"ޓެލް މީ އަބައުޓް އިޓް" ޒެފަންގެ އަނގައިން ސިނގިރޭޓުގެ ދުންތައް ބޭރުކޮށްލި އެވެ. ރެއިލިންގައި އަޅުވާލައިގެންހުރި ދެ އުޅަނބޮށީގެ މައްޗަށް ހަށިގަނޑުގެ ވަރު ދޫކޮށްލައިގެން ހުރިއިރު އެ މޫނުމަތީގައިވި ފިކުރުތައް އެހެން ދުވަހެއްގައިނަމަ ނަދާލްއަށް ފާހަގަވީހެވެ. އެހެނަސް މިއަދު އޭނާ އެ ދަނީ އެހެން މީހެއްގެ ފިކުރުތަކުން އަރައިގަތުމަށް އެހީގެ އަތެއް ދިއްކޮށްލެވޭ ވަރަށްވުރެ ބޮޑަށް އަމިއްލަ ފިކުރުތަކުގެ ކަނޑެއްގައި ފެތެމުންނެވެ.
އިރު އޮއްސި ރޭގެ އެއްބައި ފާއިތުވި އިރުވެސް އައިލީންގެ ހަބަރެއް ނުވުމުން ނުސްރާގެ ސިކުނޑިން ރަތް ސިގްނަލެއް ދޭން ފަށައިފި އެވެ. ފޯނަށް ގުޅިއިރު އަދިވެސް ނިއްވާލާފައި އޮތުމުން ކަމެއް ގޯސްވެއްޖެކަމުގައި ވިސްނުނެވެ. ބޭރުގައި އުޅެނިކޮށް ފޯނުން ޗާރޖު ހުސްވިޔަސް މިހާ ގިނައިރު ފޯނު ޗާޖު ނުކޮށް ނުހުންނާނޭކަން އޭނާއަށް އެނގުނެވެ. އެހެންކަމުން މާޖިދު މިސްކިތުން އަންނަންވާއިރަށް ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ތައްޔާރު ކޮށްލުމަށްފަހު އޭނާގޮސް އަނެއްކާވެސް ނަދާލް އުޅޭ އެޕަރޓްމެންޓްގެ ތަޅުގައި ހިފައިލި އެވެ. މިފަހަރު ނަސީބުވެސް ހުރީ އޭނާއާ އެއްކޮޅަށް ކަހަލަ އެވެ. ތަޅުގައި ހިފައިލުމާއެކު ހުޅުވުނު ދޮރުން ނުކުތީ ޒެފަން އެވެ.
"އަނހާ ޒެފްތަ؟ ހާދަ ދުވަހެއް ކޮށްލާފައޭ މި ފެނުނީ ދޯ؟ ނަދާލް އެބަ އުޅޭތަ؟" ނުސްރާ ހިނިތުންވުމަކާއެކު އަހައިލި އެވެ.
"ލައްބަ ނަދާލް.. އެބައިން ބެލްކަނީގަ. ދައްތަ ކިހިނެއްތަ؟" ޒެފަންގެ މޫނުމައްޗަށް ފާއްދައިލި ހާސްކަން ފޮރުވުމުގައި ކުރިހޯދި އެވެ.
"އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅު ހަމަ. މިއިން ދުވަހަކުން ކާން އަންނަންވާނެ އެނގޭ މިގެއަށް. މަންމައަށް ގުޅާލާނަން މިރޭ" ނުސްރާގެ ވާހަކައަށް ބޯ ޖަހައިލުމަށް ޒެފަން ލިފްޓަށް އެރުމުން އޭނާ އެޕަރޓްމެންޓްގެ ތެރެއަށް ހިނގައިގަތެވެ. އެތަނުގެ ތެރެއަށް ހިންގައިލި ފުރަތަމަ ނަޒަރާއެކުވެސް އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. ފުރަތަމަވެސް ގޮސް ހުއްޓިލެވުނީ ތަރުތީބު ގެއްލިފައިވާ ކާމޭޒާއި ބަދިގެ ސެޓު ކައިރިއަށެވެ. އެތަނުގައި އަވަނުން ފިހެގެން ނެގި ގޮތަށް ތަވަލުންވެސް ނުނައްޓައިހުރި ބިސްކޯދުތަކަކާއި، ފިހަން ތައްޔާރުކޮށްފައިހުރި ބިސްކޯދު ތަކެއްގެ އިތުރުން ހަކުރާއި، ބަޓަރާއި އެ ނޫންވެސް ހުރިހާ އެއްޗެއް ހާމަޔަށް ބަހައްޓާފައި ހުއްޓެވެ. އެއިން ގިނަ އެއްޗެހި ދިޔާވެ އެއްބައި އެއްޗެހި ހިކިފައިހުރި ގޮތުން ގިނައިރު އަތްނުލާ ހުރި އެއްޗެހިކަން އޭނާއަށް ޔަގީން ކުރެވުނެވެ.

