ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލުމަށް އެކުލަވާލާ ރިއަލް އެސްޓޭޓު ބިލުގައި އެފަދަ ތަންތަނުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށް ބުނާ މާއްދާއެއް ހިމަނައިފި އެވެ.
އެ ބިލުގައި ވަނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓު ޒޯނަށް ހިނގާނެ ހާއްސަ އުސޫލުތަކެއް ހިމަނާފަ އެވެ. އެފަދަ ޒޯނަކީ މަދުވެގެން 200 ހެކްޓަރު ހުންނަ އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓުމަންޓުަތަކަށް ވާން ޖެހެ އެވެ.
ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާނީ މިފަދަ މަޝްރޫއުއެކެވެ.
"ކަނޑައަޅާ ޒޯނުގައި ތަރައްގީކުރާ ތަންތަނަށް އަދި އެ ތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުަލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓުކުރުމަށް ނުވަތަ ވިއްކުމަށް ނުވަތަ ބޭނުންކުރަން ހުއްދަ ލިބިގެން ނުވޭ،" އެ ބިލުގެ 77 ވަނަ މާއްދާގެ ރ. ގައި ބުނެފައިވެ އެވެ.
ރަސްމާލޭގައި ރަލާއި އޫރުމަސް ވިއްކުމާ ގުޅޭ ގޮތުން ސަރުކާރުގެ ވެރިން މިހާތަނަށް ދައްކާފައިވާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުއްޓެވެ. އެ ތަނުގައި އެއްވެސް ވަރަކަށް ބަނގުރާ ނުވިއްކޭނެ ކަމަށާއި ރަލެއް ނުބޮވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮއްވައި، ހުއްދަ ނަގައިގެން އެތަނުގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ދީނީ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
ރަސްމާލޭގައި ރާ ނުބޮވޭނެ ކަން ގާނޫނުގައި ލިޔެގެން ކަށަވަރު ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވިދާޅުވީ އެތަނަށް މުޅިންހެން އަންނާނީ މުސްލިމުން ކަމަށާއި، އެ ނޫން ގޮތަކަށް އުޅެން އެތަނަށް ބަޔަކު ނާންނާނެ ކަމަށެވެ.
މި މަޝްރޫއުގެ ފަސްމަންޒަރަށް ބަލާއިރު، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ އެކު 12 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއު ހިންގަނީ ރަސްމާލޭގެ 500 ހެކްޓަރު ދޫކޮށްލައިގެންނެވެ.








