ސޯޝަލްމީޑިއާގައި މީހަކު ޝެއާކުރާ ޕޯސްޓަކާ ގުޅިގެން ވެސް އަބުރުގެ ދައުވާ އުފުލޭ ގޮތަށް ހަދައި، ބަދަލުގެ ގޮތުގައި 500،000ރ. ނަގައިދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގައި ހިމަނައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި ވަނީ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އެވެ. އެ ބިލުގައި އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބެލެވޭނެ ވަރަށް ބައިވަރު ކަންކަން ހިމަނައިފައި ވެ އެވެ.
އެ ބިލުގައި ބަޔާންކޮށްފައި ވާގޮތުން، އެއްވެސް މީހެއްގެ އަބުރާ ބެހެވޭ ފަދަ އެއްވެސް އެއްޗެއް ސޯޝަލްމީޑިއާގައި ޝާއިއުކުރާ މީހާ އާއި އެފަދަ އެއްޗެއް ފަތުރައި ދައުުރުކުރާ މީހުންގެ މައްޗަށް ވެސް އަބުރުގެ ދައުވާ އުފުލޭނެ އެވެ.
އަބުރުގެ ދައުވާއެއް އުފުލާއިރު، އަބުރާ ބެހުމުގެ ސަބަބުން ދައުވާކުރާ ފަރާތަށް ގެއްލުން ލިބިފައިވާ ކަމަށާއި އަބުރާބެހުނު ފަރާތުގެ ކިބައިން ބަދަލު ނަގައިދިނުމަށް ދައުވާކުރި ފަރާތުން އެދިފައިވާނަމަ، އަދި އެކަން ސާބިތުވާނަމަ ކޯޓުން ބަދަލު ނަގައިދޭން ވާނެ ކަމަށް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ.
އެގޮތުން، އަބުރާ ބެހުނުކަމުގެ ދައުވާއެއް އުފުލާ މީހަކަށް މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއް ނަގައިދެވޭނެ ކަމަށް އެ ބިލުގައި ހިމަނައިފައި ވެ އެވެ.
ބުނާ ބަސްތަކެއްގެ ސަބަބުން، ދައްކާ ފޮޓޯއެއް ނުވަތަ ކުރެހުމެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ބުނެފައި ވެ އެވެ. އަދި ވަކި މީހަކު ސިފަވާގޮތަށް ހަދާފައި ހުންނަ ތަކެތި މެދުވެރިކޮށް ނުވަތަ ހަދާ ފިލްމަކުން ނުވަތަ ތަމްސީލެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައި ވެ އެވެ.
އޭގެ އިތުރުން، މީހަކު ކުރާ އިޝާރާތެއްގެ ސަބަބުން ނުވަތަ ކުރާ ހަރަކާތެއްގެ ސަބަބުން ވަކި ފަރާތެއްގެ އަބުރާބެހެވޭ ފަދަ އެއްޗެއް ސިފަކުރެވިގެން ނުވަތަ ވިސްނި، ދޭހަވިޔަސް އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާ ކުރެވެ އެވެ.
އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާއެއް އުފުލޭނީ އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކީ، އޭގައި ހަގީގަތެއް އެކުލެވިގެން ނުވާ ދޮގަކަށް ވެއްޖެ ނަމަ އެވެ.








