ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 7.1 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ބޭނުންވާ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފި އެވެ.
އޭޑީބީގެ ރައީސް މަސާޓޯ ކަންޑާ ވިދާޅުވި ގޮތުގައި ދެކުނު އިރުމަތީ އޭޝިއާގެ ކުރިއެރުން ބިނާވެފައިވަނީ ދެން ބިނާކުރާ ވަސީލަތްތަކުގެ މައްޗަށެވެ. ކާރުހާނާތަކަށް އިތުބާރު ހުރި ކަރަންޓުގެ ހިދުމަތް ބޭނުންވާއިރު، ވިޔަފާރިތަކަށް މުދާ އުފުލުމަށް އަވަސް އަދި ރައްކާތެރި މަގުތައް ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި އިންވެސްޓްމަންޓްތަކަކީ ދިގު މުއްދަތުގެ ފައިދާ ލިބޭނެ ފަދަ މަޝްރޫއުތަކަކަށް ވާންޖެހޭނެ ކަމަށާއި، އިންވެސްޓަރުން އިތުބާރުކުރާ އަދި ރައްޔިތުންނަށް ބޭނުންތެރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ދަ 7 ޓްރިލިއަން ޗެލެންޖް: ބިލްޑިންގ ޓުމޯރޯސް އާސިއާން" ގެ ނަމުގައި ނެރުނު މި ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި 2026 އިން 2040 އަށް އަހަރަކު އެވްރެޖްކޮށް 476 ބިލިއަން ޑޮލަރު އުމްރާނީ ތަރައްގީއަށް ބޭނުންވާނެ އެވެ. މިއީ މި ސަރަހައްދުގެ ޖުމްލަ އުފެއްދުންތެރިކަމުގެ ނިސްބަތުން 8.7 ޕަސެންޓެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ސަރުކާރުތަކުގެ ބަޖެޓުން ހަމަޖެއްސޭނީ ބޭނުންވާ މިންވަރުގެ އެންމެ 45 ޕަސެންޓެވެ. މީގެ މާނައަކީ ކޮންމެ އަހަރަކު 264 ބިލިއަން ޑޮލަރުގެ ތަފާތެއް ނުވަތަ ފައިނޭންސިންގ ގެޕެއް އުޅޭނެ ކަމެވެ.
މި ބޭނުންތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާ އެވެ. ކަރަންޓުގެ ދާއިރާއަށް 3.6 ޓްރިލިއަން ޑޮލަރު ބޭނުންވާއިރު، ދަތުރުފަތުރުގެ ދާއިރާއަށް 2.5 ޓްރިލިއަން ޑޮލަރު ބޭނުންވެ އެވެ. މީގެ ތެރޭގައި އާސިއާންގެ ގައުމުތައް ގުޅާލެވޭ ކަރަންޓު ވިއުގައެއް ގާއިމުކުރުމާއި، ސާފު ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ. ދަތުރުފަތުރުގެ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ މަގުތައް ހެދުމަށެވެ. އަދި ރޭލުގެ ޚިދުމަތާއި އެއާޕޯޓްތަކަކީ އެންމެ ހަލުވިކަމާއެކު ބޭނުންތެރިކަން އިތުރުވަމުންދާ ދާއިރާތަކެވެ.
ޑިޖިޓަލް އުމްރާނީ ތަރައްގީއަށް 584 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ރިޕޯޓުގައިވެއެވެ. މީގެ ތެރޭގައި ބްރޯޑްބޭންޑް ނެޓްވޯކްތަކާއި ޑޭޓާ ސެންޓަރުތައް ހިމެނެއެވެ. މީގެ އިތުރުން ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް 227 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށާއި، މީގެ ތެރޭގައި ގާތްގަނޑަކަށް 49،000 އާ ސިއްހީ މަރުކަޒު ބިނާކުރުން ހިމެނޭ ކަމަށް އޭޑީބީން ބުނެ އެވެ.
އަމިއްލަ އިންވެސްޓަރުން މި މަޝްރޫއުތަކަށް ޝައުގުވެރިކުރުވުމަށް ހުރި އެންމެ ބޮޑު ހުރަހަކީ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ތައްޔާރުކުރެވިފައި ނެތުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މަޝްރޫއުތައް ރޭވުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި، ދެފުށް ފެންނަ ގޮތަށް ބީލަމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އޭޑީބީން ވަނީ ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ.
މި ރިޕޯޓުގައި އާސިއާންގެ ހުރިހާ 11 ގައުމެއްގެ ހާލަތު ދިރާސާކޮށްފައިވެއެވެ. އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ތަރައްގީއަށް މަސައްކަތްކުރާ މައި ބޭންކުގެ ހައިސިއްޔަތުން، އޭޑީބީން ދަނީ މި ސަރަހައްދުގެ ގައުމުތަކަށް މާލީ އެހީތެރިކަމާއި ފަންނީ ލަފާ ފޯރުކޮށްދެމުންނެވެ. 1966 ވަނަ އަހަރު އުފެއްދި އޭޑީބީގައި 69 މެންބަރު ގައުމު ހިމެނޭއިރު، އޭގެ ތެރެއިން 50 ގައުމަކީ މި ސަރަހައްދުގެ ގައުމުތަކެވެ.








