އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަރުގަދަ އޮޕަރޭޝަނެއް ފަށައި، ހެބްރޮން ސިޓީގައި ފަލަސްތީނު މީހުންގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް އެ ސިޓީން ބޭރުކޮށްލައިފި އެވެ.
އިންޓަނެޓުގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިސްރާއީލުގެ ބުލްޑޯޒަރުތައް ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކުގައި ހެބްރޮންގެ މުޅި މަގެއް އެއްކޮށް ވަނީ ބިމާ ހަމަކޮށްލާފަ އެވެ. މީގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ އެ ސިޓީ ބަންދުކޮށް، އެ ތަނުގައި ދިރިއުޅޭ 200،000 އެއްހާ ރައްޔިތުންގެ ދަތުރުފަތުރު ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
މި އޮޕަރޭޝަނަކީ، ފަލަސްތީނުގެ ދެ މީހަކު އިސްރާއީލުގެ ޗެކްޕޮއިންޓަކަށް ދިން ހަމަލާއެއްގައި އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން، ފެށި އޮޕަރޭޝަނެއް ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ ހުކުރު ދުވަހު ބުންޏެވެ. އެ ހަމަލާގައި އިސްރާއީލުގެ އިތުރު ތިން ސިފައިން ޒަހަމްވިއިރު، ހަމަލާދިން ފަލަސްތީނުގެ ދެ މީހުން ވެސް ވަނީ ބަޑިޖަހައި މަރާލާފަ އެވެ.

ނަތަންޔާހޫ ހުކުރު ދުވަހު ބުނީ ބަދަލި ހިފުމުގެ ގޮތުން، ހަމަލާދިން ސަރަހައްދުގެ ވަށައިގެން ހުރި އިމާރާތްތަކާއި، ހަމަލާދިން ދެ މީހުން ނިސްބަތްވާ އަވަށްތައް އެއްކޮށް "ސުންނާފަތިކޮށްލާނެ" ކަމަށެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުނި ގޮތުގައި، އައިން ދީރު ބަހާ އާއި ފަރްޝް އަލް-ހަވާ އަވަށަށް އަމާޒުކޮށްގެން ހިންގާ މި އޮޕަރޭޝަނުގެ ސަބަބުން މިހާތަނަށް 2،000 އެއްހާ މީހުން ވަނީ ގެދޮރުން ބޭރުކޮށްލާފަ އެވެ. މި އޮޕަރޭޝަނުގައި އާންމުންގެ ގެދޮރާއި، ވިޔަފާރިތަކާއި، ސިނާއީ ސަރަހައްދުތަކުގެ އިތުރުން އަސާސީ ހިދުމަތްތައް ދޭ އިންފްރާސްޓްރަކްޗާތަކަށް ވެސް ވަނީ އަމާޒުކޮށްފަ އެވެ.
އޭނާ އިތުރަށް ބުނީ، އެތައް އާއިލާއަކަށް ރޭގަނޑު ބޭރުގައި ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށާއި، ބައެއް މީހުންގެ އަމިއްލަ އުޅަނދުތައް ވެސް ނުނެގޭ ގޮތަށް ގެދޮރުން ނެރެފައިވާ ކަމަށެވެ. އަދި ތަޅާލަން ނިންމާފައިވާ ގެތަކުގައި މިހާރު ވަނީ ފާހަގަ ޖަހާފަ އެވެ.
އިސްރާއީލަށް ހަމަލާދޭ ކަމަށް ތުހުމަތުކުރެވޭ ފަލަސްތީނު މީހުންގެ ގެދޮރު ތަޅާލުމަކީ އިސްރާއީލު ސިފައިން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މިއީ މުޅި މުޖުތަމައަށް ދޭ ލާއިންސާނީ އަދަބެކެވެ.
ފަލަސްތީނިއަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިތުރަށް މީހުން ގެދޮރުން ބޭރުކުރުން ހުއްޓުވުމަށްޓަކައި، ހަމައެކަނި ކުށްވެރިކުރުމުގެ ބަދަލުގައި ބައިނަލްއަގުވާމީ މުޖުތަމައުން "އަވަސް ފިޔަވަޅުތަކެއް" އަޅަންޖެހޭ ކަމަށެވެ.