ނުސްރާއަށް ބުމަ ގޮށްޖަހައިލެވުނެވެ. އައިލީންއަކީ ކިހާ ތަރުތީބު ކުއްޖެއްކަން އޭނާއަށް އެނގެ އެވެ. އޭނާ ދޭތެރެއަކުން އެ އެޕަރޓްމެންޓަށް ވަދެލާއިރުވެސް ގިނަ ފަހަރު ހުންނާނީ ކޮންމެވެސް އެއްޗެއް ތަރުތީބު ކޮށްލަކޮށްލަ އެވެ. ކުރިން މައިޝާނާއެކު އުޅުނުއިރު މައިޝާންގެ އެ ހުންނަ ކަންނެތްކަމާއި އުޅުމެއްނެތްކަން އެ އެޕަރޓްމެންޓުން ނުފެންނަނީވެސް ހަމަ އައިލީންގެ ސަބަބުންނެވެ. ހަމަ އެހެންމެ އައިލީންއާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ނަދާލްއަކީވެސް ތަންތަން ތަރުތީބުކޮށް ބެހެއްޓުމަށާއި ސާފުތާހިރުކަމަށް ލޯބިކުރާ މީހެކެވެ. ކުރިން އެ އެޕަރޓްމެންޓުގައި އެކަނި އުޅުނުއިރުވެސް، ބަދިގޭގައި ގެންގުޅޭ އުލެއް ސަމްސަލެއްގެ ހިސާބުވެސް ނުގޮތަކަށް ތަނެއްގައި ބާއްވާލާފައި ނޯންނާނެ އެވެ.
ނުސްރާގެ ސިކުނޑި ވަގުތުން ސަމާލަށް އައެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ބެލްކަންޏަށް ނުކުތެވެ. ފަނޑު އަލީގެ ތެރޭގައި ވާހަކަ ފޮތަކަށް ގެއްލިފައި އިން ނަދާލް ފެނި އެ ދިމާލަށް ހިނގައިގަތެވެ.
"ދަރިފުޅާ؟ މިހާ ފިނިއިރު މިތާ ބޭރުގަ ތި އިންނަނީ؟ ޕިސްޕިސް. ހާދަހާވާ ސިނގިރޭޓު ވަހެކޭ ދޯ މިތަނުން މި ދުވަނީ" ނުސްރާއަށް ނޭފަތް މަތީ އަތް އަޅައިލެވުނެވެ.
"މަންމާ؟ އާން ދެންމެ ޒެފް މިތާނގަ ހުރެ ސްމޯކް ކުރީމަ ކަމަށް ވާނީ. މަންމަ ކަމަކުތަ؟" ނަދާލް ރެއިލިންގުން ފައި ނައްޓައިލުމަށްފަހު ރީއްޗަށް ގޮނޑީގައި އިށީނދެލި އެވެ.
"ކޮބާތަ ލީން މިއަދު؟" ނުސްރާ މިފަހަރު ކޮށްލީ ނަދާލްއަށް ޖަވާބުދޭން ފަސޭހަ ސުވާލެއް ނޫނެވެ.
"ނަދާލް؟ ލީން ނޫޅެނީތަ؟" ނަދާލް އޭނާގެ ސުވާލަށް ޖަވާބު ނުދިނުމުން ނުސްރާ އަނެއްކާވެސް އަހައިލި އެވެ.
"މަންމާ. ލީން ހިނގައްޖެ" ނަދާލްއަށް އިސްޖަހައިލެވުނެވެ.
"ކޮންތާކަށް؟ ރަށަށްތަ؟ ކޮން އިރަކުން އަންނަނީ؟" ނުސްރާ ފުލުފުލުގައި ސުވާލުކުރި އެވެ.
"މަންމާ.. ލީންއެއް ދެން ނާންނާނެ. ލީން އެ ދިޔައީ އަޅުގަނޑު ދޫކޮށްލާފަ" ނަދާލް ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ބުނެލި އެވެ.
"ކީކޭ؟ ކީއްވެ؟ ދެ މީހުން މައްސަލައެއް ޖެހުނީތަ؟ މީހަކު އެއްޗެކޭ ބުނީތަ ލީންއާ ދިމާލަށް؟" ނަދާލްއިން ގޮނޑިއާ އެއްވަރަށް ތިރިވެލަމުން ނުސްރާ ފުލުފުލުގައި ސުވާލު ކުރަންފެށި އެވެ.
"މަންމާ ޕްލީޒް.. މިހާރަކު ނޫން." ނަދާލްގެ އަޑު ކުރެހުނެވެ. އިތުރަށް އެ ވާހަކަ ދައްކާނޭ ހިތްވަރެއް އޭނާގެ ނެތެވެ.
ނުސްރާއަށް އެކަން ވިސްނުނު ފަދައިން ބޯ ޖަހައިލަމުން އެތަނުން ދާން ތެދުވި އެވެ. އެހެނަސް އެވަގުތު ނަދާލް އޭނާގެ އަތުގައި ހިފައިލުމާއެކު ނުސްރާގެ ފިޔަވަޅުތައް ހުއްޓުނެވެ. ފިނި ދުވަހެއްކަމުން ގިނައިރު ބޭރުގައި އިނުމުގެ ސަބަބުން ނަދާލްގެ އަތް ހީވަނީ ގަނޑުފެންކޮޅެއް ހެނެވެ.
