އީގަލް ހިލްސްއަށް ރަސްމާލެ ދިނުމުގެ ކުރިން ރިފަރެންޑަމަކަށް ދާން އެމްޑީޕީ މެންބަރުން ގޮވާލައިފި

އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން އެއްވެސް ކުއްޔަކާ ނުލައި އީގަލް ހިލްސް ކުންފުންޏަށް ދޭން ފެނޭތޯ ބެލުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގައި މިއަދު ގޮވައިލައްވައިފި އެވެ.

އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ހާމަކުރަން ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުކުރައްވަމުން އެމްޑީޕީގެ މެންބަރުން ވިދާޅުވީ ރާއްޖޭގެ ބިމުން ބައެއް ބޭރުގެ ބަޔަކަށް ދިރިއުޅެވޭ ގޮތަށް 99 އަހަރަށް ދިނުމުގެ ކުރިން ރައްޔިތުންގެ ހިޔާލު އެކަމުގައި ހޯދަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ގޮވައިލަން މި ސަރުކާރަށް އަދި، މި ރައްޔިތުންގެ މަޖިލީހަށް ވެސް ވީހައިވެސް އަވަހަކަށް ރައްޔިތުންގެ ފެންނެނުފެންނަ ވޯޓަކަށް މި މައުޟޫގައި، އިއްޒަތްތެރި ރައީސް އެއީ އަޅުގަނޑުމެން މިއަދު ކޮންމެހެން ކުރަންޖެހޭ ކަމެއް، ރިފަރެންޑަމަކަށް ނުގޮސް މި މަޝްރޫއުއައިގެން ކުރިއަށް ދިޔުމަކީ ދިވެހި ރައްޔިތުންގެ ވިންދާ ދެކޮޅަށް އަޅުގަނޑުމެން ކުރާ ކަމަކަށް ނޫނީ ނުވާނެ،" ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ބިމާއި ގާނޫނުތަކާއި ގާނޫނުއަސާސީއަކީ ދިވެހިރައްޔިތުންގެ މިލްކެއް ކަމަށެވެ. އެހެންކަމުން، ރަސްމާލެ މަޝްރޫއު ފަދަ ބޮޑެތި ކަންކަމުގައި ފަސް އަހަރަށް އިންތިހާބުކުރާ ވެރިން ބަސް ކިޔުމުގެ ބަދަލުގައި ބަސްކިޔަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގަރާރަށް ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު ވިދާޅުވީ ރަސްމާލެ މަޝްރޫއުއަކީ ފެށުމަށްފަހު ހުއްޓޭނެ މަޝްރޫއުއެއް ނޫން ކަމަށެވެ. އަދި، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ސޮއިކުރާ އެއްބަސްވުން، ޕީއެންސީގެ މަޖިލިސް މެންބަރުން ގާނޫނުތަކަށް އިސްލާހު ގެންނަ ގޮތަށް، ފަހުން ރަނގަޅު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނޭ މި ކަމުގައި ރައްޔިތުން ކައިރީގައި އަހާލަން، އެއީ އެ ޖާގަ ގާނޫނުން އަޅުގަނޑުމެންނަށް އޮތީމާ. ރައްޔިތެއް ކައިރީގައި އަހާލައިގެން އަޅުގަނޑުމެންގެ އަތުން ގެއްލޭނެ އެއްޗެއް މީގައި ނެތް، އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އަދިވެސް އެއް ފަހަރު މިއީ ރައްޔިތުންގެ ކައިރީގައި އަހައި ރައްޔިތުންނާ މަޝްވަރާކޮށްގެން ނޫނިއްޔާ މިކަން ނިންމައިފި ނަމަ، ވާނީ މިއަދު ޓެކްސް ބިލަށް ވީގޮތް،" ފިއްޓޭ ވިދާޅުވި އެވެ.

އެ ގަރާރަށް ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ ރަސްމާލޭގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސްއަށް ދޭން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނަގައިފި ނަމަ، އެކަމާ އެއްކޮޅަށް ފަސް ޕަސެންޓު ރައްޔިތުން ވެސް ތާއީދުނުކުރާނެ ކަމަށެވެ.

"ދެ އިންތިހާބު އެއްކުރާ ވާހަކައާ ގުޅިގެން ސަރުކާރުން ވަރަށް ފަސޭހައި މިތަނަށް ގާނޫނަށް ބަދަލުގެނެސް، ގާނޫނުއަސާސީއަށް ބަދަލުގެނެސް އިއްޒަތްތެރި ރައީސް ރިފަރެންޑަމަކަށްދިޔަ، މިއަށްވުރެ ބޮޑު ކަންބޮޑުވުމެއް މި ފަސް އަހަރު ތެރެއަކު ނާންނާނެ އިއްޒަތްތެރި ރައީސް،" މީކާއިލް ވިދާޅުވި އެވެ.

"...މިއީ ރައްޔިތުންގެ ކައިރީގައި އަހަންޖެހޭ ވަގުތު، މިއީ ރައްޔިތުންގެ އާނ ބަސް ހޯދަންޖެހޭ ވަގުތު އިއްޒަތްތެރި ރައީސް، ކެރިވަޑައިގަންނަވަންޏާ ރިފަރެންޑަމަކަށް ވަޑައިގަންނަވަންވީ."

އެކަމުގައި އާންމުންގެ ހިޔާލު ހޯދަން، ފެންނަނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށް އެމްޑީޕީން ގޮވައިލިއިރު، ވެރިކަންކުރާ ޕީއެންސީ މެންބަރުން ވިދާޅުވީ އެކަމާ ގުޅޭގޮތުން ފެންނަނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ކަމަށެވެ.

އީގަލް ހިލްސް އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ޕީއެންސީގެ މެންބަރުން ވަނީ ބޭރުކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox