މީހަކު ކުރަހާ ކުރެހުމަކުން ނުވަތަ ނަގާ ފޮޓޯއަކުން ނުވަތަ ބުނާ ބަހެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ އުފުލޭގޮތަށް ހިމަނައި މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި ވަނީ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އެވެ. އެ ބިލުގައި އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބެލެވޭނެ ވަރަށް ބައިވަރު ކަންކަން ހިމަނައިފައިވެ އެވެ.
އެގޮތުން، ބުނާ ބަސްތަކަކެއްގެ ސަބަބުން، ދައްކާ ފޮޓޯއެއް ނުވަތަ ކުރެހުމެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ. އޭގެ އިތުރުން، ވަކި މީހަކު ސިފަވާގޮތަށް ހަދާފައި ހުންނަ ތަކެތި މެދުވެރިކޮށް ނުވަތަ ހަދާ ފިލްމަކުން ނުވަތަ ތަމްސީލެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ.
އޭގެ އިތުރުން، މީހަކު ކުރާ އިޝާރާތެއްގެ ސަބަބުން ނުވަތަ ކުރާ ހަރަކާތެއްގެ ސަބަބުން ވަކި ފަރާތެއްގެ އަބުރާބެހެވޭ ފަދަ އެއްޗެއް ސިފަކުރެވިފެން ނުވަތަ ވިސްނި، ދޭހަވިޔަސް އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާ ކުރެވެ އެވެ.
އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާއެއް އުފުލޭނީ އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކީ، އޭގައި ހަގީގަތެއް އެކުލެވިގެން ނުވާ ދޮގަކަށް ވެއްޖެ ނަމަ އެވެ.
އަބުރުގެ ދައުވާއެއް ސާބިތުވެއްޖެ ނަމަ، ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވިދާނެކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެ ބިލުގައި ވާގޮތުން، އަބުރާ ބެހުމަކީ މަދަނީ ކުށެކެވެ.
އެ ބިލުގައި ވަނީ، އަބުރުގެ ދައުވާ ނުއުފުލޭނެ ފަރާތްތަކާއި ހާލަތްތައް ވެސް ބަޔާންކޮށްފަ އެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ދައްކާ ވާހަކައަކާ ގުޅިގެން އަބުރުގެ ދައުވާއެއް ނުއުފުލޭނެ އެވެ. އަދި، އެފަދަ ކަމެއްގެ ހަބަރެއް އުފުލާ މީހާގެ މައްޗަށް ވެސް އަބުރުގެ ދައުވާ ނުއުފުލޭނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.








