އޭޝިއާގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނުން 10 ބިލިއަން ޑޮލަރުގެ އެހީއެއް އިއުލާންކޮށްފި

Apr 16, 2026, 11:01 AM
އޭޝިއާގެ އެހެން ގައުމުތަކުގެ ލީޑަރުންނާއެކު ބޭއްވި އޮންލައިން ބައްދަލުވުމަކަށްފަހު، އެއްބާރުލުން އިތުރުކުރުމުގެ އާ އޮނިގަނޑެއް ސަނައޭ ޓަކައިޗީ އިއުލާން ކުރައްވައިފި -- ފޮޓޯ: ޖަޕާން ކެބިނެޓް ޕަބްލިކް އެފެއާޒް އޮފީސް

އޭޝިއާގެ އެހެން ގައުމުތަކުގެ ލީޑަރުންނާއެކު ބޭއްވި އޮންލައިން ބައްދަލުވުމަކަށްފަހު، އެއްބާރުލުން އިތުރުކުރުމުގެ އާ އޮނިގަނޑެއް ސަނައޭ ޓަކައިޗީ އިއުލާން ކުރައްވައިފި -- ފޮޓޯ: ޖަޕާން ކެބިނެޓް ޕަބްލިކް އެފެއާޒް އޮފީސް

އީރާނުގެ ހަނގުރާމައާ ގުޅިގެން ހަކަތަ ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި، އޭޝިއާގެ އަވަށްޓެރި ގައުމުތަކަށް، ހާއްސަކޮށް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ސާފުނުކުރާ ތެޔޮ ހިމެނޭހެން ހަކަތަ ކަށަވަރުކޮށްދިނުމަށް 10 ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ޖަޕާނުން ވައުދުވެއްޖެ އެވެ.

އޭޝިއާގެ އެހެން ގައުމުތަކުގެ ލީޑަރުންނާއެކު ބުދަ ދުވަހު ބޭއްވި އޮންލައިން ބައްދަލުވުމަކަށްފަހު، ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އާ އޮނިގަނޑެއް އިއުލާން ކުރައްވާފަ އެވެ.

ޕެޓްރޯލިއަމްގެ އުފެއްދުންތަކަށް، ހާއްސަކޮށް ސިއްހީ ސާމާނު އުފެއްދުމަށް ޖަޕާނުން ދެކުނު އިރުމަތީ އޭޝިއާއަށް ބަރޯސާވާ މިންވަރު ބޮޑުކަން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓަކައިޗީ ވަނީ ފާހަގަކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ސަޕްލައި ޗެއިންތަކުގެ ޒަރީއާއިން އޭޝިއާގެ ކޮންމެ ގައުމަކާ ވެސް ޖަޕާނާ ދެމެދު ބޮޑު ގުޅުމެއް އޮންނަ ކަމަށާއި، އެއް ގައުމު އަނެއް ގައުމަށް ބަރޯސާވާން ޖެހިފައިވާ ކަމަށެވެ.

ޖަޕާނުން އެކުލަވާލި މި އޮނިގަނޑުގެ މަގްސަދަކީ އޭޝިއާގެ ގައުމުތަކަށް ސާފުނުކުރާ ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ހޯދުމުގައި އެހީތެރިވުމުގެ އިތުރުން، ސަޕްލައި ޗެއިންތައް ދަމަހައްޓައި ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރުމެވެ.

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ކުރިމަތިވާ ހަކަތައިގެ ދަތިކަމުގެ ނުރައްކާ އޭޝިއާއަށް ބޮޑެވެ. އެއީ އެ މުހިންމު ކަނޑުއޮޅިން ދަތުރުކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް 90 އިންސައްތަ އަކީ މި ސަރަހައްދުގެ ގައުމުތަކަށް ފޮނުވާ ތަކެތި ކަމަށްވާތީ އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެހީގެ ގޮތުގައި ދޭން ނިންމި 10 ބިލިއަން ޑޮލަރަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އިއްތިހާދު (އާސިއާން) ގެ ގައުމުތަކުން އަހަރެއްގެ މައްޗަށް އެތެރެކުރާ ސާފުނުކުރާ ތެލުގެ އަގާ ގާތްކުރާ މިންވަރެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ފިލިޕީންސް، މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ބަންގްލަދޭޝް އަދި ދެކުނު ކޮރެއާގެ ލީޑަރުން މި އިސްނެގުމަށް މަރުހަބާ ކިޔާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދާނީ އެކި މަސްދަރުތަކުން ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ ތެރޭގައި ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބީއައިސީ) އާއި ނިޕޯން އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް އިންޝުއަރެންސް ފަދަ ސަރުކާރުގެ ހިއްސާ އޮންނަ މުއައްސަސާތަކުގެ އިތުރުން، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ހިމެނެ އެވެ.

