ބިސް ބުރުން ކޮންމެ މެޗަކަށް ވެސް ތައްޔާރުވަނީ ޗެލެންޖަކަށް: ނާދު

Oct 20, 2026, 7:00 AM
ބިސް ބުރުގެ ކޯޗު އަހުމަދު ނާޝިދު (ނާދު)، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަނީ.

ބިސް ބުރުގެ ކޯޗު އަހުމަދު ނާޝިދު (ނާދު)، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަނީ.

މާލެ ރީޖަން ލީގުގެ (ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ) ޗެމްޕިއަންކަން ހޯދައިގެން، ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބުން ވާދަކުރާއިރު، ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ހާސިލްކުރެވޭނެ ކަންތައްތައް ބަލައި، އިދިކޮޅަށް ނުކުންނަ ޓީމަކަށް ޗެލެންޖެއް ދިނުމަށް ކަމަށް ބިސް ބުރުގެ ކޯޗު، އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ. 

ލީގުގައި މިރޭ ބިސް ބުރުން ކުޅޭނީ އެންމެ ފަހުން ފަސް ސީޒަނުގައި، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނާދު ބުނީ، މާޒިޔ އަކީ މި ސީޒަނަށް ތައްޔާރުވި އެންމެ ރަނގަޅު އެއް ޓީމު ކަމަށެވެ. މާޒިޔާ އަކީ މިހާތަނަށް މި ސީޒަނުގައި ފެނުނު އެންމެ ރަނގަޅު ޓީމު ކަމަށާއި ބިސް ބުރުން މި މެޗާ ކުރިމަތިލާއިރު، އަނިޔާގެ މައްސަލައެއް ނެތް ކަމަށް ނާދު ވަނީ ބުނެފަ އެވެ. 

"އަޅުގަނޑުމެން ކޮންމެ ޓީމަކާ އެކީ ކުޅޭއިރު ވެސް އިންނާނެ ޗެލެންޖެއް. ކޮންމެ ވެސް ގޮތަކަށް ތައްޔާރުވާން. އެކި ޓީމުތަކާ މި ކުޅެން ޖެހެނީ އެކި ކަހަަލަ ގޮތްގޮތަށް. އެ ޓީމު ރާވައިގެން، އެހެންވީމަ، މާޒިޔާއާ އެކު ވެސް ކުޅޭނީ މާޒިޔާގެ ލެވަލް އަށް ބަލައިގެން،" މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ރޭވުންތަކަށް އިޝާރާތްކޮށް ނާދު ބުންޏެވެ. 

Advertisement

"އަޅުގަނޑުމެންނަށް ކިހިނެއްތޯ، ޕްލޭޔަރުން ދަނޑުމަތީގައި ކޮންޓްރޯލް ކުރެވޭނީ، އަދި، އިދިކޮޅު ޓީމަށް ކޮން ގޮތަކުން އުނދަގޫ ކޮށްގެންތޯ، އަޅުގަނޑުމެންނަށް، އެ ނަތީޖާ ބަދަލުކުރެވޭނީ، އެ ކަހަލަ ގޮތަކަށް ވިސްނައިގެން މާޒިޔާ ޓީމަށް ބަަލައިގެން މެޗަށް ޓްރެއިން ކުރަމުން މި އައީ،" 

މާޒިޔާ އާއި ބިސް ބުރުގެ ދެމެދުގައި މި ވަގުތު ލީގު ތާވަލުގައި އޮތީ އެއް ޕޮއިންޓުގެ ފަރަގެކެވެ. ލީގުގެ ފަސް ވަނައިގައި އޮތް މާޒިޔާ އަށް ހަތަަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ ހަ ވަނައިގައި ބިސް ބުރުން އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. 

ބިސް ބުރުން ވަނީ ލީގުގައި ދިއްދޫ ފުޓްބޯޅަ ޓީމާއި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އެކަމަކު، އެންމެ ފަަހުން ބިސް ބުރު ކުޅުނު މެޗުން ވަނީ، ވިކްޓަރީ އަތުން 3-0 އިން ބަލިވެފަ އެެވެ. 

ނާދު ބުނީ، މާޒިޔާއާ ކުޅެން ޖެހޭ މެޗަކީ، ވިކްޓަރީ މެޗު ކަހަލަ ގޮތަކަށް މެޗުގެ 90 މިނިޓަށް އެއްކޮށް ފުރިހަަމަ ސަމާލުކަން ދީގެން ކުޅެން ޖެހޭ މެޗެއް ކަމަށެވެ. ބިސް ބުރުން މި ސީޒަނުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމަކާ ބަލައި، ޖުމްލަކޮށް ދައްކާ ކުުޅުން ރަނގަޅު ކަމަށް ނާދު ވަނީ ފާހަގަކޮށްފަ އެވެ. 

"އަޅުގަނޑުމެން ކުޅުނު މެޗުތަކަށް ބަލާއިރު ރަނގަޅު ޕާފޯމަންސެއް ދައްކައިފި. ދެން، ޓީމު ޅަ ވީމަ މެޗުތައް މި ދަނީ ކުދި ކުދި މިސްޓޭކުތައް ހެދިގެން. ދޫވެގެން، އެހެން އަންނާނެ، އެކްސްޕީރިއަންސް ތަންކޮޅެއް ދަށީ ކުޅުންތެރިންގެ ޕްރިމިއާ ލީގު އެއްޗެހީގައި އައިސް ކުޅެން، އެހެން ނޫންނަމަ މި އަށް ވުރެން ރަނގަޅު ނަތީޖާ ނެރެވޭނެ،" ނާދު ބުންޏެވެ. 

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއްގެ ކޯޗިން ތަޖުރިބާ ހާސިލްކޮށް، ގައުމީ ޓީމުތަކުގައި ވެސް ކޯޗިން މަސައްކަތް ކޮސްފައިވާ ނާދު ވަނީ އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޓީމުތައް ގޮވައިގެން ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. 

ނާދު ބުނީ، އޭނާ އަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކަންކަން ރަަނގަޅު ކުރުމަށްޓަކައި ކުޅުންތެރިންނަށް ވިސްނައިދެމުން އަންނަ ކަމަށެެވެ.  

"އަޅުގަނޑުގެ މި ހުރި ތަޖުރިބާ އަށް ބަލާފައި. އެބަ ކިޔައިދޭން، ލީގުގައި ހިފެހެއްޓޭނީ މިހެން މިހެން މަސައްކަތް ކޮށްގެނޭ. އަޅުގަނޑުމެން ޓީމުގައި ތިބީ ޕްރިމިއާ ލީގަށް ގިނަ ޕްލޭޔަރުން އާ ވާނެ، އަސްލު ވަރަށް އުނދަގޫ، އެހެން ނަމަވެސް، އެ ކުދިންނަށް ވިސްނައިދީގެން، ލީގުގައި އަޅުގަނޑުމެން ހިފެހެއްޓޭނީ ކޮން ކަހަލަ މަސައްކަތްތަކެއް ކުރަންޖެހެނީ، އެ މަސައްކަތް ކޮށްދީގެން މި ވަރަށް ވެސް މި ހިފެހެއްޓެނީ. އެހެންނޫންނަމަ އުނދަގޫވާނެ. އަލަށް ފުރަަތަމަ ޑިވިޝަަނަށް އައިސްގެން އަޅުގަނޑުމެންގެ ނަތީޖާ ގޯސް ގޯހެއް ނޫން،" ނާދު ބުންޏެވެ. 

އިތުރު ބިދޭސީ ކުޅުންތެރިއަކު ޓީމަށް ހޯދުމުގެ މަސައްކަތް ކުރާ ކަމަށާއި، އެހެން ނަމަވެސް މާލީ ކަންކަން ކްލަބަށް ހުރި ގޮތުން، ތަޖުރިބާހުރި ދިވެހި ކުޅުންތެރިން ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ނާދު ވަނީ ބުނެފަ އެވެ.

މާޒިޔާ އާއި ބިސް ބުރު ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. އޭގެ ކުރިން، މިއަދު ހަވީރު، ދިއްދޫން ޓީސީއާ ބައްދަލުކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox