ދައުލަތަށް ފައިސާ ހޯދުމަށްޓަކައި މި ސަރުކާރަށް ހަމައެކަނި ކުރަން އެނގޭ ކަމަކީ އެކި ގޮތްގޮތަށް ޓެކްސް ނެގުން ކަމަށާއި ޓެކްސް ނަގައިން ކުރަން އެނގެނީ ވެސް ހަމައެކަނި ވައްކަން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަަދައްކަވަމުން ނާޒިލް ވިދާޅުވީ އެކި ގޮތްގޮތުން ޓެކްސް ނަގައިގެން މި ސަރުކާރަށް ކުރެވުނު ކަމެއް ނެތް ކަމަށެވެ. ރަށްރަށުގައި އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ ތަނުގައި ކަންމަތީ ފިހާރަތަކުން މުދާ ވެސް ހުސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ނޮވެމްބަރަކަށް ޓެކްސް ބޮޑުކޮށްގެން، އެކި ގޮތްގޮތަށް ޓެކްސް ބޮޑުކޮށްގެން މި ރައްޔިތުން ފެލާލައިގެން މި ސަރުކާރުގެ ބަޖެޓު ހޯދައިގެން ބަޖެޓު ބަރާބަރަށް ހުސްކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ، ކޮންކަމެއްތޯ ރައްޔިތަކަށް ކޮށްދެވެނީ އިއްޒަތްތެރި ރައީސް،" ނާޒިލް ވިދާޅުވި އެވެ.
"ބަރާބަރަށް ހުސްކުރާއިރު ރައްޔިތުންގެ މި ދަނީ ދުވަހުން ދުވަހަށް ދަށަށް، ވިޔަފާރިތައް މިދަނީ ފުނޑެމުން، ކަންމަތީ ފިހާރަ މިދަނީ ހުސްވަމުން، ކަންމަތީ ފިހާރައިގައި ހުރި ހަރުތައް ހުރީ ހުސްކޮށް."
ނާޒިލް ވިދާޅުވީ ޓެކްސްއާ ބެހޭ ގާނޫނުތަކަށް ބަދަލުގެނެސްގެން ކުރާ ކަމަކީ ރަސްމާލެ ހިއްކުން ކަމަށެވެ. ނަމަވެސް، އެ ތަން ހިއްކުމުގައި ވެސް އަދި، ވިއްކުމުގައި ވެސް ކުރަނީ ވައްކަން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ޓެކްސް ނެގިދާނެ، ޓެކްސް ނަގައިގެން ކީއްތޯ ކުރަނީ؟ ރަސްމާލެ ހިއްކަނީ. ހިއްކުމުގައި ވެސް ވައްކަން، ވިއްކުމުގައި ވެސް ވައްކަން، މުޅިން ވެސް ވައްކަން މި ކުރަނީ އިއްޒަތްތެރި ރައީސް، މި ނޫން އެހެން އެއްވެސް ކަމެއް ނެތް،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ޓެކްސްއާ ބެހޭ ގާނޫނުތަކަށް ޕީއެންސީން އިރުއިރުކޮޅުން ގެންނައިރު، އާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ބޭސް ވެސް ނުލިބޭ ކަމަށެވެ.













