އިޒްރޭލު އަދި ޒަޔަނިސްޓުންނާ ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލަން އުޅޭ މައްސަލައިގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބުގެ ގޭ ކައިރިއަށް އާންމުންގެ ބަޔަކު ރޭ އެއްވެއްޖެ އެވެ.
އަލައްބާރުގެ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލުމުގެ ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސެޕްޓެމްބަރު 21، ގައި ސޮއި ކުރެއްވީ މުއްތަލިބެވެ. އެ އެގްރިމެންޓުގައި ސޮއި ކުރީ ރާއްޖޭގެ ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުން ބޭރުގައި، ޑުބާއީގަ އެވެ.
މުއްތަލިބު ގޭ ކައިރިއަށް އެއްވި މީހުން ރޭ ގޮވަމުންދިޔައީ ރައްޔިތުންގެ ބަހެއް ނެތި، މާލީ ގޮތުން ވެސް ސަރުކާރަށް ގެއްލުންވާ ގޮތަށް ރަސްމާލެ ވިއްކާލުން ހުއްޓާލުމަށެވެ. އަދި ޒަޔަނިސްޓުންނާ ގުޅުން އޮންނަ މީހަކަށް ރަސްމާލެ ވިއްކާލާތީ ވެސް މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅު ކުރި އެވެ.
"އެމްޑީޕީ ލާދީނީއޭ ކިޔަމުން ގޮސް އެންމެފަހުން ގައުމު މި ވިއްކާލީ ޔަހޫދީންނަށޭ،" މުޒާހަރާގެ ބައިވެރިޔަކު ރޭ އެތަނުގައި ބުންޏެވެ.
މުއްތަލިބުގެ ގޭ ކައިރިއަށް ރައްޔިތުން އެއްވުމުން ފުލުހުން ވަނީ އާންމުން އެ ސަރަހައްދުން ދުރަށް ޖައްސައި، ޝުއޫރު ފާޅު ކުރަން ހުރަސް އަޅައިފަ އެވެ. ރޭ އެ ސަރަހައްދަށް ދިޔަ ފުލުހުން ތިބީ މުގުރު ހިފައިގެންނެވެ. މުގުރަކީ ލެސް ލީތަން ހަތިޔާރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުންނާއެކު މުލީއާގޭގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނޮވެމްބަރު 17، ގެ ކުރިން ރަސްމާލެ ވިއްކާލުމުގެ ދާއިމީ އެގްރިމެންޓުގައި ސޮއިކުރަން ކަމަށެވެ.
ރަސްމާލޭގެ ޕްރޮޕަޓީއެއްގެ ވެރި ފަރާތް ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށް ވެސް ރައީސް ވަނީ އިއްޔެ މެންބަރުން ކައިރީ ވިދާޅުވެފަ އެވެ. އެއީ މީގެ ކުރިން ސަރުކާރުން އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމެކެވެ.
ރަސްމާލެ ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރި ދުވަހު ސަރުކާރުން ބުނީ އެތަން ދެނީ 99 އަހަރަށް ކަމަށެވެ. ރަސްމާލޭގެ ޕްރޮޕަޓީއެއްގެ ވެރި ފަރާތް ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެކަން ބުނީ އީގަލް ހިލްސް އިންނެވެ.
"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" އީގަލް ހިލްސް އިން ބުނެފައިވެ އެވެ.
އެކަމަކު، އެ ކުންފުނިން ވަނީ އެ ބަޔާން ފަހުން ބަދަލުކޮށްފަ އެވެ. ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ފަހުން ވިދާޅުވީ ރަސްމާލެ އެގްރިމެންޓު ދާއިމީ ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.
"ކުލީގެ މުއްދަތު އާކުރުމާއި ދާއިމީކޮށް މުދާ މިލްކުކުރުމުގެ އިހުތިޔާރެއް އެއްވެސް ފަރާތަކަށް ނޯންނާނެ،" މުއްތަލިބު ވިދާޅުވެފައިވެ އެވެ.
ރަސްމާލެ ތާއަބަދަށް ދިވެހިންނަށް ގެއްލިދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވަނީ އެ ވާހަކަ އޮޅުވާލައްވައި ވާހަކަ ދައްކަވައިފަ އެވެ. ޕީއެސްއެމް އިންގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފުރަތަމަ 99 އަހަރު ހަމަވުމުން "އަނެއްކާ އިތުރު 99 އަހަރަށް" ރަސްމާލެ ލިބޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"ކުރުގޮތަކަށް ދަންނަވަންޏާ، ދަންނަވާލަން ބޭނުންވަނީ، މި އިންވެސްޓްމަންޓްގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީޒްތައް ގަންނަ ފަރާތަކުން، 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެން އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ދައުލަތުން، ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ. ފުލް ކޮންޓްރޯލް އޮތޯރިޓީ މި އޮންނަނީ، ދިވެހި ދައުލަތުގައި. ދިވެހި ސަރުކާރުގައި. އެހެންވީމާ، އޮޓޯއިން ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީކީއެއް،" މިދިޔަ ހަފުތާގައި ރައީސް ވިދާޅުވި އެވެ.
ރަސްމާލެ ދުވަހަކު ވެސް ދިވެހިންނަށް ނުލިބޭނެ ގޮތަށް މި ވިއްކާލަނީ އެތަން އެންމެ ދުވަހަކަށް ވެސް ބޭރުގެ ބަޔަކަށް ނުދޭން މުއިއްޒު ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.
އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" ޖުލައި 26، 2024، ގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.