ނަދާލް އިސްއުފުލައިލަމުން ނުސްރާއަށް ބަލައިލީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ. ނުސްރާއަށް އެވަގުތު ނަދާލް ފެންނަމުންދިޔައީ ސައްބީސް އަހަރުގެ ޒުވާން ދަރިފުޅުގެ ގޮތުގައެއް ނޫނެވެ. މީގެ ފަނަރަ އަހަރު ކުރިން މާޖިދު ގެނެސް އޭނާގެ އަތުތެރެއަށް ލައިދިން ދިހަ އަހަރުގެ ތުއްތު ދަރިފުޅުގެ ގޮތުގަ އެވެ. އެ ދެލޮލުން އޭނާއަށް ފެންނަމުން ދިޔައީ އެ ދަރިފުޅާ މުޅީން ބީރައްޓެހި ބަހަކުން މޮށެއުޅޭ ބައެއްގެ ތެރެއަށް ގެނައި ދުވަހު އެ މައުސޫމު ދެލޮލުން އޭނާއަށް ފެނުނު ގޮތްހުސްކަމެވެ. މިހާރު އޭނާގެ އަތަށްވުރެ ބޮޑުވެފައިވާ އެ އަތުގެ އިނގިލިތައް އޭނާއަށް ސިފަވަމުންދިޔައީ އެ ތުއްތު ދަރިފުޅު އެހީއަކަށް އެދޭ ކޮންމެ ފަހަރަކު އޭނާގެ އަތުގައި ހިފައިލާ ކުޑަ ކުޑަ އިނގިލިތަކުގެ ގޮތުގަ އެވެ.
"ދަރިފުޅާ ނަދާލް" ނުސްރާގެ ދެލޯ ކަރުނުން ފުރިއްޖެ އެވެ. އެދުވަހު އޭނާއަށް ބަސްމޮށުންތެރި ކަމަކާނުލައި ނަދާލްގެ ކޮންމެ އިހުސާސެއް ދެނެގަނެވުނު ފަދައިން މިއަދުވެސް ބަސްމޮށުންތެރި ކަމަކާނުލައި އޭނާ އެ ދަރިފުޅުގެ ކޮންމެ އިހުސާސެއް ދެނެގަތެވެ. އޭނާ މަޑުމަޑުން ހުސްކޮށް އޮތް އަތް ނަދާލްގެ އިސްތަށިގަނޑުގައި ފިރުމައިލުމާއެކު ނަދާލްވެސް ނުސްރާގެ އަތުން ދޫކޮށްލި އެވެ. ދެން ފެނުނީ ނުސްރާގެ ބަނޑާ ހިސާބުގައި ބާރަށް ބައްދައިލި ތަނެވެ. ދެވަނަ ސިކުންތުގައި ވޭނީ ގިސްލުމެއްގެ އަޑާއެކު އޭނާގެ ލޮލުން ފައިބައިގަތް ކަރުނަތައް ނުސްރާގެ ހެދުން ތެންމައިލައިފި އެވެ.
ނަދާލްގެ ކޮންމެ ކަރުނައެއްގައި ހިއްސާވަމުންދިޔައިރު ނުސްރާއަށް ހުރެވުނީ ދުލުގައި ދަތް އަޅާލައިގެނެވެ. ނަދާލްއަށް މިހާ ބޮޑު ހިތާމައެއް ދީފައި އައިލީން ދިޔަ ސަބަބެއް އޮޅުން ފިލުވަން ބޭނުންވި ނަމަވެސް އެ ސުވާލުތަކުން ނަދާލްއަށް އިތުރު ތަކުލީފެއް ލިބިދާނެކަމުގެ ބިރުގައި އެ ސުވާލުތައް ކުރަން ޖެހިލުންވި އެވެ.
ނަދާލްގެ ގިސްލުން މަޑުޖެހިލުމުން ނުސްރާގެ ގައިން ދޫކޮށްލުމަށްފަހު ދެލޯ ފޮހެލި އެވެ. ނުސްރާއަށް އެ މަންޒަރު ފެނި ނަދާލްއާ ސުވާލު ކުރުމަށްޓަކައި އަނގަ ހުޅުވައިލި އެވެ. ނަމަވެސް އޭނާ ގޮވައިލުމާއެކު ނަދާލް ކުއްލިއަކަށް ގޮނޑިން ތެދުވެ، ދުމެއް ޖަހާފައިގޮސް ކޮޓަރިއަށް ވަނީ އެތަނުގައިހުރި ނުސްރާއަށް ބަލައިވެސްނުލަ އެވެ. ނުސްރާއަށް އެކަމާ ސުވާލެއް ކުރާނޭ ފުރުސަތެއް ނުދޭން ކަހަލަ އެވެ.
ނުސްރާ ދެލޯ ފޮހެލުމަށްފަހު ބެލްކަނިން ނުކުމެ ކާމޭޒާ ދިމާލަށް ހިނގައިގަތެވެ. އެތަނުގައި ހުރި އެއްޗެއްސަށް ބަލައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލި އެވެ. އަދި އެތަން ރަމަތަ ކޮށްލާފައި އަލުންގޮސް އޭނާގެ އެޕަރޓްމެންޓަށް ވަނެވެ. އޭނާ ބޭނުންވީ ނަދާލް ހަމައަކަށް އެޅިލުމުން ވެގެން އުޅޭ ގޮތް ރަނގަޅަށް އޮޅުން ފިލުވާށެވެ.
