ސްރީ ލަންކާ-ބަންގްލަދޭޝް: ސާފްގައި ދިރުވަމުން އަންނަ ސަގާފަތެއް ފެންނާނެ މެޗެއް

Nov 11, 2026, 8:09 AM
ބަންގްލަދޭޝްގެ މެޗެއްގެ ތެރެއިން ހަމްޒާ ޗޯދުރީ ބޯޅަ މެއިން ކޮންޓްރޯލް ކުރަނީ.

ބަންގްލަދޭޝްގެ މެޗެއްގެ ތެރެއިން ހަމްޒާ ޗޯދުރީ ބޯޅަ މެއިން ކޮންޓްރޯލް ކުރަނީ.

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަަހު މެޗަކަށް ވެގެންދާނީ މިރޭ ގްރޫޕް އޭގައި ބަންގްލަދޭޝް އާއި ސްރީ ލަންކާ ވާދަކުރާ މެޗެވެ. ބަންގްލަދޭޝް އިން 23 އަހަރަށް ފަހު ސަރަހައްދުގެ ތަށި ހޯދަން ހާއްސަ އަމާޒެއް ކަނޑައަޅާފައިވާއިރު، ސްރީ ލަންކާ އިން މަސައްކަތްކުރަމުން އަންނަނީ 31 އަހަރަށް ފަހު ސަރަހައްދުގެ ތަށި އުފުލާލުމަށެވެ. 

ސްރީ ލަންކާ އިން މިހާތަނަށް ސާފްގެ ތަށި ހޯދި ހަމައެކަނި ފަހަރަކީ 1995 ވަނަ އަހަރު އެ ގައުމުގައި ހޯސްޓްކުރި ފަހަރު އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް މިދިޔަ އަހަރު ލަންކާގައި ހޯސްޓްކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް މުބާރާތް ފަސްވެގެން މި އަހަރަށް ބަދަލުކުރިއިރު، މުބާރާތް ހޯސްޓް މި ކުރަނީ ބަންގްލަދޭޝްގަ އެވެ. ބަންގްލަދޭޝް  އިން ސާފް ތަށި އުފުލާލި ހަމައެކަނި ފަހަރަކީ، އެ ގައުމުގައި އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރި ފަހަރެވެ. އެއީ، 2003 ވަނަ އަހަރު އެވެ. 

ސަރަހައްދުގެ ފުޓްބޯޅައިގައި މިހާރު ބަންގްލަދޭޝް އާއި ސްރީ ލަންކާ އަށް ކާމިޔާބު ނުލިބި އެތައް އަހަރެއް ގުނަން ޖެހިފައިވާއިރު، މިދިޔަ ދެތިން އަހަރު ތެރޭ މި ދެ ގައުމުގެ ފުޓްބޯޅަ އަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އާ ސަގާފަތެއް ދިރުވައިފަ އެވެ. 

Advertisement

ރަށްވެހިކަން ދީގެން އާ ކުޅުންތެރިން ގައުމީ ޓީމަށް ކުޅުވުން

މީގެ 20 ވަރަކަށް އަަހަރު ކުރިން ބަންގްލަދޭޝް އިން އެ ގައުމު ތަމްސީލް ކުރެވޭނެ ކުޅުންތެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދުމުގެ މަސައްކަތް ފަށައިގަތެވެ. އެ ގޮތުން، ބަންގްލަދޭޝްގެ ކެޕްޓަން ބޭންޑް އަޅައިގެން މިހާރު ކުޅެމުން އަންނަ ޖަމާލް ބުޔާން އެވެ. ޑެންމާކަށް އުފަން ނަމަވެސް ބަންގްލަދޭޝްގެ އާއިލާ އަކަށް ނިސްބަތްވާ ކުޅުންތެރިއަކަށް ވާތީވެ، 2008 ވަނަ އަހަރު ޖަމާލް ބުޔާން އަށް ބަންގްލަދޭޝް އަށް ކުޅެން ދައުވަތު ފޮނުވި އެވެ. އޭނާ އޮފާ ގަބޫލުކޮށް ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުން ކެރިއަރު ފަށައި، 2013 ވަނަ އަަހަރުގެ ސާފް ޗެމްޕިއަންޝިޕުން ފެށިގެން އަންނަނީ ގައުމީ ޓީމަށް ކުޅެމުންނެވެ. 

