އިޒްރޭލާއި ޒަޔަނިސްޓުންނާ ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލުމުގެ ދާއިމީ އެގްރިމެންޓުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު، މަޖިލިސް މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.
ރަސްމާލޭގެ ދާއިމީ އެއްބަސްވުމުގައި ސޮއި ކުރަނީ އެ ޕްރޮޖެކްޓަށް މަގުފަހި ކުރަން ހަދާ ގާނޫނުތައް ފާސް ކުރުމަށްފަހު ނުވަތަ ނޫންކަން މިއަދު މުލީއާގޭގައި ބޭއްވި އެ ބައްދަލުވުމުގައި މުއިއްޒު ސާފެއް ނުކޮށްދެއްވަ އެވެ.
މީގެ ކުރިން ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އަލައްބާރު ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޖުމްހޫރީ ދުވަހު (ނޮވެމްބަރު 11 ގައި) ރަސްމާލެ ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ސޮއި ކުރަން ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި، ރަސްމާލޭގެ ޕްރޮޕަޓީއެއްގެ ވެރި ފަރާތް ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ލިބޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެއީ ސަރުކާރުން މީގެ ކުރިން އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމެކެވެ.

ރަސްމާލެ ހިއްކަން ފެށީ އެތަނަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކާ ރަށެއް ކަމަށް ބުނެ އެވެ. އަދި ރަސްމާލޭ ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ސީދާ ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.












