އިނގިރޭސިވިލާތުގެ ޑަޗެސް އޮފް ސަސެކްސް މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ދައުވާ އުފުލައި، އޭނާ ކޯޓަށް ހާޒިރުކޮށްފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ބުނި ގޮތުގައި، ތޯމަސް މާކަލް ހައްޔަރުކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އޭނާގެ އަތުގައި ހުރި ކަމަށް ތުހުމަތުކޮށް ފެޑަރަލް އޭޖެންޓުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އުމުރުން 82 އަހަރުގެ ތޯމަސް މާކަލް ފްލޮރިޑާ އިން ހައްޔަރުކުރީ، ލޮސް އެންޖެލިސް ސަރަހައްދުގައި އޭނާ ގާތްގަނޑަކަށް 20 އަހަރު ވަންދެން ކުއްޔަށް ހިފައިގެން އުޅުނު ދެ ގުދަނެއް އެފްބީއައި އިން ބަލައި ފާސްކުރުމަށް ފަހު އެވެ.
ޑީއޯޖޭ އިން ބުނި ގޮތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންގެ ބަދުއަޚުލާގީ މަންޒަރު ފެންނަ ފޮޓޯ ގެންގުޅުމުގެ އެއް ދައުވާ އެވެ. މީގެ ކުރިން މިފަދަ ތުހުމަތުތަކަށް އިންކާރުކޮށް މާކަލް ބުނެފައިވަނީ އެއީ "ނުބައި ދޮގުތަކެއް" ކަމަށެވެ.
ބީބީސީގެ އެމެރިކާގެ ޕާޓްނަރު ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 30 މިނެޓަށް ދެމިގެންދިޔަ ކޯޓު އަޑުއެހުމުގައި ފެޑަރަލް ޕްރޮސެކިއުޓަރު ކޯޓްނީ ޑެރީ ވަނީ އޭނާގެ މައްޗަށް ކުރެވޭ ދައުވާތައް އިއްވާފަ އެވެ.
ކޯޓަށް މާކަލް ހާޒިރުކުރީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އޭނާ ކޯޓަށް ގެންދިޔައީ އެމެރިކާގެ ދެ މާޝަލުންގެ ބެލުމުގެ ދަށުންނެވެ. ކޯޓަށް ހާޒިރުވިއިރު އޭނާ ހުރީ ކަޅު ކުލައިގެ ފަޓުލޫނަކާއި ކަޅު ޓީޝާޓެއްގަ އެވެ.
ކޯޓުން ވަނީ ފްލޮރިޑާގައި އޭނާ ދިރިއުޅޭ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުގައި (އެސިސްޓެޑް ލިވިން ފެސިލިޓީ) ބަންދުގައި ބެހެއްޓުމަށާއި، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އޭނާ މޮނިޓަރު ކުރުމަށް އަމުރުކޮށްފަ އެވެ.
ޑީއޯޖޭ އާއި ކެލިފޯނިއާގެ ޔޫއެސް އެޓާނީ އޮފީހުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އަޑުއެހުމުގައި އޭނާގެ ފަރާތުން ދައުވާއަށް އިއުތިރާފުވުމެއް ނުވަތަ އިންކާރުކުރުމެއް ނެތް ކަމަށާއި، ކެލިފޯނިއާގައި މައްސަލަ ކުރިއަށްގެންދާނެ ތާރީޚެއް ފަހުން ކަނޑައަޅާނެ ކަމަށެވެ.
ތޯމަސް މާކަލް ހައްޔަރުކުރުމާ ގުޅިގެން ޑިއުކް އެންޑް ޑަޗެސް އޮފް ސަސެކްސް، އަމީރު ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
މޭގަން އާއި އޭނާގެ ބައްޕައާ ދެމެދު އޮތް ގުޅުން 2018 ވަނަ އަހަރުން ފެށިގެން ވަނީ ކެނޑިފަ އެވެ. މޭގަން އޭނާގެ ބައްޕައާ އެއްކޮށް ގުޅުން ކަނޑާލީ މިދިޔަ އަހަރު އެވެ.







