އިޒްރޭލު އަދި ޒަޔަނިސްޓުންނާ ގާތް ގުޅުމެއް އޮންނަ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން މުލީއާގެއަށް ގޮސްފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ރަސްމީ ގެކޮޅު މުލީއާގެއަށް މަޖިލިސް މެންބަރުންގެ އިތުރުން ކެބިނެޓު މެންބަރުން ވެސް ވަންނަމުންދާ ކަމަށް އެ ހިސާބުގައި ހުރި މި ނޫހުގެ ނޫސްވެރިން މައުލޫމާތު ދެ އެވެ.
ރަސްމާލެ ވިއްކާލުމާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން، މުލީއާގެއަށް ވަޑައިގެންނެވި ގިނަ މެންބަރުން އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
ރަސްމާލެ ޕްރޮޖެކްޓު ކުރިއަށްގެންދަން ދިވެހިރާއްޖޭގެ ގާނޫނުތަކުން ހުއްދައެއް ނުދެ އެވެ. އެހެންވެ އެކަމަށް މަގުފަހިކުރަން އާ ގާނޫނުތަކެއް ހަދަން ނިންމާފައިވާކަން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.