އެވަގުތެއް ނުސްރާއަކާ ބައްދަލެއް ނުކުރި އެވެ. އެރެއަށްފަހު ނަދާލްއާ ބައްދަލުވާނެ ގޮތެއްވެސް ނުވަނީ އެވެ. ދުވާލުދާ ހަތަރުދަން އެ އެޕަރޓްމެންޓް ހުންނަނީ ތަޅުލައިފަ އެވެ. ނުސްރާގެ އަތުގައި އޮންނަ ދެވަނަ ތަޅުދަނޑިން އެ އެޕަރޓްމެންޓް ހުޅުވައިގެން ތިން އިރަށް ކާން ބަހައްޓަން ވަންނައިރު އެއިން ފަހަރަކުވެސް ނަދާލް އުޅޭނީ ކޮޓަރީގައި ތަޅުލައިގެން ނޫނީ ގެއިން ބޭރުގަ އެވެ. ރަށުން ބޭރަށް ނުދާކަން ޔަގީންވަނީ މަދު ފަހަރެއްގައި ނަމަވެސް ގެންދާ ކާއެއްޗެހީގެ ބައި ކުޅަބައެއް ކައިފައި ހުންނާތީ އެވެ.
****************
ދެތިން ދުވަސް ފާއިތުވެ ދިޔައިރު ނުސްރާގެ ކަންބޮޑުވުން ހުރީ އިންތިހާ ދަރަޖައިގަ އެވެ. އެގޮތުން އެއްރެއަކު އާދައިގެ މަތިން ނަދާލް އުޅޭ ބަޔަށް ކާއެއްޗެހި ގެންގޮސްފައި އައިސް ސިޓިންގްރޫމުގެ ސޯފާގައި މަޑުކޮށްލި އެވެ. މާޖިދު ކޮޓަރީގައި އުޅޭކަން ޔަގީންވާތީ އެވެ. މާޖިދަކީ އެއްވެސް އިރެއްގައި އައިލީންއާ ގަޔާވާ މީހެއް ނޫންކަމުން އެ ހިނގައިގެން އުޅޭ ކަންތަކާގުޅޭ އެއްވެސް ކަމެއް މާޖިދުއާ ހިއްސާކުރާކަށް ނުކެރެ އެވެ. ވުމާއެކު މާބޮޑަށް ކަންބޮޑުވެފައިވާ ހުންނަ ވަގުތުތަކުގައި އޭނާއަށް އުޅެވެނީ މާޖިދުއާ ދުރުންނެވެ.
"ނުސް؟ ނުސް.. އޭ؟ ކޮން ހިޔާލަކަށް ގެއްލިފަ؟" ނުސްރާ އިސް އުފުލައިލީ ކޮޓަރިން ނުކުތް މާޖިދު ގޮވައިލުމުންނެވެ.
"މިއީ.. މިއީ އެއްޗެއް ބޭއްވުނު ތަން ހަނދާން ކޮށްލީ" ނުސްރާ އަވަސްއަވަހަށް ބުނެލި އެވެ.
"ރައްޓެއްސަކު ގުޅައިގެން ސައިތަށްޓެއް ބޯލަން މި ދަނީ. މާ ލަސްވަންޏާ ނިދާ އިނގޭ" މާޖިދުގެ ވާހަކައަށް ބޯ ޖަހައިލި ނުސްރާގެ ތުންފަތުގައިވި ހިނިތުންވުން ދިރިހުރީ މާޖިދު ގޭގެ ދޮރުން ނުކުތުމާ ހަމައަށެވެ. އަނެއްކާވެސް ކަންބޮޑުވުމުގެ މަލަމަތި މޫނުމަތިން ދައްކައިލި ތަނާހެން މީހަކު ދޮރުގައި ޓަކި ދީފި އެވެ.
"ދޮންބެ ދައްތާ… އެބަ އުޅެންތަ ދޮންބެ ދައްތާ؟" ހުޅުވާލެވިފައިވާ ދޮރުން އެތެރެއަށް ވަނީ މާޒިޔާ އެވެ.
"ވައަލައިކުމް ސަލާމް. އާދޭ ކުޑާއްތާ.. އަނެއްކާ ކަމަކުތަ؟" ނުސްރާއަށް މިފަހަރުވެސް ހިނިތުންވެލަން މަޖުބޫރުވި އެވެ.
"ނޫނޭ.. ކަމަކު ނޫން. މިއީ ހަމަ މި ފްލޯއަށް ޖައްސާލީ. ނެޑް ކޮބާތަ؟ ދެންމެ ދޮރުގަ ހިފާލިއިރު އެބައި ތަޅުލާފަ ހުރީ.. މައިއާ ދެކުދިން މި ދެތިން ދުވަހު ހަބަރެއްވެސް ނުވޭ. އެހެންޏާ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ގަޑިއަކު ދެމީހުން އަންނާނެވިއްޔަ މަލަކް ގާތަށް" މާޒިޔާ އެތަނަށް އަންނަން ޖެހުނު ހަގީގީ ސަބަބު ކިޔައިދެމުން ނުސްރާގާތު ސޯފާގައި އިށީނދެލި އެވެ.
"މައިވެސް ހަބަރެއް ނުވޭތަ؟" ނުސްރާއަށް އަހައިލެވުނެވެ.