ބަންގްލަދޭޝްގައި ނެޗުރަލައިޒްކޮށްގެން ކުޅުންތެރިން ކުޅުވުން ބޮޑަށް ވައިގައި ހިފަން ފެށީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހުގަ އެވެ. ފިންލެންޑް ގައުމީ ޓީމަށް ކުރިން ކުޅުނު ޑިފެންޑަރު ތާރިކް ގާޒީ އާއި އިނގިރޭސި ޔޫތު ޓީމުތަކަށް ކުޅުނު ހަމްޒާ ޗޯދުރީ އާއި ޗެލްސީ އާއި ފުލަމް އެކަޑަމީން ޑިވެލޮޕްވި ފަރުހާން ވާހިދު އާއި އިޓަލީގައި ކުޅެމުން އަންނަ ފަހެމުދުލް އިސްލާމް އަދި ކެނަޑާގެ އުމުރުފުރާ ޓީމުތަކާއި ސީނިއާ ޓީމަށް ކުޅެފައިވާ ޝަމިތު ޝޯމޭ  މިހާރު ކުޅެމުން އެ އަންނަނީ ބަންގްލަދޭޝް ގައުމީ ޓީމަށެވެ. 

މީގެ އިތުރުން ވެސް އިނގިރޭސި ވިލާތުގައި ބޮޑުވި ޒިދާން ޔޫސުފް އާއި ޖަޕާން ދަރިކޮޅަށް ނިސްބަތްވާ ޝޫކީ އިޓޯފޫސާ އަކީ ވެސް ބަންގްލަދޭޝް އިން ބަދަލުކުރި ވިސްނުމުގެ ތެރެއިން ގައުމީ ޓީމަށް ގެނައި ކުޅުންތެރިންނެވެ. 

ސްރީ ލަންކާގެ "މެޖޯރިޓީ" އަކީ ނެޗުރަލައިޒް ކުޅުންތެރިން 

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އާއި ބޫޓާން ފިޔަވައި ބާކީ އޮތް ފަސް ގައުމުގައި ވެސް ނެޗުރަލައިޒް ކުޅުންތެރިން ހިމެނެ އެވެ. އެ ގޮތުން، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑަށް ބަލާއިރު އެންމެ ގިނައިން ނެޗުރަލައިޒް ކުޅުންތެރިން ޓީމުގައި ހިމަނާފައިވަނީ ސްރީ ލަންކާ އިންނެވެ. އެ ގޮތުން، ލަންކާ ޓީމުގައި ރަޖިސްޓްރީކޮށްފައިވާ 28 ކުޅުންތެރިންގެ ސްކޮޑުގެ ތެރެއިން 16 ކުޅުންތެރިންނަކީ ނެޗުރަލައިޒް ކުޅުންތެރިންނެވެ. 

ލަންކާ އިން މި ވިސްނުމަށް ބަދަލުކޮށް، އެ ގައުމަށް ނިސްބަތްވާ އެކި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ރަނގަޅަށް ފެށީ މީގެ ފަސް އަހަރު ކުރިންނެވެ. އަދި، އަހަރަކަށް ފަހު އަހަރެއް އޭގެ ކުޅުންތެރިންގެ ނިސްބަތް ގިނަވެ، މިހާރު ލަންކާ ޓީމުގެ ކޮންޓްރޯލް އޮތީ އެ ގައުމަށް ނިސްބަތްވާ އެކި ދަރިފަސްކޮޅުން އައިސްފައިވާ ކުޅުންތެރިންގެ މައްޗަށެވެ. 

ލަންކާގެ ކޯޗަކަށް ހުރި ކުވެއިތުގެ އަލް މުތައިރީ ބުނެފައިވަނީ، ލަންކާ އަށް ނިސްބަތްވާ "ލޭ" ހުރި ކޮންމެ ކުޅުންތެރިއަކަށް، އެ އޮންނަ އުސޫލުގެ ތެރެއިން އެ ގައުމަށް ކުޅުމުގެ ފުރުސަތު ހޯދުމުގައި ހުރަހެއް ނެތް ކަމަށެވެ. 

ސާފް ޗެމްޕިއަންޝިޕްގައި މިރޭ ލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗަކީ، ސާފްގެ ތާރީހުގައި ވެސް އެންމެ ފޯރިގަދަ މެޗަށް ވާނެ ކަމަށް މުތައިރީ ވަނީ ބުނެފަ އެވެ. ބަންގްލަދޭޝް ވަނީ ސެމީ ފައިނަލް ޔަގީންކޮށްފަ އެވެ. ބަންގްލަދޭޝް އަތުން ބަލިނުވެ ފަރުޖައްސާލައިގެން ލަންކާ އަށް ސެމީ އަށް ދެވޭނެ އެވެ. އެކަމަކު، މުތައިރީ ވިސްނުން ހުރީ ބަންގްލަދޭޝް ކައިރީގައި "ނަތީޖާއެއް ނެރެގެން" ސެމީ ފައިނަލަށް ދިއުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox