Advertisement

ދިގުވާހަކަ: އޮލިމްޕަސް

2 މޭ 2021 - 12:43 1

މުހައްމަދު ގާސިމް

މުހައްމަދު ގާސިމް


ދިގުވާހަކަ: އޮލިމްޕަސް

2 މޭ 2021 - 12:43 1

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

"ޓްވިންޕީކްސްގެ ހިތްފަސޭހަ މާހައުލު، ޝިމާނާގެ ހިތަށް ކަށިހަރަމުން ދިޔައިރު، ނަޖާހުގެ ތުންފަތްމަތީގައި ދުވެލަދުވެލައި ހުރީ، މާމުއީގެ ހިނިތުންވުމެކެވެ. އޭނާއަށް ވަނީ އެއް ފަހަރާ އެތައް އުފަލެއް ލިބިފައެވެ. ތަޖުރިބާކުރެވެމުން ދަނީ ގަބޫލުކުރަން ދަތި ވަގުތުތަކެކެވެ.

"މަ ހީކުރި ވަރަށް ވުރެ ޝިމާނާގެ ބައްޕަ މާ ކޫލް. ވަރަށް ވިސްނޭ ރަނގަޅު ބައްޕައެއް ލިބިފަ ތި ވަނީ."

"ކޮން ވާހަކަ އެއްތަ ދައްކަން އޭރު އުޅުނީ؟" ނަޖާހު ދެއްކި ވާހަކަ ޝިމާނާއަށް އިވުނުހެނެއް ހިޔެއް ނުވެއެވެ. އޭނާ ފެށީ އެހެން ވާހަކައެކެވެ.

"ކޮން ވާހަކައެއްހެން ހީވަނީ؟"

"ނޭނގޭ. ބުނެބަލަ!" ޝިމާނާ އިނީ ނަޖާހާ ދިމާއަށް ބަލައިލާން ވެސް ބޭނުން ނުވެފަ އެވެ.

"އަހަރެން ވަރަށް ކުރިއްސުރެ ޝިމާނާ ދަންނަން." އިސްދަށަށް ޖަހައިގެން އިން ޝިމާނާއާ ދިމާއަށް ބަލަހައްޓައިގެން އިދެ، ނަޖާހު ވާހަކަ ދައްކާން ފެށި އެވެ. "ޝިމާނާ އޮފީހަށް ދާއިރު، ކޮންމެ ދުވަހަކު ވެސް ދާނީ އަހަރެން އުޅޭ ގޭގެ ކުރިމަތިން. ޝިމާނާ ދާއިރު، އަހަރެން ނިކުމެ ބަލަން ހުންނަކަން އެނގޭތަ؟"

"އެހެން ނޭނގޭ." ޝިމާނާ ހަމަ ގަސްތުގައި ނޭނގޭކަމަށް ހެދިއެވެ. އެހެންނަމަވެސް އޭނާއަށް ވަނީ އެކަން ފާހަގަކުރެވިފައެވެ. ނަޖާހު އެ ގޮތަށް ކޮންމެ ދުވަހަކު ބަލަން ހުންނާތީ، އޭނާއަށް ވަރަށް އުނދަގޫ ވެސް ވެއެވެ.

"އެންމެ ރަނގަޅުތަ އަހަރެން ޝިމާ ކިޔަސް؟"

ނަޖާހުގެ އެ ސުވާލަށް، ޝިމާނާ އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަޖާހާ ދިމާއަށް ބަލައިލަމުން، މަލާމާތުގެ ގޮތަކަށް ހިނިތުންވެލީ އެވެ. އެ ހިނިތުންވުން ނަޖާހަށް ވެގެންދިޔައީ، އޭނާގެ ހިތުގައި ދެމެމުން ދިޔަ އުފާވެރިކަމުގެ އޮއިވަރު އިތުރަށް ހަލުއިކޮށްލި ހިނިތުންވުމަކަށެވެ.

"އެހެންވިއްޔާ އަހަރެން ދެން ކިޔާނީ ޝިމާ."

