އެންވީޑިއާގެ ކުރީގެ ވެރިޔާ ޖެންސަން ހުއާން، ކައިވެނިން ބޭރުން ހިންގި ލޯބީގެ ގުޅުންތަކެއްގެ މައްސަލަ ފަޅާއަރައި މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށްޓަކައި އޭނާގެ އެކުވެރިންނާއި އެކި ފަރާތްތަކުން ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ހުއަާން އެންވީޑިއާގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ދެ އަންހެނަކާ އެކު ސިއްރު ގުޅުންތަކެއް ބޭއްވިކަން ހާމަވުމާ ގުޅިގެންނެވެ. އޭގެ ތެރެއިން އެކަކީ ޗައިނާއަށް ޖާސޫސްކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ އަންހެނެއް ކަމަށާއި، އަނެއް އަންހެނަކީ އެންވީޑިއާގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނީގެ ބޯޑަށް "ޖެންސަން އަނބުރާ ގެނައުމަށް" ގޮވާލައި ހިންގާ ކެމްޕޭނަށް ތާއީދުކުރާ ފަރާތްތަކުގެ ތެރޭގައި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކާއި ފޯޓްނައިޓް އުފައްދާ އެޕިކް ގޭމްސްގެ ސީއީއޯ ޓިމް ސްވީނީ ހިމެނެ އެވެ.
މި ހާދިސާގެ ސަބަބުން، އޭއައި ސިނާއަތުގެ މުހިންމު ބައިވެރިއެއް ކަމަށްވާ އަދި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންވީޑިއާއަށް ވަނީ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެންވީޑިއާގެ އެތެރޭގެ ތަހުގީގެއް ކުރިއަށްދާއިރު ހުއާންއަށް އަލުން ވަޒީފާ ދިނުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ހުޅުވާލެވިފައިވާ ސިޓީއެއްގައި 175،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. މީގެ ތެރޭގައި މަސްކާއި ސްވީނީ ވެސް ހިމެނެ އެވެ.
މި ކެމްޕޭން ހިންގާ ގްރޫޕުން ބުނި ގޮތުގައި، އެ ގްރޫޕުގައި ހިމެނެނީ އެންވީޑިއާގެ މިހާރުގެ މުވައްޒަފުންނާއި، ކުރީގެ މުވައްޒަފުންނާއި، ވިޔަފާރީގެ ބައިވެރިންނާއި، ހިއްސާދާރުންގެ އިތުރުން އޭނާއަށް ތާއީދުކުރާ ފަރާތްތަކެވެ.
"އަޅުގަނޑުމެން މި ސިޓީ ލިޔަނީ ޖެންސަން ހުއާންއަށް އޮތް ޝުކުރުވެރިކަމާ އެކު. އަދި ބޯޑަށް ހުށަހަޅާ ސާފު ޑިމާންޑަކީ، މިނިވަން ތަހުގީގަކުން ކަން ހިނގާފައިވާ ގޮތް ސާފުވަންދެން ޖެންސަން އަނބުރާ މަގާމަށް ގެނައުން. އޭނާ މަގާމުން ވަކިކުރުމަކީ އެންވީޑިއާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށް ބާރުގަދަ ހެކިތަކެއް ދެއްކެންދެން އޭނާ މަގާމުގައި ބަހައްޓަން ޖެހޭ،" އެ ސިޓީގައި ބުނެފައިވެ އެވެ.
ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތު ކުރެވޭ އެލިސް ހުއަންގާ އެކު އޮތް ގުޅުން ފަޅާއެރުމުން ވެސް، ޖެންސަން ހުއަންގަށް އެކަމުން އަރައިގަނެވިދާނެ ކަމަށް ކުރިން ބެލެވުނެވެ.
ނަމަވެސް، އޭނާގެ ދަށުން މަސައްކަތް ކުރާ އެންވީޑިއާގެ އެގްޒެކެޓިވްއަކާ އެކު ބޭއްވި ދެވަނަ ސިއްރު ގުޅުމެއް ފަޅާއެރުމާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.