ބޮޑުވަޒީރު ޓަކައިޗީ ވިދާޅުވީ މި އެހީގެ ސަބަބުން ޖަޕާނުގެ އެތެރޭގެ ތެލުގެ ސަޕްލައިއަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ.

މިދިޔަ 2025 ވަނަ އަހަރުގެ ނިޔަލަށް ޖަޕާނުގެ ރިޒާވްގައި އެ ގައުމުގެ އެތެރޭގެ ބޭނުންތަކަށް 254 ދުވަހަށް ފުދޭވަރަށް ތެޔޮ ހުއްޓެވެ. ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެ ރިޒާވުން ތެޔޮ ބޭނުންކުރަން ފަށާފަ އެވެ.

މިދިޔަ މަހު ޖަޕާނުން ވަނީ ރެކޯޑް މިންވަރަކަށް، އެގައުމުގެ ރިޒާވުން 50 ދުވަހަށް ފުދޭވަރުގެ ތެޔޮ ދޫކޮށްފަ އެވެ. އަދި މެއި މަހުގެ ކުރީކޮޅު އިތުރު 20 ދުވަހުގެ ތެޔޮ ދޫކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ސާފުނުކުރާ ތެލުން އުފައްދާ އަދި ޕްލާސްޓިކް އުފެއްދުމަށް ބޭނުންކުރާ މުހިންމު މާއްދާއެއް ކަމަށްވާ 'ނެފްތާ' ލިބުން ދަތިވެދާނެ ކަމުގެ ބިރު ވެސް ޖަޕާނުގައި ވަނީ ބޮޑުވެފަ އެވެ. މި ކަންބޮޑުވުން ހާއްސަކޮށް ހޮސްޕިޓަލްތަކުގައި ބޮޑެވެ. އެއީ އިންޖެކްޝަން ޖަހާ ކަށި، އަންގި އަދި ޑަޔަލަސިސް ހަދާ ސާމާނު ފަދަ މުހިންމު ސިއްހީ ތަކެތި އުފެއްދުމަށް އެ މާއްދާ ބޭނުންކުރާތީ އެވެ.

ކަންބޮޑުނުވުމަށާއި ވަގުތުން ވަގުތަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް ޓަކައިޗީ ވިދާޅުވި ނަމަވެސް، ނެފްތާ ލިބުން ދަތިވުމުގެ ސަބަބުން، އެ ގައުމުގެ ސިއްހީ ނިޒާމަށް އިތުރު ލޮޅުންތަކެއް އަރާފާނެ ކަމުގެ ބިރު އެބައޮތެވެ.

ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް މި ކަންބޮޑުވުންތައް އެބަހުއްޓެވެ. ހަކަތަ އިގްތިސާދު ކުރުމުގެ ގޮތުން އެކަކު އަނެކަކާ އުޅަނދުތައް ހިއްސާކުރުމަށާއި އެއާކޮންޑިޝަން ބޭނުންކުރުން މަދުކުރުމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. މިދަނޑިވަޅުގައި ފިލިޕީންސުން ވަނީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ޖަޕާނުން ބޭއްވި މި ސަމިޓުގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވަނީ އާސިއާންގެ ގައުމުތަކުގެ މެދުގައި ތެޔޮ ހިއްސާކުރުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ގޮވާލައްވާފަ އެވެ.

އޭނާ ވިދާޅުވީ މިފަދަ ބޮޑު ސަޕްލައި ޗެއިންގެ ލޮޅުމަކުން، އޭޝިއާގެ އެއްވެސް ގައުމަކަށް އެކަނި މަސައްކަތް ކޮށްގެން ސަލާމަތް ނުވެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox