ރޭގެ ލަސް ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް ގެންދިޔަ ދަބަހުގައި ހުރީ ކުޅޭ ސާމާނުކަމަށް ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރަސްމީ އެއްވެސް މަސައްކަތެއް ތާވަލު ކުރެވިފައި ނެތީސް، ރޭގެ ވަގުތެއްގައި މުއްތަލިބުގެ އިތުރުން، ބަންޑާރަނައިބު، އަހުމަދު އުޝާމް އާއި އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދުގެ އިތުރުން، ސަރުކާރުގެ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފް ރޭ މަޖިލީހަށް ވަޑައިގަންނަވައި، ޕީއެންސީގެ ބައެއް މެންބަރުންނާ ބައްދަލުކުރެއްވި އެވެ.
އެ ބައްދަލުވުމަށްފަހު، ބޭރަށް ނުކުމެވަޑައިގެންނެވިއިރު، މުއްތަލިބުގެ ކޮނޑުގައި ބޮޑު ކަޅު ދަބަހެއް އޮތެވެ. އެ ދަބަހުގައި ހުރި އެއްޗަކާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އޭނާ ރޭގައި ޖަވާބެއް ނުދެއްވި އެެވެ.
އެކަމާ ގުޅޭގޮތުން ދާދި ދެންމެއަކު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ އޭނާ މަޖިލީހަށް ވަޑައިގެންނެވީ އާރަށުގައި ފުޓުބޯޅަ ކުޅުއްވަން އުޅުއްވުމަށްފަހު ކަމަށެވެ. އަދި، ކޮނޑުގައި އުފުލި ދަބަހުގައި ހުރީ ކުޅޭ ސާމާނުކަމަށް އޭނާގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.
"އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑި އާއި އަޅުގަނޑު އާރަށުން ފުޓުބޯޅަ ކުޅެގެން އައި ގަޑިއާ ދިމާ ވާޓީ، ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ދިޔައީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިފައިގެންނެވެ،" މުއްތަލިބުގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.
މަޖިލީހަކީ ދިވެހި ސިފައިން ސެކިއުރިޓީ ބަލަހައްޓާ ތަނެއްކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ މަޖިލީހަށް އެ ދަބަސް ވެއްދީ ސެކިއުރިޓީ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ.
ރޭގެ ލަސް ވަގުތެއްގައި މަޖިލީހަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ އެދުމުގެ މަތިން، ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން އެ މެންބަރުން ސާފުކުރަން ބޭނުންވެފައި ހުރި ބައެއް ކަންކަން ސާފުކޮށްދިނުމަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު އެހެން ވިދާޅުވި ނަމަވެސް، މަޖިލީހަށް ހުށަހަޅާ ބިލުތަކާ ގުޅޭގޮތުން ސަރުކާރާއި، އެ ނޫން ވެސް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދަނީ ބިލު ދިރާސާ ކުރާ މަރުހަލާގައި މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށްގެންނެވެ. މުއްތަލިބުގެ ޕޯސްޓުގައި އިޝާރާތް ކުރައްވާފައިވާ ރިއަލް އެސްޓޭޓް ބިލަކީ މަޖިލީހަށް އަދި ބަލައި ވެސް ނުގަންނަ ބިލެކެވެ. ބިލެއް ދިރާސާ ކުރުމުގެ މަސައްކަތް ފަށަނީ އެ ބިލަކަށް އިބްތިދާއީ ބަހުސް ކުރުމަށްފަހު، މަޖިލީހަށް ބިލު ބަލައިގަންނަން ފާސްވެއްޖެ ނަމަ އެވެ.
ކޮނޑުގައި ކަޅު ބޮޑު ދަބަހެއް އަޅުވައިގެން މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވުމުން ގިނަ ބަޔަކު އެކަމަށް ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން، ފާޑުކީ ގިނަ މީހުން ބުނެފައި ވަނީ އެ ދަބަހުގައި ހުރީ ކޮންމެ އެއްޗެއް ކަމުގައިވިޔަސް، މުއްތަލިބުއަށް ދީފައި އޮންނަ ކާރުގައި ވެސް އެ ދަބަސް ބޭއްވުނީސް ކަމަށެވެ.








