މޮސްކޯގެ ދިފާއީ ގާބިލުކަމާ ގުޅޭ މައުލޫމާތު ޖަޕާނަށް ހޯދައިދިން ކަމުގެ ތުހުމަތުގައި، ޖާސޫސް ކުރި ކަމަށް ބުނެ ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ޖަޕާނުގެ ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ.
ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ހޮކައިޑޯ ޝިމްބުން" ނޫހުގެ ނޫސްވެރިއެއް ކަމަށްވާ ޔޫކީ އިމާއީ ހައްޔަރުކުރީ ރަޝިއާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ސަކާލިންއިންނެވެ. އޭނާ ހައްޔަރުކުރީ ރަޝިއާއިން ފުރަން އޮތް ދުވަހުގެ އެއް ދުވަސް ކުރިންނެވެ. އޭނާ މިހާރު ވަނީ މޮސްކޯއަށް ގެންގޮސްފައި ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޖަޕާނު ސަރުކާރުން ބުނީ މި ހައްޔަރުކުރުމާ ގުޅޭ އިތުރު ތަފުސީލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އަދި މިހާތަނަށް އެ ނޫސްވެރިޔާއާ ގުޅޭ ގޮތް ނުވާ ކަމަށެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ދެ ގައުމުގެ ދެމެދުގައި މިލްކުވެރިކަމާ މެދު ދަޢުވާކުރާ ކޫރިލް ޖަޒީރާގެ ރަށްތަކަށް ރަޝިއާގެ ރައީސް ވްލަޑިމިއަ ޕޫޓިން މިދިޔަ އޮގަސްޓް މަހު ކުރެއްވި ޒިޔާރަތާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރަޝިއާގެ ދައުލަތުގެ ނޫސް އެޖެންސީ "ޓާސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިމާއީ މަސައްކަތް ކުރީ ޖަޕާނުގެ ގައުމީ ޖާސޫސީ އިދާރާގެ އިރުޝާދުގެ ދަށުންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކޫރިލް ޖަޒީރާގައި ރަޝިއާއިން ހިންގާ ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގައި ބައިވެރިވާ މީހުންގެ މައުލޫމާތު އެއްކުރި ކަމަށެވެ.
ކޫރިލް ޖަޒީރާގެ ރަށްތައް އޮންނަނީ ޖަޕާނުގެ އުތުރުގެ ހޮކައިޑޯ އާއި ރަޝިއާގެ ކަމްޗަޓްކާ ޕެނިންސިއުލާއާ ދެމެދުގަ އެވެ. މި ރަށްތައް މިހާރު ރަޝިއާގެ ބާރުގެ ދަށުގައި އޮތް ނަމަވެސް، އޭގެ ތެރެއިން އެންމެ ދެކުނަށް އޮތް ހަތަރު ރަށަކީ ޖަޕާނުގެ މިލްކެއް ކަމަށް އެ ގައުމުން ދައުވާ ކުރެ އެވެ. ޖަޕާނުން އެ ރަށްތަކަށް ކިޔަނީ "ނޮދަން ޓެރިޓަރީޒް" އެވެ.
ރަޝިއާގެ ގާނޫނުތައް ބުނާގޮތުން ޖާސޫސް ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް 20 އަހަރާ ހަމައަށް ޖަލު ހުކުމް އަންނާނެ އެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރަޝިއާގައި ތިބޭ ބޭރުގެ ނޫސްވެރިން ބޭނުންކޮށްގެން އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު އެއްކުރުމަށް ޖަޕާނުން ކުރާ މަސައްކަތަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
މީގެ އިތުރުން، މިއީ ހިނގި ވަކި ހާދިސާއެއް ނޫން ކަމަށާއި މިފަދަ ކަންކަން ތަކުރާރުވަމުންދާކަން ޒަޚަރޯވާ ފާހަގަކުރެއްވި އެވެ. ނަމަވެސް މިފަދަ ކަންކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ އެހެން ނޫސްވެރިންގެ ނުވަތަ މީޑިއާތަކުގެ ނަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
މި ހާދިސާއާ ގުޅިގެން ޖަޕާނުން އަދި މާ ބޮޑު ތަފުސީލެއް ދީފައެއް ނުވެ އެވެ. ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރޫ ކިހާރާ ވިދާޅުވީ، ރަޝިއާއިން އެކަން އިއުލާން ކުރަންދެން ނޫސްވެރިޔާ ހައްޔަރުކުރިކަން އެނގިފައި ނުވާ ކަމަށާއި، އަދި މިހާތަނަށް އޭނާއާ އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާ ކަމަށެވެ.
ހައްޔަރުކުރި ނޫސްވެރިޔާ އިމާއީ މީގެ ކުރިން ލިޔެފައިވާ ރިޕޯޓްތަކަކީ ރަޝިއާ އާއި އުތުރު ކޮރެއާގެ ގުޅުމާ ބެހޭ ގޮތުންނާއި ސަކާލިންގެ އާންމު ދިރިއުޅުމާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓްތަކެކެވެ.









