކީ، ޝިމާނާ އަދި ވެސް އޮތީ އެނދުމަތީގައެވެ. ދެ ލޮލުން ފައިބާ ކަރުނަތައް ފޮހެލަމުން، އޭނާ ތެދުވެ ފޯނު އޮންކޮށްލިއެވެ. ފުރަތަމަވެސް އައީ ނަޖާހުގެ މިސްކޯލު މެސެޖެވެ. ބަލައިލިއިރު އަށާރަ ފަހަރު ނަޖާހު ގުޅާފައި އޮތެވެ.

ޝިމާނާ އަވަސް އަވަހަށް ފަރީޙާއަށް ގުޅައިލިއެވެ. އޭނާގެ ސިކުނޑި ވަނީ، ވަރުބަލިވެފައެވެ. އެ ސިކުނޑިއަކަށް އެކައްޗެއް ވެސް ނުވިސްނެއެވެ. އޭނާ ފަރީޙާއަށް ގުޅީ، ޚިޔާލަކަށް އެދި އާދޭސްކުރާށެވެ. ރަނގަޅު ޚިޔާލެއް ދޭނަމޭ ބުނެފައި އޮތީމައެވެ.

ދެތިން ރިންގާއެކު ފަރީޙާ ފޯނު ނެގިއެވެ. އޭނާ ރޮވިފައި އިނދެ، ނަޖާހު އައިސް އިން ވާހަކައާއި ބައްޕަ އައިސް ނަޖާހުގެ ގާތަށް ދާން ބުނި ވާހަކަ ބުނެ، ދެން ހަދާންވީ ގޮތުގެ ޚިޔާލަކަށް އެދުނެވެ.

"މަށަށް ފެންނަނީ ލަދު ކަނޑާލައިފައި، ހުރިހައި ވާހަކައެއް މަންމައަށް ކިޔައިދޭން. ބުނޭ ނަޖާހަކީ ބިޓެއް ނޫނޭ. މަންމަމެންނަށް ތި އުޅެނީ އޮޅިގެންނޭ. ކިތަންމެ ރުޅި އަޔަސް މިހާރު ދެން ޙަޤީޤަތް ހާމަކުރާން ތި އޮތީ ޖެހިފަ." ފަރީޙާ ވިސްނައިލުމަށްފަހު، އޭނާއަށް ފެންނަ ލަފާ ދިނެވެ.

"ފަރީއަށް ކެރޭނެތަ މަންމައަށް ގުޅާފައި ތި ވާހަކަތައް ކިޔައިދޭން؟"

"އާނ! ތިހިސާބަށް ކަންތައް ދިޔައިމަ ނުކެރި ހުރެގެން ވާނެތަ؟ މުސްކުޅިން ބުނެއެއްނު، ލަދަކާ ހުރެ ތަދެއް ނުފިލާނެއޭ. ގެނޭ ނަންބަރު!"

ޝިމާނާ ފޯނު އޮންކުރި މެސެޖު އައުމުން، ނަޖާހު އިނީ ފޯނު ނަގައިގެން އެއަށް ބަލާށެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ، ޝިމާނާ އެ އުޅެނީ ތައްޔާރުވެގެން ކޮޓަރިން ނިކުންނާށެވެ. ފޯނު އޮންކުރީ އެހެންވެއެވެ.

"ބައްޕަ އުޅެނީ ވަޒީފާއެއްގަތަ؟" އިޤުބާލުގެ ސުވާލު ނަޖާހަކަށް ނީވުނެވެ.

"ދަރިފުޅާ!"

"ކީކޭ ބައްޕާ!" ނަޖާހު ކުޑަކޮށް ސިހިފައި އިޤުބާލާ ދިމާއަށް ބަލައިލިއެވެ.

"ބައްޕަ ބުނީ ދަރިފުޅުގެ ބައްޕަ އުޅެނީ ވަޒީފާއެއްގަހޭ؟ ނޫނީ ވިޔަފާރިއެއް ކުރަނީހޭ؟"

"އަހަރެން ވަރަށް ކުޑައިރު ބައްޕަ ވަނީ މަރުވެފަ." ނަޖާހުގެ އަޑުގައި ހިތާމައިގެ ރަހަ ހިފިއެވެ.

"އެހެންތަ؟" އެ ސުވާލު ކުރެވުނީތީ އިޤުބާލު ދެރަވިއެވެ. "ބައްޕަ ހީކުރީ..." އިޤުބާލު ބުނަން އުޅުނު ޖުމުލަ ނުބުނެ ހުއްޓާލީ ނަޖާހަށް އަސަރުކޮށްފައި އިނީމައެވެ.

"ބައްޕަ ދުނިޔޭގައި ހުރިކަމަށް ދޯ ހީކުރީ." އިޤުބާލު ބުނާން އުޅުނު ޖުމުލަ ނަޖާހު ފުރިހަމަކޮށްލިއެވެ. ހިނިތުންވެލަމުންެނެވެ. "މަންމައާއި އަހަންނާ އެކަނި ތިބީ. މަންމަ ވެސް މިހާރު އުޅެނީ ވަރަށް ބަލިވެ. ނުވެސް ތެދުވެވޭ."