ޝިމާނާ ބޭނުންވަނީ ނަޖާހު އަރައި އިން ތަނުން ބާލައި، ހަމަ ބިމަށް ތިރިކުރާށެވެ. އެ އުސްގަނޑަށް ނަޖާހު އެރުވީ ވެސް ޝިމާނާއެވެ. އެ ކަމަށް އޭނާއަށް އޭރު ހިތްވަރު ލިބުނެވެ. އެހެންނަމަވެސް އެ ތަނުން ނަޖާހު ބާލާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ހިތްވަރު ލިބުނު ދުވަހަކުން އޭނާ ބުންނަ ބޭނުން ވެއެވެ. މީނދަ ފެންނަ މޮޔަ ފިރިހެނާ އެވެ. ކަލޭ ތިޔަ ދެކެނީ ކޮން އަވާމެންދުރެއް ހެއްޔެވެ؟ އެ ރޭ ސިނަމާތެރޭގައި އަހަރެން ކުޅުނީ ޑްރާމާއެކެވެ. އެއީ އަތުގައި ފައިސާ ނެތީމާ، އެކުވެރިންނާއެކު ހިލޭ ފިލްމަށް ވަދެލަން ބޭނުންވެގެން ކޮށްލި އެކްޓެކެވެ. ކަލެއަށް ތިޔަވަރު ވާނޭކަން އެނގޭ ނަމަ، އެ ޑްރާމާއެއް އަހަރެން ނުކުޅުނީމުހެވެ. އާދޭސްކޮށްފައި ބުނަމެވެ. ތިޔަ ފޮލާތަށް ނުކައްކަބަލާށެވެ! އަހަރެން ކަލެއަކާ ނީންނާނަމެވެ.

"މި ރޭ އަހަރެން މި އިނީ ވަރަށް އުފާވެފަ. ވަރަށް ކުރިންސުރެ އަހަރެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް މި ވީ. ތެންކްޔޫ ޝިމާ" ނަޖާހުގެ ދެ ލޮލުން ކަރުނަތައް ވިދާންފެށިއެވެ. އުފާވެރިކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ. "ހިނގާ އެއްޗަކަށް އޯޑަރުދޭން!" ޝިމާނާއަށް ސިއްރުން ނަޖާހު ދެ ލޯ ފޮހެލި އެވެ.

"ދެން ކޮންމެހެން ދެ ލޯ ފޮހޭނެކަމެއް ނެތް! އަމިއްލައަށް ފޭހުނު އިލޮށިގަނޑު ތި ހެރުނީ." ނަޖާހުގެ ވާހަކަތައް އައިޝާއަށް ކިޔައިދިނުމުން، އައިޝާއަށް ޖަހައިލެވުނީ ހިނިގަނޑެކެވެ. ޝިމާނާ ކިތަންމެ ދެރަވެފައި އިން ނަމަަވެސް، އައިޝާއަކަށް ސީރިޔަސްއެއް ނުވެވުނެވެ.

"ދެން އަދިވެސް ހެނީތަ؟ މަ މިހިރަ މޮޔަވަނީއޭ!"

"ދެން ހިންޏެއްނު އަންނާނީ." އައިޝާ އަނެއްކާ ވެސް ހޭންފެށި އެވެ. "ތިހެން ދެރަވެފައި އިންނާކަށް ޝިމާއަކާ ނުވެސް ގުޅޭ. ހުވާ މި ބުނީ، ފަރީޙާގާތުގައި ވެސް ތިވާހަކަ ދައްކާނަން."

"ޕްލީޒް! އައިޝާ! ސީރިޔަސްވެބަލަ!"

"ފިލްމަށް ވަން ރޭ ހާދަ ގަޓްހުއްޓޭ. ކަމަކާ ޖެހުނީމަ މީހާ ތި އިނީ ގުނބޯލަކަށްވެފަ."

"އަޅެ ދެން ކޮންމެވެސް އައިޑިއަރ އެއް ދީބަލަ! މި ކަމުން ސަލާމަތްވާން އެބަ ޖެހެއޭ." ޝިމާނާގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ.

"ސާބަސް ޝިމާއަށް! ތީ ސަލާމަތް ނުވެވޭވަރުގެ ކަމެއްތަ؟ ބައްޕައަށާ ނަޖާހަށް ހަގީގަތް ކިޔައިދީފަ ތިކަން ނިންމާލަބަލަ! ހަމަ ތެދެއް މި ބުނި. އަހަންނަކަށް ތިކަމުގަ ސީރިޔަސްއެއް ނުވެވޭނެ." އައިޝާ ނުހޭން ހުއްޓަސް ހިނިއާދެއެވެ. ޝިމާނާ އިން ގޮތުންނެވެ. އަމިއްލަ އަތުން ކޮނުނު ވަޅަށް ވެއްޓިފައި އިނީމަ އެވެ.

"މައްސަލައަކީ ނަޖާހެއް ނޫން. ބައްޕަ. ބައްޕަ ނަޖާހަށް މާ ބޮޑަށް ލައިކްވަނީ. ރެސްޓޯރެންޓުން ނިމިގެން ގެއަށް އައިއިރު، ނަޖާހު ގެއަށް ނުގެނައިމަ، އެ ކަމާ ވެސް ބައްޕަ ޝަކުވާކުރި. އެހައި ހިސާބުގަ ބައްޕަ ހުއްޓާ، ކިހިނެއް ނަޖާހުގެ ގާތުގައި ޙަޤީޤަތް ހާމަކުރާނީ؟ އެކަމާއޭ މި ބޯ ގޮވަނީ."

