ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ދަރަންޏެއް އޮތް ނަމަ އެ ފައިސާ ކެނޑުމަށްފަހު ޓެކްސް ދެއްކޭނީ ވިޔަފާރިވެރިޔާއަށް ސަރުކާރުން ދައްކަންޖެހޭ ދަރަނި ސަރުކާރުން ޓެކްސް އޮތޯރިޓީއަށް ދެއްކުމުން ކަމަށް ކަނޑައަޅައިފި އެވެ.
އެ އުސޫލުގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބެންޖެހޭ ފައިސާއެއްވާ ނަމަ އެ ފައިސާ އަޅައިކެނޑުމަށްފަހު ޓެކްސް ދެއްކިދާނެ އެވެ. ޓެކްސް އާއި މީރާއަށް ދައްކަންޖެހޭ އެ ނޫން ޖޫރިމަނާ ފަދަ ފައިސާ ވެސް އުސޫލުގެ ދަށުން ކެނޑޭނެ އެވެ.
އެކަމަކު އުސޫލުގައިވާ ގޮތުން އެއްވެސް ފައިސާއެއް އަޅައިކަނޑައިދެވޭނީ އަމިއްލަ ވިޔަފާރިއަށް ނުލިބިވާ ފައިސާ ސަރުކާރުގެ އިދާރާއިން ނުވަތަ ކުންފުނިން މީރާއަށް ޖަމާކޮށްދިނުމުންނެވެ.
އެހެންކަމުން، ޓެކްސް އަޅައިކެނޑުމަށް ވިޔަފާރިވެރިން ހުށަހެޅި ނަމަވެސް އެކަން ޕްރޮސެސް ވާނީ ވިޔަފާރިވެރިޔާއަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ސަރުކާރުން މީރާއަށް ޖަމާކޮށްދިން އިރަކުންނެވެ.
ޓެކްސް ފައިސާ ދައްކާއިރު ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ އެއްޗެއް އަޅައިކެނޑުމުގެ އުސޫލެއް ތައާރަފްކުރައްވާނެ ކަމަށް އިއުލާނު ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ސަރުކާރުން ވިޔަފާރިވެރިންނަށް ފައިސާ ނުދޭތީ އެކަމުގެ ޝަކުވާ އެމަނިކުފާނަށް ވަރަށް ގިނައިން ލިބިވަޑައިގަންނަވާ ކަމަށެވެ.
"ސަރުކާރުން އެކި ކަހަލަ މަސައްކަތް ނަގައިގެން ކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ހުންނަ ފައިސާ ނުދެވި ލަސްވުމުގެ ސަބަބުން ވަރަށް ދަތިތައް ދިމާވޭ. މިއީ ދެކޮޅު ނުޖެހޭ ކަމަކަށްވާތީ ހަމަޖައްސަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން. އެސްއެމްއީ ސެކްޓާގެ ވަރަށް ގިނަ ފަރާތްތަކަކުން މިކަމުގެ ދަތިކަން އަޅުގަނޑުމެންނާ ހަމައަށް ގެނޭ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދައްކައި ހަލާސް ކުރުމަކީ މުއިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ. އެ ފައިސާތައް ދައްކައި ހަލާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން މުއިއްޒު ހަ ތާރީހެއް ދެއްވި އެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އެ ފައިސާ ދައްކާ ހަލާސްކޮށްފައެއްނުވެ އެވެ.












