ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕާޓީތައް ކުއްޔަށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލްއަކީ އަޔަލޭންޑް އިސްތިއުމާރު ކުރަން ވެސް ބޭނުންކުރި ސިޔާސީ އުކުޅުކަމަށް މި ސަރުކާރުގެ ކުރީގެ ހެލްތު މިނިސްޓަރުކަމާއި ފޮރިން މިނިސްޓަރުކަން ކުރެއްވި، އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ ސަރެންޑާ އެންޑް ރީގްރާންޓް މޮޑެލްއަކީ ގާނޫނީ ދެ މަފުހޫމެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލްއެއް ކަމަށެވެ.
"އެއީ 16 ވަނަ ގަރުނުގެ ޓިއުޑާ ދަރިކޮޅުގެ ވެރިކަމުގައި އަޔަލޭންޑް އިސްތިއުމާރު ކުރުމަށް ބޭނުންކުރި ސިޔާސީ އުސޫލަކާއި، ވިޔަފާރި އަދި ދިރިއުޅުމަށް ދޫކުރާ ކުލީގެ ބިންތަކާ ގުޅޭ ޒަމާނީ މުދަލާ ބެހޭ ގާނޫނީ އުސޫލެއް،" ހަލީލްގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.
ހަލީލްގެ ޕޯސްޓުގައި އޭނާ ވަނީ ޓިއުޑާ ވެރިކަމުގެ ދުވަސްވަރު އިނގިރޭސިވިލާތާއި އަޔަލޭންޑާ ދެމެދު އޮތް ގުޅުން ދިރާސާކުރައްވާ މުއައްރިހު، ކްރިސްޓޮފާ މެގިންގެ ލިޔުމެއް ވެސް ހިއްސާ ކުރައްވައިފަ އެވެ.
ހަލީލްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ވާހަކައަކީ 1540 ގެ އަހަރުތަކުގައި އަޔަލޭންޑުގައި އޭރު ވެރިކަން ކުރަމުންދިޔަ ގޭލިކް ދަރިކޮޅުގެ ލީޑަރުން އިނގިރޭސިވިލާތުގެ އޭރުގެ ރަސްގެފާނު، ހެންރީ އަށްވަނަ އާއެކު އެކުލަވައިލި ސަރެންޑާ އެންޑް ރީ-ގްރާންޓު އެއްބަސްވުމުގެ ދަށުން ހިނގައިދިޔަ ކަންތައްތަކެކެވެ.
ސުލްހަވެރިކަމާއެކު ބިމުގެ މިލްކުވެރިކަން ބަދަލުކުރެވޭ ގޮތަށް އޮތް އެ އެއްބަސްވުމުގެ ނަތީޖާއަކަށްވެގެންދިޔައީ އަޔަލެންޑުގައި އޮތް ގޭލިކް ދަރިކޮޅުގެ ސަގާފަތާއި އަމިއްލަވަންތަކަމަށް އުނިކަން ލިބި، އެ މީހުންގެ މިނިވަންކަން ގެއްލުމެވެ. އަދި، 1600 ގެ އަހަރުތަކުގައި އަޔަލެންޑުގެ ބިމުގެ ބޮޑު ބައެއް އިނގިރޭސިންގެ ބާރުގެ ދަށަށް ގެންގޮސް އެ ތަނުގައި އިނގިރޭސިންނާއި ސްކޮޓްލޭންޑުގެ މީހުން ވަޒަންވެރި ވެސް ކުރުވި އެވެ.
ހަލީލް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ގާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ހިމާޔަތް ފަހަނައަޅައި ގޮސް "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ތާއަބަދަށް ލީސް އާވާ ގޮތަށް ހަދަން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފައި ވަނިކޮށެވެ.
އެ ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.
އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.
މި މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއް ކަމަށް ބެލެވެ އެވެ.
އެކަމަކު ސަރުކާރުން މިކަން ސިފަކުރަނީ މިއީ ރިއަލް އެސްޓޭޓް މާކެޓަށް ގެންނަ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި، އަދި ކޮންމެހެން ވެސް ބޭނުންވާ ކަމެއްގެ ގޮތުގައި އެވެ.








