ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅިފައިނުވާއިރު އަދި ޕޭ ހާމަނައިޒޭޝަނާ ގުޅޭ އެތައް ކަންބޮޑުވުމެއް އޮތް ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހި ރައްޔިތުންނަށް އިންސާފުވެރި ނިންމުމަކަށް ނުވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ދިވެހި ރައްޔިތުންނަށް ދަތިވާނޭހެން އެތައް ފިޔަވަޅުތަކެއް ސަރުކާރުން އެޅުމަށްފަހު، ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ދިވެހި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވޭ،" އެ މައްސަލާގައި ބުނެފައިވެ އެވެ.
މުސާރަތައް ބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެން މައުރޫފް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ތައުލީމީ އަދި ސިއްހީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާ ގުޅޭގޮތުން 16 ޖޫން، 2025 ގައި މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތް ޖޮއިންޓް ކޮމިޓީން މިއަދާ ހަމައަށް ވެސް ނިންމާފައި ނުވުން ހިމެނެ އެވެ.
މި ބަދަލަކީ ދައުލަތުގެ ހަރަދުތައް ބޮޑުވާނޭހެން ނިންމާފައިވާ ނިންމުމެއް ކަމަށާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރަން ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގާފައިވާ ދަނޑިވަޅެއްގައި މިއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް މައުރޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މި އަހަރު މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ހަރަދުކޮށްފައިވުމާއެކު ދަރަނި ބޮޑުވަމުންދާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ށ. ގެ ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވުމަކީ މަޖިލީހުގެ ދުސްތޫރީ ވާޖިބެއް ކަމަށެވެ.
މިއީ މުޖުތަމައުގެ އާންމު މަސްލަހަތާ ސީދާ ގުޅިފައިވާ ބޮޑު ކަންބޮޑުވުމަކަށްވާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މަޖިލީހުގައި ބަހުސްކުރުން މުހިންމު ކަމަށް އެ މައްސަލާގައި އޭނާ ވިދާޅުވި އެވެ.