"ހްމްމް. އަނެއްކާ ކަމެއްވީތަ؟ ކުންފުނީގެ ކަމެއްގަ ބިޒީވީބާ؟ އެކަމަކު މައި އެއީ އެންމެ ބިޒީކޮށް އުޅުނު އިރުވެސް އަހަރެން ގާތަށް ބަރާބަރަށް އަންނަ ކުއްޖެއް" މާޒިޔާ ބުންޏެވެ.
"ނޫނޭ.. ނޫނޭ ވިޔަފާރީގެ ކަމެއް ނޫން.. ކުޑާއްތާ.. އަހަރެން ވާހަކައެއް ހިއްސާކޮށްލަންތަ؟ މިކަމާ ވިސްނާވިސްނާ ވަރަށް އުނދަގޫވޭ އެބަ" ނުސްރާ ވިސްނީ މާޒިޔާއަށް ކިޔައިދޭށެވެ. އޭރުން މާޒިޔާ އެ ހޯދަން އައި ސުވާލުތަކުގެ ޖަވާބުވެސް ލިބޭނެތާ އެވެ.
"ދެން ދޮންބެ ދައްތަވެސް ދޯ؟ ތިއީ އަހާކަހަލަ ސުވާލުތަ؟" މާޒިޔާއަށް ބުނެވުނެވެ.
"ނޫނޭ. ހައްތަހާވެސް ކުދިންގެ ކަމެއްވީމަ މިވާހަކަ ދައްކަން ފަސްޖެހެނީ. އެކަމަކު އެނގޭ ކުޑާއްތަވެސް މަލްގެ ހުރިހާ ކަމެއް އަހަރެންނާ ހިއްސާ ކުރާކަން. މިއީ.. އެނގެއެއްނު މިގޭގަ އުޅުނު ލީން؟" ނުސްރާ އެވާހަކަ ފެށި އެވެ.
"ހްމްމް؟ ނެޑްއާ ދެކުދިން ކައިވެނި ކުރާކަށް ނޫންތަ އުޅެނީ؟" މާޒިޔާ ބޯޖަހައިލި އެވެ.
"ހްމްމް ތިހެން ކިޔާފައޭ އޮތީ.. މާޖިދުވެސް އެހާ ހިތްހަމަޖެހޭ ކަމެއް ނޫން. ލީން މި އާއިލާގެ ކުއްޖަކާ މީގެ ކުރިންވެސް ކައިވެނި ކޮށްގެން އުޅުނީމަ.. އެކަމަކުވެސް ނަދާލް ހަމަ ގޮތެއް ދޫނުކުރި" ނުސްރާ ބޯ ހޫރައިލި އެވެ.
"ހެހެ. އެކަމާތަ ދޮންބެދައްތަ ބޯ ގޮވާފަ ތި އިންނަނީ؟ އެއީ ދެން އެހާވަރުގެ ކަމެއްތަ؟ ކާކުތަ ބުނީ އައިލީން ކުރިން މައިޝާންއާ ކައިވެނި ކުރީތީ މިހާރު ނަދާލްއާ ކައިވެނި ނުކުރެވޭނެއޭ؟ މިއީ ބޯދާ ޒަމާނެއް ނޫނެއްނު؟ އެހެންނޫނަސް މައި އަހަރެންގާތު ބުނި މައިޝާންއަށްވުރެ މާ ކުރިން އައިލީން ނަދާލް ދަންނަ ވާހަކަ. އޭރު ނަދާލް އިޒޫއާ ކައިވެނިކުރަން އުޅުނީމަ އެ ދެކުދިންގެ ގުޅުން ކުރިއަށް ނުގެންދެވިފަ އޮތް ވާހަކަ ބުނީ" މާޒިޔާ ބުންޏެވެ.
"ތިކަންވެސް އޮތީ ތިހެން. އަހަރެންނަށްވެސް އެނގެއޭ ތިއީ މައްސަލައެއް ނޫންކަން. ކުޑާއްތާ އަސްލު މި ވެގެން އުޅޭ ގޮތަކީ" ނުސްރާއަށް ގޮނޑީގެ ކުރިއަށް ޖެހިލައި މާޒިޔާގެ އަތުގައި ހިފަހައްޓައިލެވުނެވެ. "ލީން ހިނގައްޖެ.
"ހިނގައްޖެޔޭ؟ ކޮންތާކަށް؟" މާޒިޔާއަށް ލިބުނީ ހައިރާންކަމެކެވެ.
"ނޭނގެ ދިޔަ ތަނެއް. ނަދާލްގާތު އެހީމަވެސް އެއްޗެއް ބުނަނީކީ ނޫން. ހިއެއްނުވޭ އޭނައަކަށްވެސް އެނގޭހެނެއް.. އައިލީން ދިޔައިއްސުރެން އެތާ ތެރޭގަ ތަޅުލެވިގެން.. މީހަކާ ވާހަކަދައްކަން ބޭނުންވަނީކީ ނޫން.. ތިން އިރަށް ގެންދާ ކާއެތިކޮޅުގަވެސް ގިނަ ފަހަރު ހުންނަނީ އަތް ނުލާ… ކުޑާއްތާ.. އަހަރެން ވަރަށް ކަންބޮޑުވޭ އެބަ. ހީވެދާނެ ބަނޑުއަޅައި ނުވިހަންޏާ މައިވަންތަ ލޯތްބެއް ނުހުންނާނެއޭ. އެކަމަކު ހަމަ ހުވާ މިކުރީ.. ނަޝްވާއަށްވުރެ އެންމެ ތަންކޮޅެއްވެސް އޭނަ ދުރެއް ނުކުރަން" ނުސްރާއަށް އެންމެފަހުން ހިތުގައި ގިނަކޮށްގެން އުޅުނު އުދާސްތައް ބޭރުކޮށްލެވުނެވެ.