"ދެން ފައިރޫޒު ގާތުގައި މިހާރު ތި ވާހަކަ ބުނެފިން؟"

"ނުބުނަން." އަވަސް އަވަހަށް ޝިމާނާ ބޯ ހޫރައިލިއެވެ. "ކެރޭނެތަ ބުނަން؟ މަށަށް ހީވަނީ މި ދަންތުރާގަ އެންމެ ފަހުން ރަނގަޅަށް އަހަރެން މި ޖެހުނީހެން."

"ކީއްވެ ތިހެން ތި ބުނީ؟"

"ބައްޕައަކީ ނިކަން ފާޑެއްގެ މީހެއް. މީހާ އަނދައި ހުލިވާއިރު ވެސް ބުނެފި ބަހެއްގަ ހިފަހައްޓާނެ."

"އަސްލުވެސްތަ؟" އައިޝާގެ މޫނުމަތިން ފުރަތަމަ ފަހަރަށް ސީރިޔަސްކަމުގެ ކުލަ ފާޅުވިއެވެ. "އެހެންވިއްޔާ ތީ ސީރިޔަސް މައްސަލައެއް."

"ބޮޑު ކަމެއް އެ ނަޖާހަކާ ހެދި. އެ ރޭ ފިލްމަށް ނުދެވުނުނަމައޭ މިހާރު ހިތަށް އަރާ." ޝިމާނާ އިނީ ކޮޅުމަގަށް އަރާފަ އެވެ.

އިރާކޮޅުގެ ވަގުތެވެ. ނަޖާހު އޮތީ އޭނާގެ ކޮޓަރީގައެވެ. އަށް ފޫޓު ދިހަ ފޫޓުގެ އެ ކޮޓަރީގައި، ނަޖާހުގެ ހިމާޔަތުގައި ވަނީ، ތެޅިގަލުން ރާނާފައި ހުރި ހަތަރު ފާރާއި ހާމައަށް ފެންނާން އޮތް ދުވަސްވީ ޓިނު ފުރާޅެވެ. ފާރުތަކުގެ ކުލަ މަރުވެފައި ހުރި ގާތަކާއި، ދަބަރަށް ޖާގަހިފާފައި ހުރި ޓިނު ފުރާޅު، މި އުދާސްކޮޓަރިން މިންޖުވެވޭނެ ދުވަހަކަށް އިންތިޒާރުކުރަމުން ގެންދެ އެވެ.

ނަޖާހު އޮތީ ގަޑިއަށް ބަލަބަލައެވެ. 6:45 ހިނގާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. އެ ގަޑިއަށް މަންމަ ފަރާތު ބޮޑުދައިތަ ބޫތުދޮށަށް އަންނާނެއެވެ. މަންމަ ބަލިކޮށް އުޅޭތީ، ބުތާ ހަމައަށް އާދެވޭވަރެއް މިހާރު މަންމައަކަށް ނުވެއެވެ. އެހެންކަމުން މަންމަގެ ހާލު ބަލައި ކަންކަން ކުރަނީ، ބޮޑުދައިތައަށް ގުޅައިގެންނެވެ.

ގަޑިން 6:45 ހިނގުމާއެކު ނަޖާހު ގުޅިއެވެ. އެ ކޮޅުން ފޯނު ނެގީ ބޮޑުދައިތައެވެ. ބޮޑުދައިގެ ވާހަކައިން ނަޖާހުގެ ހިތަށް ތަދުވިއެވެ. މަންމަގެ ބަލިހާލު، އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދާ ވާހަކަ ބުނުމުންނެވެ. އެހެންކަމުން ނަޖާހު ގަސްތުކުރީ، އެންމެ އަވަހަށް އަންނަ އޮޑިއަކުން، މަންމަ މާލެއަށް ގެންނާށެވެ. އޭނާ ފިޔަވައި މަންމައަށް އެހީތެރިވާނެ މީހަކު ނުހުންނާނެ އެވެ. ބައްޕަ ވަނީ މީގެ ދިހަވަރަކަށް އަހަރު ކުރީން، ދުނިޔެ ދޫކޮށްފައެވެ. މަންމައާއި ބައްޕައަށް ފަސް ކުދިން ލިބުނެވެ. ނަޖާހަކީ އެންމެ ހަގު ދަރިފުޅެވެ. ދޮށްޓަށް ލިބުނު ހަތަރު ބެއިން، ޅަފަތުގައި ދުނިޔެ ދޫކުރީ އެވެ.

