ސަރުކާރު ހިއްސާވާ ތިން ކުންފުނި ގުޅިގެން ސިއްރިއްޔާތުގައި އުފެއްދި ކަމަށް ޕޯޓް ޑިވެލޮޕްމަންޓް ކުންފުނީގެ މައްސަލައިގައި ސުވާލުކުރަން އެ ކުންފުނިތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން އެމްޑީޕީން އެދުމުން، ޕީއެންސީގެ މެމްބަރުން އެކަމާ ދެކޮޅު ހަދައިފި އެވެ.
އާ ކުންފުނި އުފެއްދުމުގައި ބައިވެރިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ޕަބްލިކް ކުންފުންޏެއް ކަމަށްވާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އެވެ. މިއީ ގާނޫނު މަނާކުރާ ކަމަކަށް ނުވި ނަމަވެސް، އިދިކޮޅު މެންބަރުން ސުވާލު އުފައްދަމުން ދަނީ އެއްވެސް ބަޔަކަށް ނޭނގި މިފަދަ ކުންފުންޏެއް އުފެއްދުމުންނެވެ.
މި ގޮތުން މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު އެދިވަޑައިގަތީ ތިން ކުންފުނީގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ. އިއްޔެ ބޭއްވި ކޮމިޓީގައި ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިއީ ކުންފުނިތަކަށް ޖެއްސުންކުރުމަށް ނުވަތަ ސިޔާސީ ބޭނުމަކަށް ކުރައްވާ ކަމެއް ނޫން ކަމަށެވެ.
"މީގައި ސުވާލު އުފައްދަން ޖާގަ ލިބޭ ގޮތަށް ޕްރޮކިއުމަންޓް އުސޫލާއި، އަދި ފައިނޭންސް ބެލެހެއްޓުމުގައި ދިވެހިރާއްޖޭގެ މާލިއްޔަތާ ބެހޭ ގާނޫނުތަކާ އެއްގޮތަށްތޯ މިކަން މި ކުރެވެނީ؟ އަދި އެކަހަލަ ބައިވަރު ސުވާލުތަކެއް އުފެދޭ ކަންކަމެއް ހުރީމާ އެއީ ކިހިނެއްތޯ މިކަން މި ހިނގަނީ އެ ސާފުކުރަން އަޅުގަނޑު މި އެދެނީ،" ޝާކިރު ވިދާޅުވި އެވެ.
ނަމަވެސް، ޕީއެންސީގެ މެމްބަރުން މިކަމާ ދެކޮޅު ހެދި އެވެ. އެ މެންބަރުން ކުންފުނިތައް އެއްފަހަރާ ކޮމިޓީއަށް ހާޒިރުކުރުމުގެ ކުރިން ފުރަތަމަ ލިޔުމުން މައުލޫމާތު ހޯދުމަކީ މަސައްކަތް އަވަސްވެ އަދި އެންމެ ފުރިހަމައަށް ކަންކަން ސާފުވާނެ ގޮތް ކަމަށެވެ.

"އަޅުގަނޑު ހުށަހަޅަން މިހާރު މީގައި އެދިފައިވާ މައުލޫމާތު ލިބުމުން، ޖަވާބު ހޯދުމަށް ހަމައެކަނި [ލިޔުމުން] ހޯދައިލާފައި، އަޅުގަނޑުމެންނަށް ހުށަހަޅާފައިވާ އިއްޒަތްތެރި މެމްބަރަށް މައުލޫމާތު ހޯދައިލުމަށް، ހޯދާފައި ޖަވާބު ލިބުމަށް،" ޕީއެންސީއަށް ނިސްބަތްވާ ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވި އެވެ.
ކޮމިޓީގައި ނެގުނު ވޯޓުގައި، ޕީއެންސީގެ ފަސް މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ އެ ތިން ކުންފުންޏަށް ވަކިވަކިން ލިޔެގެން މައުލޫމާތު ހޯދުމަށެވެ. ޝާކިރުގެ ހުށަހެޅުމަށް ލިބުނީ ދެ ވޯޓެވެ.
މި ކޮމިޓީ ފަށަމުން އެ ކޮމިޓީގެ މުގައްރަރި، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވީ ތިން ކުންފުނި ގުޅިގެން އުފެއްދި ކުންފުންޏަކީ ތިލަފުށީގައި ތަރައްގީކުރާ އާ ކޮމާޝަލް ޕޯޓުގެ މަސައްކަތް ކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށް ކޮމިޓީގައި މުގައްރިރު ވަނީ ވިދާޅުވެފަ އެވެ.
ތިލަފުށި ޕޯޓު މަޝްރޫއަކީ 225 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން މި ޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބައެއް މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރަން ވަނީ ފަށާފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރަށް މި ޕޯޓު ތަރައްގީކޮށް ނިންމާ، އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.