"ދޮންބެދައްތާ؟ ދެން އަޅޭ.. އަހަރުމެން ޝައްކެއް ނުކުރަމޭ ތި ކަމަކާ.. އެނގެޔޭ އެއީ ހަމަ ތި ދެމަފިރިންގެ ދަރިއެއްކަން" ނުސްރާގެ ފެންކަޅިވެފައިވާ ދެ ލޯ ފެނި މާޒިޔާ ކުރިއަށް ޖެހިލައި ނުސްރާގެ ކޮނޑުގައި އެއް އަތް ވަށައިލި އެވެ.
"ހުރި ހާލަކައިގެން ލޮލަށް ފެންނަ ހިސާބަށް އަންނަނަމަވެސް ކޮންމެވެސް ތަސައްލީއެއް ލިބޭނެ ކަންނޭނގެ. ހީވަނީ ނަދާލްއަށްވެސް އަދި އެ ހިތްވަރު ނުލިބެނީހެން. އަހަރެންނަށް އެނގޭ ނަދާލް ލޯބި ނުވާތީކީ ނޫންކަން ލީން ދާން ދޫކޮށްލީ. އެކަމަކު ލީންއަކީވެސް ނަދާލްއަށް ބޭވަފާތެރިވާނެ ކަހަލަ ކުއްޖެއް ނޫން. މިކަމުގެ އެހެން ކަމެއް އެބަ އުޅޭ ކުޑާއްތާ.." ނުސްރާގެ ކަރުނަތައް ހީވަނީ ދެންމެދެންމެ ފައިބައިގެންފާނެ ހެނެވެ.
"މައިގާތު އެހިންތަ؟" މާޒިޔާ ވިސްނައިލި އެވެ.
"ނޫން. މައިގާތު އެހިއްޔާ ނަދާލްއަށް އެނގޭނެ. އޭރުން ނަދާލް ހިތްހަމަނުޖެހިދާނެ. ލީން ހުރިތަނެއް އެނގޭނަމަ އަހަރެން މިހާރު ހުރިހާކަމެއް އޮޅުން ފިލުވަން އެކުއްޖާ ގާތަށްވެސް ހިނގައްޖައިމުސް" ނުސްރާގެ އަޑު ކުރެހުނެވެ.
"ދޮންބެދައްތާ... ދެރަ ނުވޭ. އަހަރެންނަށް ތިކަމުގަ އެހީއެއް ވެވިދާނެ.. ދޮންބެދައްތައަށް އެނގެއެއްނު އިވާން؟ މަލް އެއްކަލައިރު މާ ބޮޑަށް ސަކަރާތްވެގެން އުޅުނުއިރު މިގެއަށް އައެއްނު؟" މާޒިޔާ ބުންޏެވެ.
"ހްމްމް. އެނގޭ އިވާން. ކުޑާއްތަމެން އެ ރަށަށްވެސް ގޮސްފައެއްނު ތި އައީ؟" ނުސްރާއަށް ސުވާލުގެ މޭރުމަކުން ބުމަ ގޮށްޖަހައިލެވުނީ އެ ދެކަންތަކުގައި ހުރި ގުޅުމަކީ ކޮބައިކަން ފަހުމު ނުވުމުންނެވެ.
"ހްމްމް. އިވާންއަށް އެނގޭނެ ލީން ވީތަނެއް. އަހަރެންނަށް އަދި ނުބުނެވޭ ދޯ.. އެއީ ދެބެއިންގެ ދެދަރިންނޭ" މާޒިޔާ ހީވީ ނުސްރާގެ ހިތުގައިވި ސުވާލު އިވިގެން ޖަވާބެއް ދިން ހެނެވެ.
"އިވާން؟ އިވާން އެއީ ލީންގެ ތިމާގެ ކުއްޖެއްތަ؟ އެކަމަކު.. އެކަމަކު ލީންއާއި މައިޝާންގެ ޕާޓީއަކުންވެސް ނުދެކެން" ނުސްރާއަށް ބުނެވުނެވެ.
"އޭރު.. އޭރު އިވާން ހުރީ ޕާޓީގަ ބައިވެރިވެވޭނެ ހާލަތެއްގައެއް ނޫން. އެއީވެސް ވަރަށް ބޮޑު ވާހަކައެއް.. އަހަރެންނަށްވެސް އެނގުނީ އެރަށަށް ދިޔަތަނުން އާޝިޔާ ކިޔައިދިނީމަ. އަސްލު ވީ ގޮތަކީ..." މާޒިޔާ އޭނާއަށް އާޝިޔާގެ ފަރާތުން އިވިފައިވި ވާހަކަތައް ނުސްރާއަށް ކިޔައިދިނެވެ.