"އެހެންތަ؟ ކިހިނެއްވީ؟"

"މުސްކުޅި ބަލި. އެހެންވެ މިހާރު މި އުޅެނީ ޑޮކްޓަރަށް ދައްކައިލާން މާލެ ގެންނަންވެގެން."

"މާލެ ގެންނާށޭ؟" އިޤުބާލުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ބޮޑު ސުވާލުމާކަކުން މުޅި މޫނުމަތި ފުރުނެވެ. "މަންމަ އުޅެނީ މާލެއަކު ނޫންތަ؟ ރާއްޖޭން ބޭރުގަ؟"

"ބައްޕަ ދައްކާ ވާހަކަ." ނަޖާހުގާތަށް ހިނިއައެވެ. އޭނާ ހީކުރީ އިޤުބާލު ހަމަ ގަސްތުގައި ސަމާސާއެއް ކޮށްލީ ކަމަށެވެ. "މަންމަ އުޅޭނީ ރަށުގައެއްނު. ރާއްޖޭން ބޭރުގަ އުޅެވޭނީ..."

"ނަޖާހު ތީ މާލޭ މީހެއް ނޫންތަ؟" ނަޖާހުގެ ޖުމުލަ މެދުކަނޑައިލަމުން، އަވަސްއަވަހަށް އިޤުބާލު އެހިއެވެ. އޭރު އޭނާގެ ދެ ބުމަ ވަނީ ގޮށްޖެހި ބާރުވެފައެވެ. ކަޅި ހުއްޓިިފައި ހުރީ ނަޖާހުގެ މޫނަށެވެ.

"އާނ! އަހަންނަކީ ވެސް ހަމަ ބައްޕަމެން ކަހަލަ ރަށްފުށު މީހެއް."

"ދެން...؟ ދިރިއުޅެނީ؟" އިޤުބާލުގެ އަޑާއި ރާގު ބަދަލުވަމުން ދިޔައެވެ.

"ކުޑަ ތަންކޮޅެއް ކުއްޔަށް ނަގައިގެން."

އިޤުބާލުގެ ބަސް ހުއްޓުނެވެ. ހިތް ތެޅެން ފެށިއެވެ. އާދަޔާޚިލާފަށް ބާރަށެވެ. ނާރުތަކުގައި ދައުރުވަމުން ދާ ލޭގެ ހިނގުން ވަނީ، އިންތިހާއަށް އަވަސްވެފައެވެ. އިސާހިތަކުން މުޅި ހަށިގަނޑުން ދާތިކިތައް ނިކުމެ، ހަށިގަނޑު ތެންމާން ފެށިއެވެ. ދެ އަތް މުށްކެވި، ތުރުތުރުއަޅާން ފެށިއެވެ. އިރުކޮަޅަކުން ފެނުނީ، އިށީނދެ އިން ގޮނޑިން ފުންމައިގެން ތެދުވިތަނެވެ. ދުރުދުރުގައިި ފިޔަވަޅުއަޅަމުން، އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ނަޖާހަށް އިނދެވުނީ ވާނުވާ ނޭނގިފައެވެ.

ނަމާދުކޮށް ނިމިގެން ކޮޓަރީގައި ފުނާއަޅަން ބަދޫރާ ހުއްޓާ، ކުއްލިއަކަށް ދޮރުހުޅުވާލައިފައި އިޤުބާލު ވަދެއްޖެއެވެ. ހީވީ ތަނެއް ސުންނާފަތިކޮށްލަން މީހަކު އައިސް ވަންހެނެވެ. ބަދޫރާއަށް ސިހިފައި އަވަސްއަވަހަށް ބަލައިލެވުނެވެ. ފެނުނީ މުޅިން ތަފާތު އިޤުބާލެކެވެ. މޫނުމަތި ހުރީ ރަތްވެފައެވެ. ދެ ލޯ ބޮޑުވެ، ނޭވާ ކުރުވެފައެވެ.

"ދޮގު ނުހަދާ ރަނގަޅަށް ބުނާތި! ނަޖާހަކީ މާލޭ މީހެކޭ ޝިމާނާ ބުނިތަ؟" އިޤުބާލުގެ ހަށިގަނޑެކޭ އެއްފަދައިން، އޭނާގެ އަޑު ވެސް ތުރުތުރުއަޅައެވެ.

"ކިހިނެއްވީ އަނެއްކާ؟" އިޤުބާލަށް ވެފައި ހުރި ވަރު ފެނިފައި، ބަދޫރާއަށް އަހައިލެވުނެވެ. ކޮންމެވެސް ކަމެއް ވަރަށް ބޮޑަށް ގޯސްވެއްޖެކަމުގައި އޭނާގެ ހިތް ބުނެފިއެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox