ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިއްކަމުންދާ ރަސްމާލެއިން އެއްބައި އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލަން މަގުފަހިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި އިޒްރޭލު ރައްޔިތުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް އޮތްތޯ ބަލައިދިނުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެދިވަޑައިގެންފި އެވެ.
މުސްތަފާ ވިދާޅުވީ ރިއަލް އެސްޓޭޓް ބިލު މާފަންނު ހުޅަނގު ދާއިރާގެ އާންމު މެންބަރުން ބަލައި، އެ ބިލުގައި ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިވާނެ އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ އެފަދަ ކަމެއް ހިއްސާކުރުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑު ނިސްބަތްވާ މާފަންނު ހުޅަނގު ދާއިރާގެ ތިޔަ ލޮބުވެތި ރައްޔިތުން ކިބައިން ނުހަނު އާދޭހާއެކު މި އެދެނީ މި ބިލް ބައްލަވާދެއްވާ އެފަދަ އެއްވެސް ވާހަކައެއް ބިލުގެ އެއްވެސް މާއްދާއެއްގައި ވާނަމަ އެކަން އަޅުގަނޑުގެ ސަމާލުކަމަށް ގެނަސްދެއްވަން،" އޭނާ ވިދާޅުވި އެވެ.
ރިއަލް އެސްޓޭޓް ބިލަކީ ޒަޔަނިސްޓުންނަށް ނުވަތަ އިޒްރޭލު މީހުންނަށް ވަޒަންވެރިވާ ގޮތަށް ބާރުއަޅާ ބިލެއް ކަމަށް ބުނެ އެ ބިލަށް ވޯޓު ނުދިނުމަށް ދާއިރާގެ އާންމު މެންބަރުން އެދެމުންދާކަން ފާހަގަކުރައްވާ މުސްތަފާ ވިދާޅުވީ އެފަދަ ބިލަކަށް ތާއީދުނުކުރައްވާނެ ކަމަށެވެ.
"މި ވަގުތު މަޖިލީހަށް ހުށައެޅިފައިވާ ރިއަލްސްޓޭޓް ބިލް މި ހިއްސާކޮށްލީ. މި ބިލުގައި ޒަޔަނިސްޓުންނަށް ނުވަތަ އިޒްރޭލު މީހުން ވަޒަންކުރުމަށް ބާރުއަޅާ ބިލެއްކަމަށް ބުނެ މި ބިލަށް ވޯޓު ނުދިނުމަށް ބައެއް ފަރާތްތަކުން އެދެމުން ދާތީއެވެ. ދިވެހިރާއްޖޭގައި އިޒުރޭލުގެ އެންމެ ޝައިޠާނަކަށްވެސް ވަޒަންވެރި ވެވޭ ގޮތަށް އޮންނަ އެއްވެސް ބިލަކަށް އަޅުގަނޑު ތާއިދު ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.
ރަސްމާލޭގެ ބިމުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދިނުމާ ދެކޮޅުހަދާ ކޮންމެ މީހަކީ މި ގައުމުގެ ގައްދާރެއް ކަމަށް މުސްތަފާ މީގެކުރިން ވިދާޅުވި އެވެ.
"20 ބިލިއަންގެ ޕްރޮޖެކްޓާ ދެކޮޅު ކޮންމެ މީހަކީ ގައުމީ ލޯތްބެއް ނެތް ގައުމުގެ އަދުއްވެއް،" މުސްތަފާ މީގެ ކުރިން ވިދާޅުވި އެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފްރޭމްކޮށްފައި އޮތް ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. އަދި ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ.








