Advertisement

ކޮލަމް: ދިވެހި ނޫސްވެރިކަމަށް އިންޓަނެޓް ގެނައީ ކޮން ބަދަލެއް؟

3 އޭޕްރީލް 2021 - 07:49 1

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


ކޮލަމް: ދިވެހި ނޫސްވެރިކަމަށް އިންޓަނެޓް ގެނައީ ކޮން ބަދަލެއް؟

3 އޭޕްރީލް 2021 - 07:49 1

މުޅި ދުނިޔެ އަށް މިދިޔަ ގަރުނުގެ ފަހުކޮޅު އެރި ޓެކްނޮލޮޖީގެ ރާޅާ އެކު، އެންމެ ބޮޑު ބަދަލެއް އައި އެއް ދާއިރާ އަކީ ނޫސްވެރިކަމެވެ. ހަބަރާއި މައުލޫމާތު ހޯދައި ލިބިގަތުމަކީ، ކޮންމެ ދުވަހެއްގެ ހެނދުނު އަންނަ ނޫސް ކިޔައިގެން ނުވަތަ ރޭގަނޑު ޓީވީ ބަލައިގެން ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެއްޖެ އެވެ. ހަބަރަކީ ހިނދުން ހިނދަށް، ސިކުންތުން ސިކުންތަށް އަދާހަމަކުރެވި، ލިބޭ އެއްޗަކަށްވެއްޖެ އެވެ.

ނޫސްވެރިކަމަށް ޓެކްނޮލޮޖީ ގެނެސްދިން އެންމެ ބޮޑު ދެ ހަދިޔާ އަކީ އޮންލައިން ނިއުސް ވެބްސައިޓާއި ސޯޝަލް މީޑިއާ އެވެ. އޮންލައިން ނިއުސް ވެބްސައިޓަކީ އިންޓަނެޓުގައި ހަބަރުތައް ޝާއިއުކުރެވޭ ޕްލެޓްފޯމެކެވެ. ސޯޝަލް މީޑިއާ އަކީ އާއްމުންގެ ބޭނުންކުރާ އިޖުތިމާއީ ޕްލެޓްފޯމަކަށްވީ ނަމަވެސް، އެއީ މިއަދު ހަބަރު ފަތުރަން ބޭނުންކުރެވޭ މުހިއްމު ޕްލެޓްފޯމަކަށް ވަނީ ވެފަ އެވެ. ޓެކްނޮލޮޖީއާ އެކު ރާއްޖޭގެ ނޫސްވެރިކަމަށް ވެސް އެ ބަދަލުތައް ވަނީ އައިސްފަ އެވެ. ހަގީގަތުގައި އެ ބަދަލުތަކުގެ އަސަރު އެންމެ ބޮޑު ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ސަބަބަކީ ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް އިންޓަނެޓް ބޭނުންކުރުމެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ތެރެއަށް ޓެކްނޮލޮޖީ ވަނީ، ރާއްޖެ އަށް އިންޓަނެޓް ތައާރަފްވުމުގެ ކުރިން، 1994 ވަނަ އަހަރު އެވެ. އެއީ އިންޓްރާނެޓް މެދުވެރިކޮށް ކޮމްޕިއުޓަރުން ހަބަރު ކިޔޭ ގޮތަށް "ހަވީރު" ނޫހުން ތައާރަފްކުރި "ހަވީރު ނެޓް" ނިޒާމެވެ. އެކަމުގެ ފަހަތުގައި ހުންނެވި ސިކުނޑި އަކީ ޑރ. އަލީ ރަފީގެވެ.

ހަވީރު އޮންލައިންގެ ބާނީ ޑރ. އަލީ ރަފީގް


"ހަވީރުގައި ގާއިމްކޮށްފައިވާ ބީބީއެސް (ހަވީރުނެޓް) ގައި ހުންނަ ދުނިޔޭގެ ހަބަރާއި ރާއްޖޭގެ ހަބަރުތައް ކިޔަން ބޭނުންވާ ފަރާތްތަކަށް ބީބީއެސް ގެ ފޯނު ނަމްބަރަށް ކޮމްޕިއުޓަރުން ޖެހޭނީ ގުޅާށެވެ. އެއިރުން، މި ސިސްޓަމަށް ވަދެ ހަބަރުތައް ކިޔާ ނުވަތަ ޑައުންލޯޑް ކުރެވެ އެވެ. މި ބީބީއެސް އަށް އެއް ފަހަރާ ހަ މީހުންނަށް ކޮމްޕިއުޓަރު މެދުވެރިކޮށް ގުޅައިގެން އެއިން ލިބޭ އެކި ހިދުމަތްތައް ބޭނުންކުރެވެ އެވެ. ހަވީރުނެޓްގައި އީމެއިލް އާއި ޗެޓް އަދި ފޯރަމް ވެސް ހިމެނެ އެވެ." ހަވީރުގެ ރިހިޔޫބީލް ފޮތުގައިވެ އެވެ.

އެހެންކަމުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާއެއްގެ ހިދުމަތް ވެސް ދޭން ފެށީ ނޫސްވެރިކަމުގެ ނިޒާމެއްގެ ތެރެއިން "ހަވީރުނެޓް" އިން ކަމަށް ނިންމިދާނެ އެވެ.

ރާއްޖެ އަށް 1996 ވަނަ އަހަރު އިންޓަނެޓް ތައާރަފްވުމާ އެކު "ހަވީރު ނެޓް" ބަދަލުވީ "ހަވީރު އޮންލައިން" އަށެވެ. އެގޮތުން އިންޓަނެޓް މެދުވެރިކޮށް ހަބަރު ކިޔޭނެ ނިޒާމެއް ރާއްޖޭގައި ފުރަތަމަ ގާއިމްކުރީ 1997 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު "ހަވީރު" ނޫހުންނެވެ.

