ދައުލަތުން ފާސްކުރާ ބަޖެޓަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީތަކަށް) ފާސްކުރާ ބަޖެޓެއް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ޝަމްހީދު ވިދާޅުވީ 2025 އިން ފެށިގެން ކޮންމެ އަހަރަކު ފާސްކުރާ ބެޖެޓަކީ ރައްޔިތުންނަށް ހިދުމަތްކުރަން ފާސްކުރާ ބަޖެޓަކަށްވުރެ ބޮޑަށް އެސްއޯއީތައް ހިންގަން ފާސްކުރާ ބަޖެޓެއް ކަމަށެވެެ.
"އަޅުގަނޑުމެންނަށް މި ފެނުނީ 2025، 2026 އަދި 2027 ގައި ވެސް އެނގޭތޯ ދައުލަތުން މިހާރު މި ފާސްކުރާ ބަޖެޓަކީ މިއީ އެސްއޯއީތަކަށް ފާސްކުރާ ބަޖެޓެއް. ކޮންމެ އަހަރަކު ދައުލަތުން މި ފާސްކުރާ ބަޖެޓު ހޭދަކުރަނީ އެސްއޯއީތައް ހިންގަން. މިއީކީ އެއްގޮތަކަށްވެސް ރައްޔިތުންނަށް ހިދުމަތްދޭން ފާސްކުރާ ބަޖެޓެއް ނޫން،" ޝަމްހީދު ވިދާޅުވި އެވެ.
އެސްއޯއީތަކަށް ކެޕިޓަލް ދޫކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވެސް 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުދީ އެސްއޯއީތަކަށް ހަރަދުކުރާ ގޮތަށް މުއައްސަސާތަކަށް ފައިސާ ހަރަދު ނުކުރާ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ ބަޖެޓުގައި ނުޖަހައިވެސް އެސްއޯއީތަކަށް ސަރުކާރުން ފައިސާ ދޫކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންމެ ކުއާޓަރަެއް 200 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގަމުންދާ އާރްޑީސީގައި މިވަގުތު ތިބި 3،200 މުވައްޒަފުންނަށް މުސާރަ ދިން ގޮތުގެ ތަފްސީލު ބަޖެޓު ފޮތުން ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ބަޖެޓު ފޮތަކުން ނުފެނުނު އާރްޑީސީ މިދިޔަ 15 މަސް ދުވަހުގެ ގެއްލުން 700 މިލިއަނަށް އަރާ. 700 މިލިއަން ރުފިޔާ އެބޭފުޅުން މުސާރަ ދިނީ ތިބޭފުޅުން ކިހިނެއް ކަމެއް. އެ މުއައްސަސާއިން މުސާރަ ދޭ. އެކަމަކު ބަޖެޓު ފޮތުން ނުފެނޭ ކޮންތާކުން ދިން ލާރިއެއްތޯ. ކިހިނެއްތޯ އާރްޑީސީއަށް އެ ފައިސާ ލިބުނީ،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުން ހަރަދުވާ އަދަދު ހިމަނައިގެން، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެސްއޯއީތަކަށް ކެޕިޓަލްގެ ގޮތުގައްޔާއި ލޯނުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުވާ ފައިސާގެ އަަދަދު 12.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓު ފޮތުން ދައްކަ އެވެ.
ސަރުކާރު ކުންފުނިތަކަށް މިގޮތަށް ފައިސާ ދިނުމަކީ ދައުލަތުގެ މާލިއްޔަތަށް އޮތް ހިރާހެއް (ރިސްކެއް) ކަމަށް ވާލްޑް ބޭންކުން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އަދި، ސަރުކާރުން 2024 ގައި އިއުލާންކުރި އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުން ކުރިއަށް ދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށް ވެސް ވާލްޑް ބޭންކުން ބުނެފައިވެ އެވެ.








