އިސްރާއީލުގެ ތެލް އަވީވުން ފުރައިގެން ދަތުރުކުރި ފްލައިޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ބަލްގޭރިއާގެ ވެރިރަށް ސޯފިއާއަށް ކުއްލި ހާލަތުގައި ޖައްސައިފި އެވެ.
ބަލްގޭރިއާގެ ދައުލަތުގެ ޓީވީން ރިޕޯޓުކުރި ގޮތުގައި ފްލައިޓް އެމެޖެންސީގައި ޖެއްސީ އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތުގަ އެވެ.
ބަލްގޭރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނަކާ ހަވާލާދީ ބީއެންޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮސްޓްރިއާގެ ވިއެންނާއަށް ދަތުރުކުރި މި ފްލައިޓުގައި 51 ފަސިންޖަރުންނާއި ހަ ފަޅުވެރިން ތިއްބެވެ.

ބޮމުގެ އިންޒާރު ލިބުނުކަން ފްލައިޓުގެ ފަޅުވެރިއަކު ރިޕޯޓްކުރުމާ ގުޅިގެން، އެ ބޯޓު ސޯފިއާއަށް ޖައްސަންދެން ބަލްގޭރިއާގެ އެއާފޯސްގެ ފައިޓާ ޖެޓުތަކުން ވަނީ އެ ފްލައިޓަށް އެސްކޯޓް ދީފަ އެވެ.
މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބްރޯޑްކާސްޓަރުން ބުނެފައިވީ ނަމަވެސް، އެއީ ކޮން އެއާލައިނެއްގެ ފްލައިޓެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ބަލްގޭރިއާގެ ޑިފެންސް މިނިސްޓްރީން ބުނީ، އެއާބަސް އޭ320 މަރުކާގެ މި ބޯޓުގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބުމާއެކު، އެ ގައުމުގެ އަސްކަރީ ފައިޓާ ޖެޓުތަކުން އެކަމަށް ވަގުތުން އިޖާބަދީފައިވާ ކަމަށެވެ.