"އެންމެ ފުރަތަމަ، 1997 ގައި ވެބްސައިޓަށް ހަބަރުތައް ލާފައި ވަނީ ގްރެފިކް އިމޭޖެއްގެ ގޮތުގަ އެވެ. ނޫހުގައި ޖަހާ ހަބަރުތައް ވަކި ފުޅާމިނެއްގައި ޕްރިންޓްކުރުމަށް ފަހު ކޮންމެ ހަބަރެއް ސްކޭންކޮށް ޖިޕް ނުވަތަ ޖޭޕެގް ފޯމެޓަށް ބަދަލުކޮށްލަނީ އެވެ. އެއަށް ފަހު މައިކްރޯސޮފްޓް ފްރޮންޓްޕޭޖް ބޭނުންކޮށްގެން ވެބް ޕޭޖް ތައްޔާރުކުރުމަށް ފަހު ސާވާ އަށް އަޕްލޯޑްކުރަނީ އެވެ. މިއީ ވަރަށް ވަގުތު ނަގާ އަދި ވެބްސައިޓުން ހަބަރުތައް ބަލާ މީހުންނަށް ވެސް ފަސޭހަ ނިޒާމަކަށް ނުވެ އެވެ. ސަބަބަކީ ހަބަރުތަކުގެ ފައިލް ސައިޒް ބޮޑުކަމާ އެކު ގިނަ ވަގުތު ހަބަރުތައް ބެލުމަށް ނުވަތަ ޑައުންލޯޑްކުރުމަށް ނެގުމެވެ. ހަވީރު އޮންލައިން އަށް ލިބުނު އެއް ކުރިއެރުމަކީ ވެބްގައި ބޭނުންކުރުމަށް ހާއްސަ ފޮންޓެއް 2000 ގައި ތައްޔާރުކޮށް އަދި އެ ފޮންޓް ބޭނުންކުރެވޭ ގޮތަށް ބަދަލުކުރުމެވެ." ފޮތުގައިވެ އެވެ.

ހަވީރު ނެޓްގެ ޑެމޯ ސެޝަނެއް ކުރިއަށްދަނީ. --ފޮޓޯ: ހަވީރު


އާފަތިސް ނޫހުގެ އެޑިޓަރު އަބްދުﷲ ނައީމް އިބްރާހިމް "ފަންވަތް" ގައި ލިޔުއްވާފައިވާ ވާގޮތުގައި އޮންލައިން ނޫސްތައް ފުރަތަމަ ތައާރަފްވީ ދުވަސްކޮޅު ޕްރިންޓް މީޑިއާގެ ނޫސްވެރިން ކޮންމެވެސް ވަރަކަށް ޖެހިލުންވި އެވެ. އޮންލައިން ނޫހުގެ ސަބަބުން ޗާޕުކޮށްގެން ނެރޭ ނޫސްތައް ވިކުން މަދު ވެދާނެ ކަމަށް ނުވަތަ ޗާޕުކޮށްގެން ނެރޭ ނޫސްތަކުގެ މަގާމު އުވިގެން ހިނގައިދާނެ ކަމަށް ބިރުންވެސް އުޅުނު ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް ފަށައިގަތް ދުވަސްވަރު ބައެއް ނޫސްތަކުން އިންޓަނެޓްގެ ބޭނުން ހިފަން ފެށީ ޗާޕުކޮށްގެން ނެރޭ ނޫހުގެ ބައެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

2009 ވަނަ އަހަރާ ހަމަޔަށް ވެސް ހަވީރު އޮންލައިންގައި އާއްމުކޮށް ހަބަރު ޝާއިއުކުރަނީ ދުވާލަކު އެއް ފަހަރު ނުވަތަ ދެ ފަހަރު އެވެ. ބޮޑު އިވެންޓެއް ނުވަތަ ބޮޑު ހާދިސާއެއް ހިނގައިގެން ބްރޭކިން ނިއުސް ލީ ނަމަވެސް، އާއްމު އުސޫލަކީ ހެނދުނުގެ ވަގުތު އަދި ހަވީރު ވަގުތު، ނޫސް ޗާޕުވުމުން ހަބަރުތައް އަޕްލޯޑްކުރުމެވެ. އެކަން ބަދަލުވެ ހަވީރު އޮންލައިންގައި ވަގުތުން ވަގުތަށް ހަބަރުތައް ޝާއިއުކުރަން ފެށީ 2009 ވަނަ އަހަރު "ސަން އޮންލައިން" ގެ ނަމުގައި އިންޓަނެޓަށް ހާއްސަ ނޫހެއް ވުޖޫދުވެ، ވާދަވެރިކަމެއް އުފެދުމުންނެވެ. އަނެއް ސަބަބަކީ ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު އެ ދުވަސްވަރު އިތުރުވުމެވެ. އެއާ އެކު، ހަބަރުތައް އަންނަ ވަރަކުން އޮންލައިނުގައި ޝާއިއުކުރަން ފެށީ އެވެ. އަދި ރޭގަނޑުގެ ވަގުތުގައި ވެސް އޮންނަ އެކިއެކި އިވެންޓްތަކުގެ ހަބަރުތައް ލިޔުމަށް ފަހު އަނެއް ދުވަހަށް މަޑުނުކޮށް އޮންލައިންގައި ޝާއިއުކުރަން ފެށި އެވެ.

އޭރު ރާއްޖޭގައި ޗާޕްކޮށްގެން ހަ ނޫހެއް ނެރެމުން އަ އެވެ. އެއީ "ހަވީރު"، "އާފަތިސް"، "މިއަދު"، "ރާއްޖެ"، "ހާމަ" އަދި "ޖަޒީރާ" އެވެ. މެއިންސްޓްރީމް އޮންލައިން އޮތީ އެންމެ ދެ މީޑިއާ އެވެ. އެއީ "ހަވީރު އޮންލައިން" އަދި "ސަން އޮންލައިން" އެވެ. އެކަމަކު 2009 ގެ ފަހުން ޗާޕް ނޫސްތައް ހުއްޓި އޮންލައިންތައް އިތުރުވާން ފެށި އެވެ.

