ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން، އަޑަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް ބުނެފި އެވެ.
އުމުރުން 34 އަހަރުގެ ލަވަކިޔުންތެރިޔާ އާދީއްތަ ދުވަހު އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނީ، އޭނާގެ އަޑަށް އައިސްފައިވާ ބަދަލު ދެން ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި އޭނާ ވަރަށް ގިނައިން ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރި ކަމަށް އިއުތިރާފުވި އެވެ.
"ނިކޮޓިން ބޭނުންކުރުން ހުއްޓާލުމަކީ ވަރަށް އުނދަގޫ ކަމެއް. އަދި އަހަރެން ބުނެލަން ބޭނުންވަނީ، އެކަމާ ކުރިމަތިލަމުންދާ މީހުން ނުވަތަ ވޭޕް ކުރަން އުޅޭ މީހުންނަށް، އެއީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން،" ސެލީނާ ބުންޏެވެ.
އޭނާގެ އަޑަށް ބަދަލު އައީ ވޭޕް ކުރުމުގެ ސަބަބުން ކަމަށް ތަކުރާރުކޮށް ބުނަމުން، ސެލީނާ ބުނީ، އޭނާގެ އަޑު އަހަން ބޭނުންނުވާ މީހުން ތިބި ނަމަ އެއީ މައްސަލައެއް ނޫން ކަމަށާއި، އެފަދަ މީހުން އޭނާގެ ލަވަތައް ނޭހުމަށް އެދޭ ކަމަށެވެ.
ހަށިގަނޑުގެ ދިފާއީ ނިޒާމަށް ޖެހޭ އުމުރު ދުވަހުގެ ބައްޔެއް ކަމަށްވާ "ލޫޕަސް" ތަހައްމަލު ކުރަމުންދާ މި ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް މީގެ ކުރިން ބުނެފައިވަނީ، އެ ބަލީގެ ސަބަބުން އޭނާގެ އަޑު އުފައްދާ ނާރުތަކަށް އަސަރު ކުރަމުންދާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު އިންސްޓަގްރާމް މެދުވެރިކޮށް ސުވާލުކުރުމަށް ހުޅުވާލި ފުރުސަތެއްގައި، އޭނާގެ އަޑަށް އައިސްފައިވާ ބަދަލާ ގުޅޭ ގޮތުން ސުވާލުކުރުމުން ސެލީނާ ބުނީ، ބައެއް ފަހަރު ކަންތައްތައް ދިމާވާ ގޮތުން ކަރުތެރެ ދުޅަވާ ކަމަށެވެ.
ލޫޕަސް ބަލީގެ ސަބަބުން އަޑު އުފައްދާ ފޮށި ނުވަތަ "ލެރިންކްސް" ހިމެނޭ ސަރަހައްދު ދުޅަވެ، އަޑު ކުރަކިވެ ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އާންމުކޮށް އަރިދަފުސް ރޯގާ ޖެހުމުން ފެންނަ އަލާމާތްތަކާ އެއްގޮތް އަލާމާތްތަކެކެވެ.
އުމުރުން ދުވަސްވަމުން ދާތީ ވެސް ސެލީނާގެ އަޑު ބަރުވެފައިވާއިރު، މިއީ އާންމުކޮށް ދިމާވާ ކަމެކެވެ. ނަމަވެސް، ބައެއް ސަޕޯޓަރުން ވަނީ އޭނާގެ އަޑަށް އައިސްފައިވާ ބަދަލުތައް ފާހަގަކޮށް، ޔޫޓިއުބްގައި އެކި ދުވަސްވަރުގެ ވީޑިއޯތައް ހިމަނައިގެން ކޮމްޕައިލޭޝަންތައް ތައްޔާރުކޮށްފަ އެވެ.
"އޮންލީ މާޑާސް އިން ދަ ބިލްޑިންގް" ގެ ތަރި އޭނާގެ އިންސްޓަގްރާމް ވީޑިއޯގައި ބުނި ގޮތުގައި، ދާދި ފަހުން އޭނާ ވަނީ ނިކޮޓިން ބޭނުންކުރުން ހުއްޓާލުމަށް މަސައްކަތް ފަށާފަ އެވެ.
"އަހަރެން މި ހުރީ ވަރަށް އުފަލުން، ސަބަބަކީ އަހަރެން މިހާރު ވޭޕް ކުރުން ހުއްޓާލައިފިން. އަދި އުއްމީދު ކުރަނީ މިގޮތުގައި ކުރިއަށް ދެވޭނެ ކަމަށް،" ސެލީނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، މިއީ ވަރަށް އުނދަގޫ ކަމެއް ނަމަވެސް، ހިތްވަރުކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް މިފަދަ އާދަތަކުން ސަލާމަތްވެވޭނެ ކަމަށެވެ.
ވޭޕް ކުރުމުގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ ގެއްލުންތައް އަދި މުޅިން ސާފުނުވި ނަމަވެސް، އޭގެ ސަބަބުން ކުރިމަތިވާ ބައެއް ސިއްހީ މައްސަލަތައް މިހާރު ދަނީ ފާހަގަވަމުންނެވެ.
