ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ކަމަށް ބުނެ ހިއްކަމުންދާ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމާ ދެކޮޅަށް މާދަމާ ރޭ ބާއްވާ އެއްވުމުގައި ބައިވެރިވާން އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީން އެ ޕާޓީގެ އާންމު މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނީ ރަސްމާލެ ޑީލާ ދެކޮޅަށް ބާއްވާ އެއްވުމުގައި އެ ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވުމަށް އެދޭ ކަމަށެވެ.
"ރަސްމާލެއިން 500 ހެކްޓަރު ދޫކޮށްލުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގޮވާލައި 13 ނޮވެމްބަރު 2026 (ހުކުރު) ދުވަހުގެ ރޭ 20:30 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމުގައި މި ޕާޓީގެ އެންމެހާ މެންބަރުން ބައިވެރިވެވަޑައިގެންނެވުން އެދެން،" އެ ޕާޓީން އާންމު މެންބަރުންނަށް ފޮނުވި މެސެޖުގައި ބުންޏެވެ.
ރަސްމާލެ ވިއްކާލުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދަން ވޯޓެއް ނުނަގައިފި ނަމަ ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާ ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެފަ އެވެ.
އެ ގަރާރުގައި ގޮވާލާފައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލޭ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިޔުމަށެވެ. އެމްޑީޕީގެ އެ ޑިމާންޑަށް ސަރުކާރުން އަމަލުނުކޮށްފި ނަމަ، އެހެން ޕާޓީތަކާއި ޖަމިއްޔަތަކާ ގުޅިގެން މުޒާހަރާ ކުރަން ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ބާއްވާ މި އެއްވުމުގައި އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި އެއްވުމުގައި ބައިވެރިވާނެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އިއުލާންކުރައްވާފަ އެވެ.
މި އެއްވުމާ ދިމާކޮށް ސިލްސިލާ ގޮތެއްގައި މާލޭގައި ގައުމީ ހަރަކާތުން އަންނަނީ އެއްވުންތައް ބާއްވައި މަޝްރޫއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެ ހަރަކާތްތަކުގައި މި ޑީލާ ގުޅިގެން އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ދަނީ ގޮވާލަމުންނެވެ.