އޮންލައިން ނޫސްވެރިކަމާ އެކު ނޫސްވެރިކަމަށް އައި އެންމެ ބޮޑު ބަދަލުގެ ގޮތުގައި އިންޑިއާގެ ތަޖުރިބާކާރު ނޫސްވެރިޔާ އަދި އެޑިޓަރު ރަޖްދީޕް ސަރްދެސާއީ ސިފަކުރައްވަނީ ހަބަރު ރިއަލް ޓައިމަށް ބަދަލުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި މެދުކަނޑާލަން، ހަމަނޭވާއެއްލާން، އަދި ވިސްނާލަން މިއަދު ނޫސްވެރިންނަށް ވަގުތެއް ނޯވެ އެވެ. މި ގަޑީގެ ހަބަރު، ކުރިއަށް އޮތް ގަޑިއިރު ބަދަލުވަނީ ތާރީހަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބަދަލުތައް މިއަދު ދިވެހި ނޫސްވެރިކަމުގެ ތެރެއިން އެބަފެނެ އެވެ. އަޅުގަނޑުގެ ނޫސްވެރިކަމުގެ ތަޖުރިބާ އަށް ޖެހިލާނަމެވެ. ޗާޕުކުރި ނޫހުގެ ޒަމާނުގައި ނޫސްވެރިންނަށް ހަބަރު ތައްޔާރުކުރަން އެކަށީގެންވާ ވަގުތު ލިބެ އެވެ. ނޫސްތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަށް، ފަތިހު ނުވަތަ މެންދުރުފަހު ނޫސް ޗާޕްކުރަންވާއިރަށް ހަބަރު ހޯދައި ލިޔަން ވަގުތު އޮވެ އެވެ. ޓީވީތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ރޭގަނޑު އަށެއްގެ ހަބަރަށް ތައްޔާރުވާން ވަގުތު އޮވެ އެވެ. މިއަދު ކުޅޭ ފުޓްބޯޅަ މެޗުގެ ހަބަރު ޖަހާނީ މާދަމާގެ ނޫހުގަ އެވެ. އެހެންވެ ފެންވަރު ރަނގަޅުކޮށް އެ ހަބަރު ލިޔަން ފުރުސަތު ލިބެ އެވެ. މިރޭ އޮންނަ ޖަލްސާގެ ހަބަރު ނުވަތަ ހިނގި ހާދިސާއެއްގެ ހަބަރު، އެކި މީސްމީހުންނާ އިންޓަވިއުކޮށް ހިނގި ގޮތް ސާފުކޮށްގެން ލިޔަން ނޫސްވެރިންނަށް ފުރުސަތު އޮވެ އެވެ.

ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިޔާ ފަޒީނާ ސުވާލުކުރަނީ. --ފޮޓޯ: ރައީސް އޮފީސް


އެކަމަކު އޮންލައިނަކީ ވަގުތުން ވަގުތަށް ހަބަރު ޝާއިއުކުރެވޭ ޕްލެޓްފޯމަކަށް ވުމާ އެކު، ނޫސްވެރިންނަށް މިހާރު އެ ވަގުތެއް ނުލިބެ އެވެ. ފުޓްބޯޅަ މެޗު ނިމޭތާ ފަސް މިނެޓުގެ ތެރޭގައި އެ ހަބަރު އޮންލައިނުގައި ޝާއިއުނުކޮށްފި ނަމަ އެ ހަބަރު ބާވާނެ އެވެ. އެހެންވެ ނޫސްވެރިޔާ އަށް މަޖުބޫރުވަނީ މެޗު ހިނގަމުންދާއިރު ހަބަރު ލިޔަމުން ދިއުމަށެވެ. އޭގެ ސަބަބުން އެ ހަބަރު އެހާ ފުރިހަމަނުވެދާނެ އެވެ. ހާދިސާއެއް ހިނގާތާ ހިނދުކޮޅެއްގެ ތެރޭގައި އެ ހަބަރު ނުޖަހައިފި ނަމަ، އެ ހަބަރު ދެން ކިޔާނެ ބަޔަކު ނުތިބެދާނެ އެވެ. އެހެންވެ ނޫސްވެރިޔާ އަށް މަޖުބޫރުވަނީ، ވީހާ ވެސް އަވަސްކޮށް، ލިޔާށެވެ. ފެންވަރާ މެދު ވިސްނާނެ ވަގުތެއް ނުލިބެ އެވެ. ލީޑެއް ލިޔުމަށް ފަހު، ބެކްގްރައުންޑް މައުލޫމާތާ އެކު ޝާއިއުކޮށްލަނީ އެވެ.

ކުރިން ނަމަ މީހެއްގެ އިންޓަވިއު ނެގުމަށް އެ މީހަކާ ބައްދަލުކުރާނީ އެވެ. އޭގެ ސަބަބުން އެ މީހެއްގެ ހަގީގީ އިހުސާސްތައް ދެނެގަނެވެ އެވެ. އަދި ފެންވަރު ރަނގަޅުކޮށް ލިޔެވި އެ އިހުސާސްތައް އާއްމުންނާ ހަމަޔަށް ގެނައުމަށް ފުރުސަތު ލިބިގެންދެ އެވެ. އެކަމަކު އޮންލައިން ނޫސްވެރިކަމާ އެކު ވަގުތުގެ ތާށިކަން ބޮޑުވެ އިންޓަވިއުތަކަކީ ފޯނުން ނެގޭ އެއްޗަކަށް ބަދަލުވުމުން ފެންވަރު ވަނީ ދަށްވެފަ އެވެ.

ނައީމް ވިދާޅުވި ގޮތުގައި އޮންލައިންއާ އެކު ނޫސްވެރިކަމަށް ކުރިމަތިވި އަނެއް ގެއްލުމަކީ، ލިބިގެން ދިޔަ ފަސޭހަތަކާ އެކު ނޫސްވެރިން ކަންފަސޭހަ ކުރުމެވެ. ޕްރިންޓް ނޫސްވެރިކަމުގެ ޒަމާނުގައި، ޖެހޭ ކުށްތައް އެއީ ރަނގަޅުކުރެވޭނެ އެއްޗަކަށް ނުވާތީ ވަރަށް ރަނގަޅަށް ކޮޕީއެޑިޓް ކުރި ނަމަވެސް، އޮންލައިން ނޫސްވެރިކަމާ އެކު ކުށްތައް ފަސޭހައިން ރަނގަޅުކުރެވޭނެ މަގު އޮތުމުން މާބޮޑު އަޅާލުމެއް ނެތި ހަބަރު ދޫކޮށްލާކަން އޭނާ ފާހަގަކުރެއްވި އެވެ.

އިންޓަނެޓާ އެކު ނޫސް ހިންގުން ފަސޭހަވުން

ރާއްޖޭގެ ސީނިއާ ނޫސްވެރިއަކު ވިދާޅުވި ގޮތުގައި އޮންލައިން ނޫސްވެރިކަމާ އެކު ނޫސްވެރިކަމުގެ ފެންވަރު ދަށްވި އަނެއް ސަބަބަކީ އޮންލައިން މީޑިއާއެއް ހިންގުމަކީ ކޮންމެ މީހަކަށް ވެސް ކުރެވޭ ކަމަކަށް ވުމެވެ. އާބާދީގެ ބޮޑު ބަޔަކަށް ފޯރާނެ ގޮތަކަށް ޓީވީ ނިއުސް ސްޓޭޝަނެއް ހިންގުން ނުވަތަ ނޫހެއް ޗާޕްކުރުމަކީ ހަރަދު ހިނގާނެ ކަމެކެވެ. އެކަމަށް މުވައްޒަފުން ބޭނުންވެ އެވެ. އެހެންވެ އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމަކަށް ނުވެ އެވެ. އެކަމަކު މިއަދު ހަމަ ކޮންމެ މީހަކަށް ވެސް ކުޑަ ހަރަދަކުން ނުވަތަ އެއްވެސް އަގެއް ނުދީ ވެސް މުޅި ދުނިޔެ ކަވަރުކުރެވޭ ވެބްސައިޓެއް ހެދިދާނެ އެވެ. އެ ވެބްސައިޓް އޮޕަރޭޓްކުރަން ބޭނުންވަނީ ހަމަ އެންމެ ފަރުދެކެވެ. އެހެންވެ ފަސޭހައިން ކޮށްލެވޭ ކަމަކަށް ވުމުން، އޮންލައިން މީޑިއާތަކުގެ އަދަދު ގިނަވެ ފެންވަރު ހިފެހެއްޓޭ ގޮތް ނުވަނީ އެވެ. އަދި ޓީވީ އާއި މެއިން ސްޓްރީމް ނޫސްތަކާ ހިލާފަށް އޮންލައިނަކީ އޯނާޝިޕް ކަށަވަރުނުކުރެވޭ އަދި ރަޖިސްޓްރީނުކޮށް ވެސް ހިންގޭ އެއްޗަކަށް ވާތީ އަބުރަށް އަރައިގަތުމާއި ދޮގު ހަބަރުތައް ފެތުރުމުގެ ފުރުސަތު ބޮޑުވަނީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ނުކުތާ އަކީ، އޮންލައިން ނޫސްވެރިކަމާ އެކު ނޫސްވެރިކަމުގެ ފެންވަރު ދަށްވީ، ޓެކްނޮލޮޖީއާ އެކު އައި އަނެއް ބަދަލު ކަމަށްވާ ސޯޝަލް މީޑިއާގެ ސަބަބުން ނޫސްވެރިކަމުގެ ފެންވަރު ރަނގަޅުވާން ޖެހިފައި ވަނިކޮށް ކަމަށް ވުމެވެ. ސޯޝަލް މީޑިއާއާ އެކު ހަބަރުތައް މިހާރު ބްރޭކްކުރަނީ އެ ޕްލެޓްފޯމުގަ އެވެ. ކުރިން ސިޔާސީ މީހަކު ހަބަރެއް ދޭން ވެއްޖެ ނަމަ ގުޅަން ޖެހޭނީ ނޫސްވެރިޔަކަށެވެ. ނުވަތަ ޖެހޭނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނުވަތަ ނޫސް ބަޔާނެއް ނެރޭށެވެ. އެ ވާހަކަތައް އާއްމުންނާ ހަމަޔަށް ދާނީ ނޫސް މެދުވެރިކޮށެވެ. އެކަމަކު މިހާރު އެ ހުރިހާ ކަމެއް އިއުލާންކުރެވެނީ ސޯޝަލް މީޑިއާގަ އެވެ. އެހެންވެ އާއްމުންނަށް ފުރަތަމަ ހަބަރުތައް ލިބެނީ އެ ވަސީލަތުންނެވެ.

ނޫސްވެރިންނަށް މިހާރު ކުރަން ޖެހޭ ކަމަކީ ތަފްސީލް ހަބަރު ލިޔުމެވެ. އެކަމަކު ފެންނަނީ ނޫސްވެރިން މާބޮޑު ތަފްސީލެއް ނެތި، ސޯޝަލް މީޑިއާ އިން ލިބެން ހުރި މައުލޫމާތުތަކާ އެކު ކުރު ހަބަރެއް ލިޔާ ތަނެވެ. އެހެންވެ އާއްމުން އޮންލައިނަށް ވަންނައިރު ފެންނަނީ ހަމަ އެއްކަލަ ސޯޝަލް މީޑިއާ އިން ފެނުނު ހަބަރެވެ.

ނައީމް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާ އިން ފެންނަ ކޮންމެ އެއްޗެއް ނޫސްތަކުގައި ރިޕޯޓްކުރާތީ އާއި ނޫސްތަކުގައި އެކްސްކްލޫސިވް ހަބަރު ނުހުންނާތީ މިހާރު އާއްމުންނަށް ސޯޝަލް މީޑިއެކޭ މެއިންސްޓްރީމް މީޑިއާއެކޭ ތަފާތެއް ނުފެންނަ ކަމަށެވެ. އެހެންވެ ކުރިއާ ހިލާފަށް ކަންކަން ޔަގީންކުރަން މިހާރު އާއްމުން ނޫސްތައް ބޭނުންނުކޮށް ސޯޝަލް މީޑިއާ އިން ފެންނަ އެއްޗެއް ގަބޫލުކުރާ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު، ގައުމުގައި ކަންކަން ވެރިފައިކޮށްދޭނެ އިތުބާރު ހިފޭ މީޑިއާތަކެއް ނެތުމުން އޭގެ ނުރަނގަޅު އަސަރު ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމަށް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ މިސާލެއް ދާދި ފަހުން ރާއްޖޭގެ އޮންލައިން ނޫސްތަކުން ފެނިގެން ދިޔަ އެވެ. މާލޭގެ ގޯޅިގަނޑެއްގެ ތެރޭގައި ގޮދަޑިއެއް އަޅައިގެން މީހަކު ނިދާފައި އޮއްވާ ފެނިގެން އާއްމު މީހަކު ޓްވީޓްކުރުމުން އެ ހަބަރު ނޫސްތަކުގައި ޖެހި އެވެ. އެކަމަކު ހަބަރުގައި އޮތީ އެ ޓްވީޓުގައި ވެސް ހުރި މައުލޫމާތެވެ. ކިޔުންތެރިޔާ އެ ޓްވީޓް ފެނިގެން، ނޫސް ހުޅުވާލާނީ އެކަމުގެ ތަފްސީލް ހޯދުމަށެވެ. އެކަމަކު އެ ޓްވީޓެކޭ ހަބަރެކޭ ތަފާތެއް ނެތުމުން ކިޔުންތެރިޔާ، ނޫސް ކިޔަން ޖެހޭ ސަބަބެއް ނޯންނާނެ އެވެ. އަޅުގަނޑުގެ ތަޖުރިބާ އިން އެނގޭ އެއްޗަކީ، ކުރިން ނަމަ ނޫސްވެރިޔާ އަށް ވަގުތު ލިބި އެ މީހާ ގާތަށް ގޮސް އިންޓަވިއު ނަގައި އެ ހަބަރު ތަފްސީލާ އެކު ލިޔާނެ ކަމެވެ. އެކަމަކު އޮންލައިން ނޫސްވެރިކަމުގައި އެންމެ އިސްކަންދެނީ ވީހާ ވެސް އަވަހަކަށް އެ ހަބަރު ބްރޭކްކުރުމަށް ކަމަށްވާތީ ތަފްސީލެއް ނެތި ހަބަރު ޝާއިއުކުރީ އެވެ.

އޮންލައިން ނޫސްވެރިކަމާ އެކު ރާއްޖޭގެ ނޫސްވެރިކަމުން އެފަދަ ނުރަނގަޅު އަސަރުތަކެއް ފެނުނު ނަމަވެސް އޭގެ ފައިދާތައް ނުހަނު ގިނަ އެވެ. ޗާޕްކުރި ނޫހުގެ ޒަމާނުގައި ޓެކްޓްސް ބޭސްޑް ހަބަރު ފޯރުކޮށްދިން ނަމަވެސް އޮންލައިނާ އެކު އިންޓަރެކްޓިވްކޮށް ހަބަރު ގެނެސްދެވޭނެ ފުރުސަތު ވަނީ ތަނަވަސްވެފަ އެވެ. އެކަމަކު އޭގެ ބޭނުން އެކަށީގެންވާ ގޮތަކަށް ނުހިފާ ކަމަށް ތަޖުރިބާކާރު ނޫސްވެރިޔާ އާސިޔަތު މުހައްމަދު ސައީދު ލިޔުއްވާފައިވެ އެވެ.

އެގޮތުން "ތަރައްގީގެ ދުވެލި މިހާރަށް ވުރެ ބާރުކޮށް ޒަމާނީ، އުފެއްދުންތެރި، ޕްރޮފެޝަނަލް އަދި ދެމެހެއްޓެނިވި ނޫސްވެރިކަމެއް ކުރުމުގައި އޮންލައިން މީޑިއާ ދާން ޖެހޭ ހިސާބު އަދިވެސް ދުރުކަން" އޭނާ ފާހަގަކުރެ އެވެ.

"ޓެކްނޮލޮޖީ ފަސޭހަ އިން ހެޔޮ އަގުގައި ލިބެން ހުރި ޒަމާނެއްގައި ހޯދޭނެ ކުރިއެރުންތައް ނުހަނު ގިނަ އިރު، މަލްޓިމީޑިއާ ކޮންޓެންޓް ފޯރުކޮށްދިނުމަށް އޮންލައިން ޕްލެޓްފޯމުން ލިބިދޭ ފުރުސަތުގެ ބޭނުން ފުރިހަމަ އަށް ހިފަން މަސައްކަތްކުރަން ވަނީ ޖެހިފަ އެވެ." މީޑިއާ ކައުންސިލްގެ "އަލިމަސް" ފޮތުގައި އާސިޔަތު ލިޔުއްވާފައިވެ އެވެ.