ޑޮކްޓަރުންގެ ފަހުގެ ރިޕޯޓެއްގައިވާ ގޮތުން، ވޭޕް ކުރުމަކީ ނޭވާލުމުގެ މައްސަލަތަކާއި، ކެއްސުމާއި، ދަތުގެ ބަލިތަކާއި، ނިދީގެ މައްސަލަތަކާއި، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުމުގެ އިތުރުން ލޮލުގެ މައްސަލަތަކާ ވެސް ގުޅުންހުރި ކަމެކެވެ.
ވޭޕްގައި ހިމެނޭ ނިކޮޓިންއަކީ އިންސާނާ އެއަށް ދެވިހިފާ މާއްދާއެކެވެ. އެހެންކަމުން، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ބުނާ ގޮތުގައި ކުޑަކުދިންނާއި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ވޭޕް ބޭނުންކޮށްގެން ނުވާނެ އެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ވޭޕަކީ އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައި ބައެއް ދިރާސާތަކުން ދައްކަ އެވެ.
މިދިޔަ މަހު ޕޮޕް ލަވަކިޔުންތެރިޔާ ލޯލާ ޔަންގް ވެސް ވަނީ ވޭޕް ކުރުމުގެ ސަބަބުން އޭނާއަށް ނޭވާލުމަށް އުނދަގޫވާ ކަމަށް ބުނެފަ އެވެ.
ސެލީނާ ގޯމޭޒްއަށް ލޫޕަސް ބަލި ޖެހިފައިވާކަން ފުރަތަމަ ހާމަކުރީ 2015 ވަނަ އަހަރު "ބިލްބޯޑް" މަޖައްލާއަށް ދިން އިންޓަވިއުއެއްގަ އެވެ.
މިކަން ހާމަކުރީ 2013 ވަނަ އަހަރު އޭނާ ބާއްވަން އުޅުނު މިއުޒިކް ދަތުރުތައް ކުއްލި ގޮތަކަށް ކެންސަލްކޮށް، ފަރުވާ ހޯދުމަށް ރިހެބިލިޓޭޝަން ސެންޓަރެއްގައި މަޑުކުރުމަށް ފަހު އެވެ.
"އަހަރެންނަށް ލޫޕަސް ޖެހިފައިވާކަން އެނގުމުން ކީމޯތެރަޕީގެ ފަރުވާ ހޯދިން. އަދި އަހަރެންގެ އަމިއްލަ ނަފްސަށް އިތުބާރު ލިބި، ހަމަޖެހެންދެން އާންމުންނާ ދުރަށް ދިޔައީ،" ސެލީނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، އެ ދުވަސްވަރު މަސައްކަތާ ދުރަށް ދިޔައީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ސްޓްރޯކެއް ޖެހުމުގެ ބިރު އޮތުމުން ކަމަށެވެ.
ލޫޕަސް ބަލީގެ އަލާމާތްތަކުގެ ތެރޭގައި މަސްތަކާއި ހުޅުތަކުގައި ރިއްސުމާއި، ހުން އައުމާއި، ހަމުގެ މައްސަލަތަކާއި، މޭގައި ރިއްސުމާއި، އިސްތަށި ފޭބުމާއި، ކިޑްނީގެ މައްސަލަތަކުގެ އިތުރުން ވަރުބަލިވުން ހިމެނެ އެވެ.
2017 ވަނަ އަހަރު ސެލީނާގެ އެކުވެރިޔާ ފްރާންސިއާ ރައިސާ ވަނީ އޭނާއަށް ކިޑްނީއެއް ހަދިޔާކޮށްފަ އެވެ. މީގެ ސަބަބުން އޭނާގެ ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ކުޑަވި ނަމަވެސް، 2022 ވަނަ އަހަރު ނެރުނު "ސެލީނާ ގޯމޭޒް: މައި މައިންޑް އެންޑް މީ" ޑޮކިއުމެންޓްރީގައި އޭނާ ބުނީ 2020 ވަނަ އަހަރު އަލުން ބަލީގެ އުނދަގޫތައް ބޮޑުވި ކަމަށެވެ.
ނަމަވެސް، ސެލީނާ ވޭޕް ކުރާކަން ހާމަކުރުމާއެކު، ކިޑްނީ ބަދަލުކޮށްފައިވާ މީހަކު ނިކޮޓިން ބޭނުންކުރުމުން ސިއްހަތަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ބައެއް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.
"ފްރާންސިއާ އޭނާގެ ކިޑްނީ ދިނީމަ ވެސް ސެލީނާ އަދިވެސް ދުންފަތުގެ އިސްތިއުމާލު އެބަކުރޭ،" ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެ އެވެ.
އަދި އެހެން މީހަކު ބުނި ގޮތުގައި، މީހަކު ހެޔޮހިތުން ކިޑްނީއެއް ހަދިޔާކޮށްފައި ވަނިކޮށް، ވޭޕްކޮށްގެން ނިކޮޓިންއަށް ދެވިހިފުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ.
އެހެންނަމަވެސް، ގިނަ ސަޕޯޓަރުން ވަނީ އޭނާގެ ވޭޕްކުރުމުގެ އާދައާ ބެހޭ ގޮތުން ތެދުބަހުން ވާހަކަދެއްކުމުން އެކަމަށް ތައުރީފުކޮށްފަ އެވެ.