ބޮޑުދައިތަގެ ފޯނުކޯލަށްފަހު، ނަޖާހު ގުޅީ ޝިމާނާއަށެވެ. ހިތަށް ލިބުނު ނުތަނަވަސްކަން ކުޑަކޮށްލައި، ފިނިކަމެއް ހޯދައިލުމަށެވެ. ޝިމާނާގެ އަޑު ޖެހުނަސް، އޭނާގެ ހިތަށް އުފާވެރިކަން ލިބޭނެ އެވެ. އެހެންނަމަވެސް ތިންހަތަރު ފަހަރު ގުޅުމުން ވެސް، ޝިމާނާ ފޯނެއް ނުނެގި އެވެ. އެހެންކަމުން ކޮޓަރި ތެރޭގައި ހުރި ކުޑަކުޑަ ފާޚާނާގަނޑަށް ވަދެ، ޖަގަށް ފެންފޮދެއް އަޅައި، މޫނު ދޮވެލައި ހަދާލައިގެން އޭނާ ނިކުތީ ބޭރަށެވެ.

ކޮޓަރިން ނިކުތުމާއެކު، ތެތް ވައިރޯޅިއެއް އައިސް ނަޖާހުގެ މޫނުމަތީގައި ފިރުމައިލިއެވެ. އެހެން ރޯޅިއެއް އައިސް އޭނާގެ ގައިގައި ބައްދާލިއެވެ. ނަޖާހުގެ ހިތަށާއި ހަށްޓަށް ލުއިވިއެވެ. އެ ކޮޓަރިން ނިކުންނަ ކޮންމެ ފަހަރަކު އޭނާއަށް މި ފިނިފިނި އިޙުސާސް ކުރެވެ އެވެ.

އޭނާ ހިނގައިގަތީ ޝިމާނާމެންގެއާ ދިމާއަށެވެ. ޝިމާނާގެ ސޫރަ ދެކެލާހިތުންނެވެ. އެހެންޏާ ޝިމާނާ އޮފީހަށް ދާ ވަގުުތު އޭނާއަށް ޝިމާނާ ފެނެއެވެ. މިހާރު އެ ނަސީބެއް ނުލިބެއެވެ. ޝިމާނާ ހަމަ ގަސްތުގައި އޮފީހަށް ދާ މަގު ބަދަލުކޮށްލީއެވެ. ނަޖާހު އެކަން ވެސް ބަލައިގަތީ، ފަހި ވިސްނުމަކުންނެވެ. ނުތަންވަޅުވެގެން އޮފީހަށް ދާއިރު ވެސް، ނަޖާހު ފެނިއްޖެއްޔާ މަޑުކޮށްނުލައެއް ޝިމާނާއަކަށް ނުދެވޭނެއެވެ. އެހެން މަޑުކުރަން ފަށައިފިއްޔާ ގިނަ ދުވަސްދުވަހު އޮންނާނީ ގަޑިޖެހިފައެވެ. އެހެންކަމުން އެ ކަމާ ބެހޭގޮތުން އޭނާ ޝިމާނާގާތު ހޭ ވެސް އަހައި ނުލައެވެ.

ނަޖާހު އައިސް މަޑުކޮށްލީ ޝިމާނާމެންގޭ ދޮރާށި ދޮށަށެވެ. ދޮރާށި ހުޅުވާލައިފައި ވަންނާން ހިތަށް އެރި އެވެ. އެހެނަސް އަތަކަށް ހަރަކާތެއް ނައެވެ. އިރުކޮޅަކު ހުރެލައިފައި، ޖީބުން ފޯނު ނަގައި ޝިމާނާއަށް ގުޅާލި އެވެ. ދެފަހަރު ގުޅުމުން ވެސް ޝިމާނާ ފޯނެއް ނުނެގިއެވެ. ޝިމާނާއަށް އަނެއްކާ ނިދުނީ ބާވައެވެ؟ ނޫނީ ފޯނު ބާއްވާފައި ތަނަކަށް ދިޔައީ ބާވައެވެ؟ ލަދު ކަނޑާލައިފައި ގެއަށް ވަންނާންވީ ބާވަ އެވެ؟ ހަދާނޭ ގޮތަކާމެދު ފިކުރުކުރާން ހުއްޓާ، ނަޖާހަށް ފެނުނީ އިޤުބާލު އައިސް ކައިރިއަށް މަޑުކޮށްލިތަނެވެ. (ނުނިމޭ)