އޮންލައިން މީޑިއާ އެކު ދުނިޔެ ދެކޭ އަނެއް ބަދަދަކީ ސަބްކްރިޕްޝަން ނުވަތަ އިޝްތިރާކުން ފުޅާ ދާއިރާއެއްގައި އާމްދަނީ ހޯދޭނެ މަގު ފަހިވުމެވެ. ޗާޕުގެ ޒަމާނުގައި ވިއްކޭނެ ހަމައެކަނި އެއްޗަކީ ނޫހެވެ. އެކަމަކު އޮންލައިނާ އެކު ވަކިވަކި ހަބަރުތަކާއި ރިޕޯޓްތައް އަދި ވަކި ކެޓަގަރީތަކަށް ސަބްކްރައިބްކޮށްގެން ކިޔަން ދޫކޮށްލެވޭނެ ފުރުސަތު އެބައޮތެވެ. އެކަމަކު ރާއްޖޭގައި އެ މަންޒަރެއް ނުފެނެ އެވެ.

"ހަވީރު ނެޓް" އިން 1994 ވަނަ އަހަރު އެފަދަ ހިދުމަތެއް ދިނެވެ. ހަވީރުގެ ރިހިޔޫބީލް ފޮތުގައި ބުނެފައިވާ ގޮތުގައި ހަވީރުނެޓްގެ ހިދުމަތް އެންމެ ފުރަތަމަ ހިލޭ ދިން ނަމަވެސް ފަހުން ވަނީ އިޝްތިރާކު ދެއްކުމުން ހިދުމަތް ލިބޭ ނިޒާމަކަށް ބަދަލުކޮށްފަ އެވެ. ގާތްގަނޑަކަށް 50 މީހުން ހަވީރުނެޓް ބޭނުންކުރަމުން ދިޔަ އެވެ. އެކަމަކު މިއަދު މާ ފަސޭހަކޮށް އެކަން ކުރެވެން އޮތްއިރު ވެސް އެފަދަ ބަދަލުތަކެއް ރާއްޖޭގެ ނޫސްވެރިކަމުން ނުފެނެ އެވެ.

އޮންލައިން ނޫސްވެރިކަމާ އެކު ނޫސްވެރިކަމުގެ ދާއިރާގައި ވަޒީފާތައް ގިނަވެ އިތުރު ފުރުސަތުތައް ވެސް ވަނީ ފަހިވެފަ އެވެ. އިންޑިއާގެ ތަޖުރިބާކާރު ނޫސްވެރިޔާ ރަޖްދީޕް ސަރްދެސާއީ ވިދާޅުވި ގޮތުގައި 1988 ވަނަ އަހަރު އޭނާ ނޫސްވެރިކަމަށް ނުކުތްއިރު ނޫސްވެރިޔަކަށް ވާން ބޭނުން ނަމަ އޮތް ހަމައެކަނި ބޮޑު ފުރުސަތަކީ ޓައިމްސް އޮފް އިންޑިއާ ނޫހެވެ. އެކަމަކު މިއަދު ޑިޖިޓަލް މީޑިއާއާ އެތައް ފުރުސަތުތަކެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތަކީ ވެސް އެއީ އެވެ. ރާއްޖޭގައި ނޫސްވެރިކަން ފުޅާވެގެން އައިއިރު 1990ގެ އަހަރުތަކުގައި އޮތީ މައިގަނޑު ތިން ނޫހެކެވެ. އެއީ "ހަވީރު"، "އާފަތިސް" އަދި "މިއަދު" ނޫހެވެ. އެހެންވެ ނޫސްވެރިކަމުން ނިސްބަތުން ފުރުސަތު ލިބޭނީ މަދު ބަޔަކަށެވެ. އެކަމަކު މިހާރު އޮންލައިން ނޫސްތަކުގެ އަދަދު 80 އަށް ވުރެ ގިނަ އެވެ. އެހެންވެ ވަރަށް ގިނަ ބަޔަކަށް ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން އޮންލައިން ނޫސްވެރިކަމާ އެކު މުވައްޒަފުން ބޭނުންވާނެ އިތުރު ދިމަދިމާ އުފެދިއްޖެ އެވެ. ކުރިން ނަމަ ކުޅިވަރު ޑިޕާޓްމަންޓަށް ބޭނުންވާނީ ނޫސްވެރިޔަކާއި ފޮޓޯގްރާފަރަކެވެ. އެކަމަކު އޮންލައިން ނޫސްވެރިކަމާ އެކު ޑިޖިޓަލް ފޮޓޯ ހަދާ މީހަކާއި ޑޭޓާ ނަގާނެ މީހަކު ބޭނުންވާނެ އެވެ. އެއީ އުފެދޭނެ ވަޒީފާތަކެވެ.

ސްޓޭޑިއަމެއްގެ މީޑިއާ ބޮކްސްގައި ނޫސްވެރިން މެޗު ކަވަރުކުރަނީ


އެކަމަކު އޭގެ އަނެއްކޮޅު ވެސް އެބައޮތެވެ. އެއީ އޮންލައިން ނޫސްވެރިކަމަށް ޓެކްނޮލޮޖީ ގެންނަ އިތުރު ބަދަލުތަކާ އެކު އޮޓޮމެޓިކުން ކުރެވޭ ކަންކަން އިތުރުވެ، އިންސާނުންގެ ބޭނުން ކުޑަވުމުގެ ފުރުސަތު އޮތުމެވެ. ހަވީރު ނޫހުން 2015 ވަނަ އަހަރު އޮޓަމެޓިކުން ލައިވް އަޕްޑޭޓް ގެނެސްދޭ ބޮޓެއް ތައާރަފްކުރި އެވެ. އެގޮތުން ފުޓްބޯޅަ މެޗެއް ކަވަރުކުރަމުންދާއިރު ލަނޑެއް ޖެހުމުން، ނޫސްވެރިޔާ، ކުޅުންތެރިޔާގެ ނަން ސިލެކްޓްކުރުމުން އެ ބޮޓުން އަމިއްލަ އަށް އިބާރާތް ލިޔާނެ އެވެ.

