ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އަރަބި ގައުމުތަކުގެ މީހުންނާ މެދު ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށް ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.
ކުރިން ސާފް ޗެމްޕިއަންޝިޕެއްގައި ނޭޕާލަށް ވެސް ކޯޗުކޮށްދިން މުތައިރީ، ސާފް އަށް މި ތުހުމަތުކޮށްފައިވަނީ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރޭ ބަންގްލަދޭޝް އަތުން ސްރީ ލަންކާ، 4-0 އިން ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ބަންގްލަދޭޝް އަތުން ސްރީ ލަންކާ ބަލިވުން ހައްގުކަން ފާހަގަކޮށް، ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީގެ ފާޑުކިޔުންތައް އަމާޒުވީ، ސާފް އާއި ސާފްގެ ހެޑް އޮފް ލީގަލް ތަންޖިމް ހާން އަށެވެ. އެއީ، ބޫޓާން މެޗަށް ފަހު، މުތައިރީ ދެއްކި ވާހަކަތަކާ ގުޅޭގޮތުން ސާފް އިން މުއާމަލާތް ކުރި ގޮތުންނާއި މީގެ ކުރީގެ ސާފް ޗެމްޕިއަންޝިޕްތަކުގައި ހިނގާފައިވާ ކަންކަމުގެ މައްޗަށް ބަަލައިފަ އެވެ.
"އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް ގެންގޮސް، ބާކީ ގައުުމުތައް ފޮނުވާލާ"
ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް
މުތައިރީ ވަނީ އޭނާ އަށް އަދަބުދޭން ސާފް އިން ދަންވަރު ވަގުތެއްގައި އީމެއިލެއް ފޮނުވައި، 10،000 ޑޮލަރުން ޖޫރިމަނާ ކުރަން ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. އެކަމަކު، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އޭރު އިންޑިއާގެ ކޯޗަކަށް ހުރި ކްރޮއޭޝިއާގެ އީގޯ ސްޓިމަކްގެ ފަރާތުން ކުވެއިތާ ކުޅުނު މެޗުގައި ފެނުނު ކަންތައްތަކަށް 500 ޑޮލަރުން ޖޫރިމަނާ ކުރުން މިއީ ހަމަހަމަކޮށް ދިޔަ ކަމެއް ތޯ އެވެ.
އަދި، އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގައި ސްޓިމަކް، ޕާކިސްތާންގެ ކުޅުންތެރިއަކު ގައިގައި އަތްލުމުން އޭނާ އަށް ފިޔަވަޅު އެޅީ، ރަނގަޅަށް ތޯ ވެސް މުތައިރީ ނޫސްވެރިންނަށް ސުވާލެއް އަމާޒުކުރި އެވެ.
"ސާފުން މި ކަންކަމާ މެދު އެ ބުނީ ސްޓިމަކް، ވޯލްޑް ކަޕްގައި ކުޅެފައިވާތީ އެއީ މައްސަލައެއް ނޫން ކަމަށް،" މުތައިރީ ބުންޏެވެ.
މީގެ ކުރިން، މުތައިރީ ވަނީ 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ގޮވައިިގެން ފައިނަލަށް ދަތުރުކޮށްފަ އެވެ. އެކަމަކު، ފައިނަލް މެޗުގައި މުތައިރީ އަށް ސަސްޕެންޝަންގެ ސަބަބުން ބެންޗަށް ނާދެެވެ އެވެ. މުތައިރީ ބުނީ، އެ ފައިނަލުގައި އޭނާ ސަސްޕެންޑްކުރަން ނިންމި ނިންމުމަކީ ވެސް ތަންޖިމްގެ ނިންމުމެއް ކަމަށެވެ.
"ދެ މެޗުން ދެ ރީނދޫ ކޯޗަކަށް ދައްކައިގެން މެޗަކަށް ސަސްޕެންޑްވާ އެއްވެސް ގަވާއިދެއް ފުޓުބޯޅައިގައި އޮތް ކަމަށްވަންޏާ އަހަރެން ކޯޗުކަން ހުއްޓާލާނަން،" މުތައިރީ ބުންޏެވެ.
މުތައިރީ ދެން ކުރި ތުހުމަތަކީ، 2023 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރަން ނޭޕާލުން ކުރި މަސައްކަތް ކާމިޔާބުނުވީ ސްޕޮންސަރުން އެ ގޮތަށް ބޭނުންނުވުމުން ކަމަށެެވެ. އަދި، އެކަން އޭނާ އަށް ޔަގީންކޮށްދިނީ، ސާފްގެ އޮފިޝަލަކު ކަމަށް ވެސް މުތައިރީ ވަނީ ބުނެފަ އެވެ.
މުތައިރީ ބުނީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކައެއްގެ ސަބަބުން 10،000 ޑޮލަރުން ޖޫރިމަނާ ކޮށް ހަ މަހަށް ސަސްޕެންޑް ކުރުމަށް ދަންވަރު މެއިލެއް ފޮނުވުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ. އަދި ސާފްގެ އެ މެއިލްގައި މުތައިރީ މަަސައްކަތްކުރަނީ، ސާފްއާ މެދު ނަފުރަތު އުފައްދައި ސިޔާސީ ކަންކަން މީގެ އަށް ވެއްދުމަށް ކަމަށާއި ބަންގްލަދޭޝަށް ނިސްބަތްކޮށް ގޯސްކޮށް ވާހަކަ ދައްކައި ބޫޓާނަށް ވެސް ދެރަކޮށް ވާހަކަ ދެއްކި ކަމަށް ވަނީ ހިމަނައިފަ އެވެ.
މުތައިރީ ބުނީ ހެނދުނު ވަގުތެއްގައި މެއިލެއް ކުރި ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު، ދަންވަރުގެ ވަގުތުގައި އެކަން ކުރުމަކީ ސާފް އިން "ލަދުގަންނަންޖެހޭ" ކަމެއް ކަމަށް މުތައިރީ ވަނީ ބުނެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމަށް ފަހު، މިއީ ސާފްގައި އޭނާގެ ފަަހު މުބާރާތް ކަމަށް ބުނެފަ އެވެ.







