ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ހިންގުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ ސަރުކާރުން ހަވާލުކޮށްފި އެވެ.
މި ބަދަލަކީ އާރުޑީސީ އުވާލައި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން ގެނައި ބަދަލެކެވެ.
މި ނިންމުމާ ގުޅިގެން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނަޒީމް ވަނީ ވަކިކޮށްފަ އެވެ.
މިއީ ދައުލަތުގެ ކުންފުނިތަކުގެ އެފިޝަންސީ ނުވަތަ ހިންގުންތެރިކަން މަތިކޮށް، ހަރަދުތައް ކުޑަކުރަން ގެންނަ ބަދަލެކެވެ. މި ބަދަލުތައް މިދިޔަ މަހު އިއުލާންކުރެއްވި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވ، މިއީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އާރުޑީސީއަކީ އުފެދުނީއްސުރެ ބޮޑެތި ގެއްލުންތަކެއްވަމުންދާ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ކުންފުންޏާ ދެކޮޅަށް ކޯޓުތަކުގައި ގިނަ މައްސަލަތަކެއް ނިމިފައި އެބަހުއްޓެވެ.

މީގެ އިތުރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތަކެއް ނުނިމި ދިގުލައިގެން ގޮސްފައިވާކަން ވެސް ފާހަގަކުރެވެ އެވެ. މި ހުރިހާ ދަރަނިތަކަކާއި ނުނިމި ހުރި މަޝްރޫއުތަކަކާ ދެން ހަވާލުވާން ޖެހޭނީ އެމްޓީސީސީންނެވެ.
ނަމަވެސް، އެމްޓީސީސީއަކީ އާންމު ހިއްސާދާރުންގެ ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏަކަށް ވާއިރު، އާރުޑީސީ އެ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މައްސަލަ އަދި އާންމު ހިއްސާދާރުންނަށް ހުށަހަޅާފައެއް ނުވެ އެވެ.