އޮންލައިން ނޫސްވެރިކަމާ އެކު ވިސްނުން ދެކަފިވާ އެފަދަ ކަންކަން ހުއްޓަސް ޖުމްލަކޮށް މިކަމުގައި ހުރީ ފައިދާތަކެވެ. ނައީމް ދެކެވަޑައިގަންނަވާ ގޮތުގައި ވަގުތުން ވަގުތަށް ހަބަރު ލިބޭނެ ގޮތަކީ އޮންލައިން މީޑިއާގެ އެންމެ ބޮޑު ފައިދާއެކެވެ. އޭގެ ސަބަބުން އާއްމުންގެ މައުލޫމާތު މުއްސަނދިވެ ކަންކަންކަމަށް ސަމާލުވާން ފުރުސަތު ލިބިގެންދާ ކަމަށް ވިދާޅުވި އެވެ. މިސާލަކަށް ކާރިސާއެއް ނުވަތަ ހާދިސާއެއް ހިނގިޔަސް އަވަހަށް ހަބަރު ފެތުރި އެކަންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފުރުސަތު ލިބެ އެވެ.

އޭނާގެ ވާހަކަތަކަށް އާސިޔަތު މުހައްމަދު ތާއީދުކުރައްވަ އެވެ. އެގޮތުން އޭނާ ލިޔުއްވާފައިވާ ގޮތުގައި "އޮންލައިން މީޑިއާއާ އެކު ހުޅުވިގެން ދިޔައީ ޗާޕު ނޫހަކުން ނުލިބޭނެ އެތައް ފުރުސަތެއް" ކަމަށެވެ.

"ވަގުތުން ވަގުތަށް ހަބަރާއި މައުލޫމާތު އާއްމުންނަށް ލިބުމެވެ. ލިޔެފައި ހުންނަ ފޮޅުވަތްތަކެއްގެ އިތުރުން މަންޒަރުތަކާއި ކުރެހުންތަކާއި ޗާޓުތައް އެއްވެސް ހިފެހެއްޓުމެއް ނެތް މިންވަރަށް ދައްކައިދެވޭނެ ޖާގަ އެވެ. ހަބަރު ހޯދައި އުފެއްދުމުގައި އާއްމުންގެ ބައިވެރިވުމެވެ. ރައްޔިތުންނަށް ނުހަނު ފަސޭހަ އިން، ޖެހިލުމެއް ނެތި ހިޔާލުފާޅުކުރެވޭނެ މަގެވެ. މި ކަންކަމާ އެކު، ރާއްޖޭގެ ޑިމޮކްރެޓިކް ދަތުރުގައި އަދި ޑިމޮކްރެސީގައި އޮންލައިން ނޫސްވެރިކަމުގެ ހިއްސާ ނުހަނު ބޮޑެވެ. މީޑިއާ އަށް އޮންނަ ހާމަކުރުމާއި ޖަވާބުދާރީކުރުމުގެ އަސާސީ ދައުރު ވަރުގަދަކޮށް ރައްޔިތުންނަށް ލިބިގެންވާ މައުލޫމާތު ލިބުމާއި ޚިޔާލުފާޅުކުރުމާއި ބަސް ކިޔުމުގެ ހައްގު ފުޅާދާއިރާއެއްގައި ކަށަވަރުކޮށްދެވުނެވެ." "އަލިމަސް" ފޮތުގައި އާސިޔަތު ލިޔުއްވާފައިވެ އެވެ.

އޭނާ ފާހަގަކުރެއްވި ފަދައިން އޮންލައިން ނޫސްވެރިކަމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރުގެ މުހިއްމު ބައިވެރިޔެކެވެ. ތަޖުރިބާކާރު ނޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާ ވިދާޅުވި ގޮތުގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަން ކުރުމުގެ ހައްގު ހަނިކޮށް ސަރުކާރާ ދެކޮޅަށް ލިޔާ މީހުންނަށް އަދަބު ދިނުމަކީ ޑިމޮކްރަސީ ގެންނަން އޮތް ހުރަހަކަށްވި އެވެ. އެހެންވެ ރާއްޖޭން ބޭރުގައި ތިބެގެން ސަރުކާރާ ދެކޮޅަށް ހިޔާލު ފާޅުކޮށް ޑިމޮކްރަސީ ގެންނަން އެންމެ ބޮޑު އެހީއަކަށްވީ އޮންލައިން ނޫސްވެރިކަމެވެ. އެގޮތުން "ސަންދާނު" ނޫހުން އީމެއިލްގެ ޒަރިއްޔާ އިން ނިއުސް ލެޓާ ފޮނުވުމާއި "ދިވެހި އޮބްޒާވާ" ގެ ނަމުގައި ފެށި އޮންލައިން ނޫހުގެ ސަބަބުން 2005 ވަނަ އަހަރު ރާއްޖޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރަކާތްތައް ފަށަން އެޅުނު ބާރަކަށްވި އެވެ.

އޮންލައިން ނޫސްވެރިކަމަކީ އެފަދަ މުހިއްމު ބަދަލުތަކެއް ގެނެސްދިން އެއްޗެކެވެ. ހަވީރު ނޫހުގެ ޗެއާމަން އަދި ރާއްޖޭގެ ނޫސްވެރިކަމަށް އިންގިބާލެއް ގެނުވި ޑރ. މުހައްމަދު ޒާހިރު ހުސެއިން ލިޔުއްވާފައިވާ ގޮތުގައި މައުލޫމާތު ފެތުރުމުގެ އައު ވަސީލަތްތައް ދަނީ ކުރީގެ ނޫސްވެރިކަމުގެ މައްޗަށް ގަދަވަމުންނެވެ.

