ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަކީ ޔަހޫދީ އެޖެންޑާއެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންނަށް ދުރާލާ އެއްވެސް މައުލޫމާތެއް ނުދީ، ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ މަހުޖަނު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ ފުރަތަމަ އެއްބަސްވުމުގައި ކުއްލިއަކަށް ސޮއިކުރުމާއެކު އަމާޒުވަމުންދާ ފާޑުކިޔުންތައް ހުއްޓުވުމަށްޓަކައި، ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާ ބަޔަކާ ދެކޮޅަށް އަޑުއުފުލުން މަނާކުރާ ގޮތަށް ގާނޫނުލްއުގޫބާތަށް ގެންނަން އުޅުނު އިސްލާހާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ މި ބިލަކީ ދުރާލާ ރާވައިގެން ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ދިނުމަށް ހުޅުވާލާ މަގެއް ކަމަށެވެ.
"އިތުރަށް ދައްކަން ނުޖެހޭ މިންވަރަށް މިފެންނަނީ، މިބިލަކީ ދުރާލާ ރާވައިގެން ރާއްޖޭގައި އިސްލާމް ދީން ނޫން އެހެންދީންތަކަށް ޖާގަ ދިނުމަށް ހުޅުވާލާ މަގެއް. މިބިލުން ޔަހޫދީން މިގައުމުގައި ވަޒަންވެރިކުރުމާ ދެކޮޅު ވާހަކަތައް ދެއްކުން މަނާ މިކުރަނީ. މިއީ ފިއްކަޑައިގެންދާ ޒާތުގެ ނުރައްކާތެރި ވާހަކަތައް ހުރި ބިލެއް،" ޖަމީލް ވިދާޅުވި އެވެ.
"މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ނޫންބާ؟ މިތަނަކީ މަލްޓި ރިލިޖަސް ގައުމެއްތޯ؟ ބައިނަލް އަގްވާމީ މުޢާހަދާތަކުގައި ސޮއިކުރަނީ ރިޒަވޭޝަނެއް ނެތިތޯ؟ އުޝާމު ދައްކަނީ ދެއުޅިއެއް ނުވާ ވާހަކަތައް. މިއީ ސީދާ އިސްލާމްދީނުގެ އަދުއްވުން އެކި ގައުމުތަކުގައި ތައާރަފު ކުރާ ވަރަށް ޔަހޫދީ އެޖެންޑާ އެއް. މިވަރުގެ ލާދީނީ ކަމެއް ކުރާނީ ހާދަ ބޮޑުކޮށް ބައެއްގެ އަތްދަށު ފިތުނީމައޭ!"
ޖަމީލް ވިދާޅުވި ގޮތުގައި ޤުރުއާނުގައި ޔަހޫދީންނާއި ނަސާރާއިންގެ ނުބައި ވާހަކައޮތް އިރު، މި ބިލުން ޤުރުއާނުގެ ތައުލީމު މަނާވެގެންދާނެ ކަމަށެވެ. މި ބިލަކީ ދިވެހި ގައުމިއްޔަތު ފުނޑާލާ ބިލެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ބަންޑަރަ ނައިބު އޮފީހުން ތައްޔާރުކޮށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި ބިލު މަޖިލީހުގެ އެޖެންޑާގައި ދެ ފަހަރަކު ހިމެނުމަށްފަހު މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ނަމަވެސް އަލުން ބިލް ހުށަނާޅާނެ ކަމަށް ސަރުކާރުން ނުވަތަ ޕީއެންސީން އަދި ނުބުނެ އެވެ.
މި ބިލާ މެދު އާންމުންގެ ކަންބޮޑުވުން އުފެދުނީ، ބިލުގައި ހުރި އިބާރާތްތަކުގެ ސަބަބުން އިޒްރޭލުގެ ޒަޔަނިސްޓުންނާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް މި ގާނޫނު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮތުމުންނެވެ.
މި ބަދަލުގެ ދަށުން ގަތުލުއާންމުގެ އަމަލެއް ހިންގުމަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. ގާނޫނުލްއުގޫބާތުގައި މި ދަރަޖައިގެ ކުށަކަށް ކަނޑައެޅޭ އަސާސީ އަދަބަކީ 10 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ ކަމަކަށް ގޮވާލާ އާންމު ފަރުދުންނަށް ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ދަށުން 10 އަހަރާ ހަމައަށް ޖަލު އަދަބު ކަނޑައެޅޭނެ އެވެ.
މީގެ އިތުރުން ވެރިއެއްގެ އަމުރަށް ކިޔަމަންވުމަކީ ނުވަތަ ގާނޫނަކުން ހުއްދަކުރާ ކަމަކަށް ވިޔަސް މި ކުށުން ސަލާމަތްވާނެ ދިފާއެއް ނޫން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދައުލަތުގެ ވެރިއަކަށް ވިޔަސް މި މާއްދާގެ ދަށުން އެއްވެސް އިމްތިޔާޒެއް ނުލިބޭނެ އެވެ.
ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 17، ގެ ކުރިންނެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.












