ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް ބޭނުންވާ ފަންނީ ގޮތުން ގާބިލު އިންވެސްޓިގޭޓަރުން އުފައްދައި، އިންސާނީ ވަސީލަތުގެ ދަތިކަން ހައްލުކުރުމަށްޓަކައި "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފި އެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ މި ކޯސް ފެށުމަށް ނިންމާފައިވަނީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ މި ދާއިރާއަށް ހާއްސަ ވެގެން ތަމްރީނު ލިބިފައިވާ މީހުން މަދުވުން ކަމަށްވާތީ އެވެ.
އެ ގޮތުން މި ކޯހުގެ ސަބަބުން މިހާރު ދިމާވެފައިވާ ފަންނީ މުވައްޒަފުންގެ ހުސްކަން ފުރިގެންދާނެ ކަމަށް އެމްނާކާއިން ފާހަގަކޮށްފައިވެ އެވެ.
"ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަޙުޤީޤުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ޤާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން. އެމްނާކާއިން ފަށަން މި ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ މި ޤައުމީ ހުސްކަން ފުރައިލައި، ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް،" އެމްނާކާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ތޮއްޔިބު ވިދާޅުވި އެވެ.
މި ކޯހުގެ ތެރެއިން ތަހުގީގީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ގާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުއާމަލާތްތައް ތަހުލީލުކުރުން ފަދަ މުހިންމު ބައިތައް ކިޔަވައިދޭނެ އެވެ.
މީގެ އިތުރުން، ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ގަވާއިދުތަކުގެ ތެރެއިން ހިންގާ ހިޔާނާތްތައް ދެނެގަތުމުގެ ހުނަރުތައްވެސް ދަސްކޮށްދިނުމަށް ވަނީ ރާވާފަ އެވެ.
އެމްނާކާއިން މައިގަނޑު ތިން ދާއިރާއަކުން މަސައްކަތް ކުރާއިރު، އޭގެ ތެރޭގައި އޭސީސީގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމާއި، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) އިސްވެރިންނަށް ކޮރަޕްޝަންގެ ހިރާސްތައް ދެނެގަންނާނެ ގޮތުގެ ކުރު ކޯސްތައް ހިންގުން ހިމެނެ އެވެ.
ނަމަވެސް، ގައުމީ ފެންވަރުގައި ތަހުގީގީ އިންސާނީ ވަސީލަތް ބިނާކުރުމުގެ މަސައްކަތް މިހާރު މިވަނީ އައު ޑިޕްލޮމާ ކޯހާ ހަމައަށް ގޮސްފަ އެވެ.








