ރައްޔިތުންގެ މަޖިލީހަށް އެކި ކަންކަމާ ގުޅޭގޮތުން ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް އެ އިސްލާހު ހުށަހެޅުއްވީ ޕީއެންސީއާއެކު މަސައްކަތް ކުރައްވާ އަމިއްލަ މެންބަރު، އަބްދުލްހަންނާނު އަބޫބަކުރު އެވެ. އެ އިސްލާހު މަޖިލީހުން ފާސްކުރީ 56 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބަދަލާ ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.
މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައުމަށް އާންމު ކޮމިޓީން ނިންމި ރިޕޯޓުން، އެ އަކުރު އުނިކުރަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އިސްލާހެއް ހުށަހެޅުއްވި އެވެ. ނަމަވެސް، ޕީއެންސީގެ މެންބަރުން ވޯޓު ދެއްވީ އެ އިސްލާހާ ދެކޮޅަށެވެ.
މި ބަދަލާއެކު އިސްލާހުގައި މަޖިލީހަށް ހުށަހަޅާ ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިންނެވެ. އަދި، އެގޮތަށް ވޯޓަށް އަހާއިރު، ފާސްނުވެއްޖެ ނަމަ، ގަރާރު ބާތިލުވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މީގެ ކުރިން މަޖިލިސް ގަވާއިދުގައި އޮތް ގޮތުން، މަޖިލީހަށް ގަރާރެއް ހުށަހަޅައިފި ނަމަ، ގަރާރު ބަލައިގަތުމާމެދު ވޯޓެއް ނަގަނީ އެ ގަރާރަކަށް ބަހުސްކުރުމަށްފަހު، އެވެ.

މަޖިލީހަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް ވެސް މަޖިލީހުގެ ގަވާއިދުގައި ދީފައި އޮންނަނީ ތަފާތު އެކި މައްސަލަތައް މަޖިލިސް މެންބަރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނެވެ. ނަމަވެސް، މިއަދު ގެނައި ބަދަލާއެކު މަޖިލީހަށް ގަރާރު ހުށަހަޅައި ބަހުސް ކުރުމަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ އެވެ.













