މިއުނިކް (ނޮވެމްބަރު 17) - ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އަށް ވުރެން މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ގޯސް ކަމަށް ޖަރުމަނުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ސަތާރަ އަހަރު ފީފާގެ ރައީސަކަށް ހުންނެވި ބްލެޓާ، 2015 ވަނަ އަހަރު މަގާމުން އިސްތިއުފާދިނުމަށް ފަަހު، އޭގެ އަހަރެއްހާ ދުވަސް ފަހުން އެ މަގާމަށް އައީ އިންފަންޓީނޯ އެވެ. ބްލެޓާ އަށް މަގާމު ގެއްލުނީ އެތައް އަހަރެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެގެންނެވެ.
އިންފަންޓީނޯ ވަަނީ ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސް ކަމަށް ކުރިމަތިލައްވައިފަ އެވެ. ފީފާ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ މުބާރާތްތަކުގެ ހިއްސާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ގުޅުން އޮންނަ ކުންފުންޏަކަށް ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ވިއްކާލަން އުޅުމުން ޔޫރަޕްގެ ޕްރެޝަރު އިންފަންޓީނޯ އަށް އޮތީ ބޮޑުވެފަ އެވެ.
ޖަރުމަނު ގައުމީ ޓީމުގެ ކޯޗު، ކްލޮޕް، އިންފަންޓީނޯ އަށް ފާޑުކިޔައިފައިވަނީ އެ ކަމާ ގުޅުވައިގެންނެވެ.
"ފުޓްބޯޅައިގައި އަހަރެން ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ. މި ކަހަލަ ކަންކަމުގައި އަހަންނަށް ވުރެން މާ ރަނގަޅަށް މައުލޫމާތު ހުރި މީހުން ތިބޭނެ. އަހަންނަށް ހީވާ ގޮތުގައި މިހާރު ވަރަށް ގިނަ ބަޔަކު އެއްބަސްވާނެ ބަދަލެއް (ފީފާ އަށް) އައުން ވަރަށް މުހިންމުކަން،" ކްލޮޕް ބުންޏެވެ.
"އަހަރެން ހިއެއް ނުކުރަން، ބްލެޓާގެ ދައުރަށް ފަހު ދެން އިތުރަށް ކަންކަން ގޯސްވާނެ ކަމަށް. އެކަމަކު، މީހަކު (އިންފަންޓީނޯ) އައިސް އެކަން ކޮށްފި،"
ކްލޮޕް ބުނީ، އިންފަންޓީނޯ މަގާމުން ދުރުވުމަށް ފަހު، ދެން ފީފާގެ ރައީސަކަށް އަންނަ ފަރާތަކަށް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
ފީފާގެ ރައީސަކު ހޮވާ އިންތިހާބު އޮތީ އަންނަ އަހަރުގެ މާޗް މަހުގަ އެވެ.







