ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގެން ސަރުކާރުގެ ދިފާއުގައި ވާހަކަދައްކަވައިފި އެވެ.
މަޖިލީހުގެ ރައީސް، އަބްދުއްރަހީމް ބަހުސްގައި ބައިވެރިވެވަޑައިގެން ސަރުކާރުގެ ދިފާއުގައި ވާހަކަދެއްކެވީ ޓެކްސްއާ ބެހޭ ގާނޫނުތަކަށް ސަރުކާރުން އިރުއިރުކޮޅާ ބަދަލުތައް ގެންނައިރު، އޭގެން ނުކުންނަނީ ކޮން ނަތީޖާއެއްތޯ އިދިކޮޅު އެމްޑީޕީގެ މެންބަރުން ސުވާލުއުފައްދެވުމުންނެވެ.
"އަޅުގަނޑު ދަންނަވާނީ ފައިސާ ހޯދައިގެން އެކި ބޭފުޅުން ކުރައްވާނީ އެކި ކަންކަމޭ، އެއްބައި ބޭފުޅުން މި ކުރައްވާ ކަމަކީ ފައިސާ ހޯދައިގެން އެ މީހުންގެ ޖީބު ބޮޑުކުރަނީ، އަމިއްލަ ކުންފުނިތައް މުއްސަނދި ކުރައްވަނީ، އަނެއްބައި ބޭފުޅުން މި ކުރައްވާ ކަމަކީ މި ދެންނެވި ގޮތަށް އަމަކުކުރެއްވި ބޭފުޅުން އެ އަމަލުކޮށްގެން ބަނގުރޫޓުކޮށްލާފައި އޮންނަ ގައުމު އަލުން ސަލާމަތް ކުރައްވައި ނަގައި ކޮޅަށް ޖައްސަވައި ދަރަނިތައް ދައްކަވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެއީ އަސްލު އެ ފައިސާއިން ކުރާ ކަމަކީ، އެ ފައިސާއިން އެކަންކަން އެމަގަށް ކުރީމާ މިއަދު އަޅުގަނޑުމެންނަށް ސަލާމަތުން އޮތް ގައުމެއް އަޅުގަނޑުމެންނަށް މި ލިބުނީ، އެއީ ރައްޔިތުންނާއި ގައުމަށް ޓެކްސް ފައިސާ ހޯދައިގެން މި ސަރުކާރުން ކޮށްދެއްވާ ކަންތައްތަތަކަކީ."
އޭނާ ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަދެއްކެވީ ޓެކްސް ނަގައިގެން ސަރުކާރުން ކޮށްދެނީ ކޮންކަމެއްތޯ އެމްޑީޕީގެ މެންބަރުން، ސުވާލުއުފައްދަވައި މަޖިލީހުގެ ރިޔާސަތަށް އެ ސުވާލު ރައްދުކުރައްވާތީ ކަމަށް ވިދާޅުވެ އެވެ.

އަބްދުއްރަހީމް އެގޮތަށް އަމަލުކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ބަހުސެއްގައި ނުވަތަ ކޮމިޓީއެއްގެ އާންމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައަކާމެދު މަޖިލީހުގެ ރައީސް ދެކޭގޮތް ހާމަކޮށް، ވާހަކަދައްކައިގެން ނުވާނެކަމަށް މަޖިލިސް ގަވާއިދުގެ 2 ވަނަ މާއްދާގެ ގައި ނ. ގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮވެ އެވެ.
އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގައި ވާހަކަދައްކަވަން ވާނީ ރިޔާސަތަށް ކުރިމަތިލައްވައިގެން، ރިޔާސަތާ މުހާތަބުކުރައްވައި ކަމަށް އެ ގަވާއިދުގެ 64 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައި އޮވެ އެވެ.
މަޖިލީހުގެ ގަވާއިދާ ހިލާފަށް އަބްދުއްރަހީމް އަމަލުކުރެއްވިއިރު، މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ ވެސް އެ ގަވާއިދުގައި މަތިކޮށްފައި އޮންނަނީ މަޖިލީހުގެ ރައީސްއަށެވެ. އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލީހުގެ ގަވާއިދަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ހިނގައިފިނަމަ، ނުވަތަ މަޖިލީހުގެ ގަވާއިދަށް އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން އޭނާ ކުރައްވަންޖެހޭނެ އެވެ.