"ކުރީގެ ނޫސްވެރިކަމަކީ ހަތަރު ވަނަ ބާރު ކަމަށް ވަނީ ނަމަ މައުލޫމާތު ފެތުރުމުގެ ރަސްމަގު މިއީ ފަސް ވަނަ ބާރު ކަމުގައި ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. ކުރީގެ ނޫސްވެރިކަން ނުވަތަ ޗާޕްކޮށްގެން ނެރެވޭ މައުލޫމާތު އެއީ ހަތަރު ވަނަ ބާރުގެ ގޮތުގައި އެތަކެއް ޒަމާންތަކެއް ވަންދެން ދެމި އޮތުމަށް ފަހު މާޒީވެގެން މިދަނީ ނޫސްވެރިކަމުގެ މައުލޫމާތު ފެތުރުމުގެ އާ އިންގިލާބަކަށް ދުނިޔެ ކުރިމަތިކުރުވާފަ އެވެ،" އޭނާ "ހަވީރު" ގައި ލިޔުއްވާފައިވެ އެވެ.

ޒަމާނީ ނޫސްވެރިކަން ނުވަތަ ޓެކްނޮލޮޖީއާ އެކު ބަދަލުވެފައިވާ އޮންލައިން ނޫސްވެރިކަމަކީ ވަކި ބާރެއްގެ ގޮތުގައި ޒާހިރު ސިފަކުރައްވަ އެވެ. މާނައަކީ އޮންލައިން ނޫސްވެރިކަމަކީ ބަލިފައިތަކެއް ހުރި ނަމަވެސް ފައިދާހުރި އަދި މީޑިއާގެ ނުފޫޒު ދައްކާލެވެން އޮތް ވަސީލަތެއް ކަމެވެ. އޮންލައިން ނޫސްވެރިކަމާ އެކު ރާއްޖޭގެ ނޫސްވެރިކަމުގެ ފެންވަރު ދަށްވި ކަމަށް ބައެއް ބޭފުޅުން ވަކާލާތު ކުރެއްވި ނަމަވެސް ފައިދާ ނެގެން ހުރި ދިމަދިމާލުން ފައިދާތައް ނަގައިފި ނަމަ ހެޔޮ އަސަރު ރާއްޖޭގެ މީޑިއާ އަށް ކުރާނެ އެވެ.

އެ ފައިދާތައް ނެގުމަށްޓަކައި ކުރަން ޖެހޭ ކަމަކީ ހަބަރުތަކުގެ ފެންވަރު ދަށްވާ މައްސަލައާ މެދު ވިސްނައި އެކަމަށް ހައްލެއް ގެނައުން ކަމަށް ސީނިއާ ނޫސްވެރިޔަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަބަރަތުތައް ބްރޭކްކުރުމުގައި ސޯޝަލް މީޑިއާއާ ވާދަކުރުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. ސަބަބަކީ ކޮންމެ މީހެއްގެ އަތުގައި މޯބައިލް ފޯނެއް އޮވެ އިންޓަނެޓް ހުރުމުން ކަމެއް ހިނގުމާ އެކު ވަގުތުން ބްރޭކްކުރެވުމެވެ. އޭގެ މިސާލަކަށް އޭނާ ދެއްކެވީ އެމެރިކާ އިން އުސާމާ ބިން ލާދީން މަރާލުމުން އެކަން އެންމެ ފުރަތަމަ ބްރޭކްކުރީ އާއްމު މީހަކަށް ވުމެވެ. އެހެންވެ އޮންލައިން ނޫސްތަކަށް އޮތްގޮތަކީ ހަބަރުތައް ބްރޭކްކުރުމަށް އޮޓޮމޭޓެޑް ސިސްޓަމެއް ގާއިމްކުރުން ނުވަތަ އެކަމަށް ވަކި ބަޔަކު ހާއްސަ ކުރުމެވެ. އެއަށް ފަހު އިންޑެޕްތު ހަބަރުތައް ލިޔުމަށް ހާއްސަ ސަމާލުކަމެއް ދިނުމެވެ. އޭރުން ސޯޝަލް މީޑިއާ އިން ހަބަރެއް ބްރޭކްކުރި ނަމަވެސް އޭގެ ތަފްސީލީ އަދި އެކްސްކްލޫސިވް ހަބަރު ކިޔަން އޮންލައިން ނޫސްތަކުގެ ބޭނުން ހިފަން އާއްމުންނަށް މަޖުބޫރުވުމެވެ.

މިއަދު ފެނިގެން ދަނީ އެއާ ހިލާފު މަންޒަރުތަކެކެވެ. ގައުމުގައި ހިނގާ ސިޔާސީ، އިޖްތިމާއީ އަދި ކުށްކުށުގެ ހަބަރުތައް ބްރޭކްކޮށް އެ ވާހަކަތަކުގެ ތަފްސީލް ވެސް ލިބެން ހުންނަނީ ސޯޝަލް މީޑިއާ އިންނެވެ. ސިޓިޒެން ޖާނަލިސްޓުންގެ ބާރުގަދަވެއްޖެ އެވެ. ގައުމުގެ އެޖެންޑާ މިހާރު ސެޓްކުރަނީ ސޯޝަލް މީޑިއާ އިންނެވެ. އެއީ ކުރިން ނޫސްތަކަށް ލިބޭ ބޮޑު ބާރެކެވެ. ފަހުރުވެރި ބާރެކެވެ.

އެ ބާރު މީޑިއާތަކަށް އަލުން ލިބެން އޮތީ ވެސް އަދި ޓެކްނޮލޮޖީއާ އެކު ލިބުނު ކުރިއެރުންތަކުގެ ފައިދާ ނެގެން އޮތީ ވެސް ބްރޭކިން ނިއުސް އަށް ދޭ ސަމާލުކަން ކުޑަކޮށް ތަފްސީލީ ހަބަރުތައް ގެންނަން ސަމާލުކަންދީގެންނެވެ. އަދި އިންޓަރެކްޓިކްކޮށް ޑޭޓާ ބޭނުންކޮށްގެން ހަބަރުތައް ގެނެސްދޭން ލިބިފައިވާ ފުރުސަތާއި ސަބްސްކްރިޕްޝަން ފުޅާކުރަން، އޮންލައިން ނޫސްވެރިކަމުގައި ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައިގެންނެވެ.