އަގުހެޔޮކޮށް ސައިކަލު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް 139 ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށެވެ. އޭނާގެ މައްޗަށް ޓެކުމުގެ ކުށުގެ 139 ދައުވާއެއް އުފުލާފައިވާއިރު، އެ މައްސަލަތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 133 އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މިހާ ބޮޑު އަދަބެއް އޭނާ މައްޗަށް އަންނަނީ، ސައިކަލު ގަތުމަށް ފައިސާ ދެއްކި ކޮންމެ މީހެއްގެ ބައި ވަކި ދައުވާއެއްގެ ގޮތުގައި ހުށަހަޅާފައިވާތީ އެވެ. އެހެންކަމުން، ކޮންމެ ދައުވާއަކަށް ވަކިވަކިން އަދަބު ކަނޑައަޅަމުންދާއިރު ޖުމްލަ އަދަބު ބޮޑުވެގެންދެ އެވެ.
ޖަލު އަދަބުގެ އިތުރުން، އޮޅުވާލައިގެން އަތުލާފައިވާ ފައިސާ އަނބުރާ ހޯދުމަށްވެސް ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ. އެގޮތުން، ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12ރ. އަހްމަދު އާތިފް ހަސަންގެ އަތުން ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
ކިންގްސްޓަންގެ ސައިކަލު ސްކޭމް މައްސަލައިގައި ދައުވާ ކުރުމަށް ޕީޖިއަށް ފޮނުވައިފި
މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، 2023 ވަނަ އަހަރުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާނެކަމަށް ދައްކުވައިގެން ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގާފައިވެ އެވެ. ނަމަވެސް، އެ ފައިސާ ނެގުމަށްފަހު ސައިކަލު ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާއި، އެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަމަށް ޕީޖީން ބުންޏެވެ.
މި މައްސަލައިގައި އިތުރު ބައެއް ފަރާތްތަކަށް ގެއްލުން ލިބިފައިވާކަން ފާހަގަކުރަމުން ޕީޖީ އޮފީހުން ބުނީ، ބަދަލުލިބޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް ލަފާދީފައިވާނެ ކަމަށެވެ. އެ ބައިތަކުގެ ތަހުގީގު ނިމުމުން، އެ މީހުންގެ މައްސަލަތަކުގައިވެސް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.
މިއީ ރާއްޖޭގައި ސައިކަލު ވިއްކުމުގެ ނަމުގައި ހިންގި ބޮޑު ސްކޭމެއްގެ ގޮތުގައި ފާހަގަކުރެވޭ މައްސަލައެކެވެ. ގިނަ ބަޔަކު ވަނީ އެމީހުން ބުރަ މަސައްކަތުން އެއްކުރި ފައިސާ މި ކުންފުންޏަށް ދީ، އެ ފައިސާ ގެއްލުމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފަ އެވެ.