"ތިހެން ބުނީމަ މި ހަނދާންވީ.. އިވާން ފުރަތަމަ މިގެއަށް އަންނަން ފެށީވެސް މައިރާއާ އެއްކޮށޭ ދޯ؟ އަހަރެން ފުރަތަމަ ހީކުރީ ނަދާލްއާ ދެކުދިންގެ ރައްޓެއްސެއް ކަމަށް. މައިރާ އެކަންތަކުގަ އިވާންއާ ރުޅިވީތަ؟ އެއީ އިވާން ހަމަ އަސްލުވެސް ކުރި ކަމަކީތަ؟" ނުސްރާއަށް ހުރިހާ ކަމެއް ސާފުވާން ފެށި އެވެ. ބަނަ ރެއެއްގެ ވިލާތައް ފެޔަށް ޖެހެމުންގޮސް އޭގެ ފަހަތުގައި ފަރުދާވެފައިވި ހަނދު ސާފުވެގެންދިޔަ ހެނެވެ.
"ނޭނގެ. އަދި މައިރާއާ އެ ވާހަކަ ނުދައްކާ މި އުޅެނީ. އެފަކީރު އުޅޭލެ ބުރަކަމުން ކިހިނެއް މިވަރުގެ ވާހަކައެއް ދައްކަން ކެރޭނީވެސް. އެކަމަކު އަހަރެންނަކަށް ހިއެއްނުވޭ އިވާން އެކަން ކުރި ހެނެއް. އަހަރެން މިއައީ މަހެއްހާ ދުވަހު އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ގޮވައިގެން އިވާންއާ އެއް ފުރާޅެއްގެ ދަށުގަ އުޅެފަ. އެވަރުގެ ހުލްގުހުރި އެ އުމުރުގެ ކުއްޖެއް އަހަރެން ނުދެކެން ކުޑާއްތާ. އޭނަގެ ރައްޓެއްސެއް އުޅޭނެ.. އާޝިޔާގެ ދަރިފުޅު.. އެކުއްޖާ މަލްއާ ގާތްވެލާ ވަރަށްވެސް އޭނަ ގާތް ނުވާނެ. އަހަރެންނަކަށް ހަމަ ގަބޫލެއް ނުކުރެވޭ" މާޒިޔާ އިވާންގެ ދިފާއުގައި ވާހަކަދެއްކި އެވެ.
"އަހަރެންނަކަށް ދުރު މީހެއްގެ ގޮތެއް ނޭނގޭ. އެނގެނީ މައިރާ. މައިރާއަކީ ނުވިސްނޭ ކުއްޖެއް ނޫން. އަދި ކުޅިވަރަކަށް ތިކަހަލަ ގުޅުމަކަށް ދާނެކަހަލަ ކުއްޖެއްވެސް ނޫން. އަހަރެންގެ ހިތެއް ނުބުނޭ އިވާން މައުސޫމުނަމަ މައިރާ އިވާން ދޫކޮށްލާނެއެކޭ. އެކަމަކު ތި ބުނާހެން މިހާރުވެސް އެދެކުދިން އުޅެނީ ނުލާހިކު ފާޑަކަށް. އަނެއްކާ މިފަހުން ދެމީހުން ގުޅުނީކީ ނޫންބާ؟" ނުސްރާ އަހައިލި އެވެ.
"ތި ބުނިހެން ވަރަށް ފާޑަކަށް އުޅޭ ދެކުދިން އެއީ. އަހަރުމެންގެ ކުރިމަތީގަ ނުވާކަމަށް ހެދިގެން އުޅުނަސް މިހާރުވެސް ގުޅުމެއް އޮންނަހެން ހީވަނީ" މާޒިޔާ ވިސްނާލާފައި ބުންޏެވެ.
"އަނެއްކާ އެދެކުދިން ޖެހުނު މައްސަލައެއްގެ ތެރެއިންބާ އައިލީންއާއި ނަދާލް މައްސަލަ ޖެހުނީ؟" ނުސްރާއަށް އަހައިލެވުނެވެ.
"އިވާންއާއި މައިރާ ގެނެސްގެން ވާހަކަދައްކަމާ؟" މާޒިޔާ ހިޔާލު ދިނެވެ.
"ތިއީ އެހާ ފަސޭހަ ކަމަކަށް ނުވާނެ. ނަދާލްއަށްވުރެވެސް ބޯހަރުވާނެ އަހަރުމެންގެ މައިރާ" ނުސްރާ ބުންޏެވެ.
"ހުރިހާ ކަމެއް ފަސޭހައިން ކުރާނެ ގޮތެއް އަހަރެންނަށް އެނގެއޭ.. ދޮންބެދައްތަ އެކަން އަހަރެންނަށް ދޫކޮށްލާ" މާޒިޔާ ހިނިތުންވެލަމުން ބޯޖަހައިލި އެވެ.
************
އެޕަރޓްމެންޓްގެ ބެލް އަޅައިލުމާއެކު ދޮރު ހުޅުވައިލި ލަކްޝްމީއަށް ހިނިތުންވެލަމުން އިވާން އެތެރެއަށް ދެމިގަތެވެ. ލައިގެންހުރި ވާރޭ ކޯޓު ބާލައި ލަކްޝްމީގެ އަތަށް ދިއްކޮށްލުމަށްފަހު އޭނާ މިސްރާބު ޖެހީ އައިލީން އުޅޭ ކޮޓަރިއަށެވެ. އޭރު ނިސްރީން ކޮންމެވެސް ބަޔަކު ގެނެސްގެން އެޕަރޓްމެންޓްގެ ފަރުނީޗަރުތައް ބަދަލު ކުރުމުގައި އަވަދިނެތި އުޅެ އެވެ. ހީވާގޮތުން ހަފްތާއެއް ފަހުން ފެށެން އުޅޭ ރަމަޟާން މަހަށް ގޭގެ ފަރުނީޗަރު އާކޮށްލަނީ އެވެ. އިވާން ބޯ ހޫރައިލަމުން ކުޑަކުޑަކޮށް ހުޅުވިފައިހުރި ދޮރުގައި ޓަކި ޖަހައިލުމަށްފަހު އައިލީންގެ ކޮޓަރިއަށް ވަނެވެ.
އައިލީން އިނީ އީވީއާއެކު އީވީގެ ލެޕްޓޮޕުން އެނިމޭޓެޑް ފިލްމެއް ބަލާށެވެ. އިވާން ފެނުމާއެކު އީވީގާތު ކޮންމެވެސް އެއްޗެކޭ ބުނެލުމުން އީވީ ބޯ ޖަހައިލުމަށްފަހު ދޮރުން ނުކުތުމަށް ދުއްވައިގަތެވެ. އެއާއެކު އިވާން އީވީގެ އަތުގައި ހިފައި ހުއްޓުވި އެވެ.
"ހޭއި.. އާދެބަލަ.. މިހާރު އިވާންބެއާ ވާހަކަވެސް ނުދައްކާނަންތަ؟" އިވާން އެއްކަކޫ މައްޗަށް ތިރިވެލަމުން އީވީ އޭނާއާ ގާތަށް ގެނައެވެ.
"ނޫން.. ބަޓް އިވާންބެ ފެނުނީމަ އީވީ މާ މިސްވޭ ދާންބެ މަތިން" އިވާންގެ އަތު ތެރޭގައިހުރެ އީވީ މައުސޫމުކަމާއެކު ބުނެލި އެވެ. އެ ޖުމްލަ އިވި އިވާންގެ ހިތަށް ކުރި އަސަރުން ހިންދިރުވައިލެވުނެވެ. "ހިއަރ.. ގިފްޓް ފޯރ ޔޫ.." އޭނާ އޯގާތެރިކަމާއެކު އީވީގެ ބޮލުގައި ފިރުމައިލުމަށްފަހު އަތުގައި އޮތް ދެ ކޮތަޅުން އެއް ކޮތަޅު އީވީއަށް ދިއްކޮށްލި އެވެ.
"މިހާރު އީވީއާ ދެކުދިން ބެސްޓީޒް ވެލީއޭ ދޯ؟ ކޮބާ އެއްޗެއް ކައިފިން؟" އީވީ އެ ކޮތަޅު ހިފައިގެން ކޮޓަރިން ނުކުތުމާއެކު އިވާންގޮސް އައިލީންގާތު އިށީނދެލި އެވެ.
"ޔެސް. ދައްތަ މިރޭ ގެ ރިނޮވޭޓް ކުރާތީ ހަވީރު ބޭރުން ޕިއްޒާ އޯޑަރު ކުރީ" އައިލީން ލެޕްޓޮޕު އެއްފަރާތް ކޮށްލަމުން އިވާންއާ ވާހަކަދެއްކި އެވެ.
"ހިއަރ.. ލީންއަށް ގެނައި އެއްޗެއް މިއީ" އިވާން ދިއްކޮށްލީ ކަޅުކުލައިގެ ކޮތަޅަކަށް ލާފައި އޮތް އައިސްކްރީމް ކޭކެކެވެ.
އައިލީންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވި އެވެ. އެއީ އޭނާއަށް ނުހަނު ކަމުދާ އެއްޗެއްކަން އިވާންއަށް އެނގޭނެ އެވެ. ރަށުގައި އުޅުނުއިރުވެސް އިވާން ކޮންމެ ހަފްތާއަކުހެން މާލެ ދަތުރުކުރާ ލޯންޗުން އައިލީންއަށް އެ ކޭކު ގެނެސްދޭނެ އެވެ. އެއްފަހަރަކު ގެއިން އޭގެ ސްޓޮކް ހުސްވެގެން އައިލީން އެކަމާ ބޮޑާ ހޭކުމުން އޭނާ ލޯބިން ހަލާކު ކުރަނީއޭ ކިޔައި މާމަ އިވާންއަށް އެއްޗެހިގޮވި ހަނދާނެއްވެސް އޭނާގެ ސިކުނޑީގައި ކޮށްޓައިލި އެވެ. އައިލީންގެ ދެލޯ ފެންކަޅިވެގެންދިޔަ އެވެ. އޭނާގެ ހަޔާތުން މައިންބަފައިންގެ ލޯބި އުނިވިއެއްކަމަކު މާމައާއި އިވާން އޭނާ ގެންގުޅުނީ ކިހައި އުފަލުގައި ހެއްޔެވެ. އެ އުފާވެރިކަމަށް ނިމުމެއް އައީ މައިރާއާއި ނަދާލްގެ ސަބަބުންނެވެ.
"ލީން.. ޕިސްޕިސް އަޅޭ.. މިހާރު މިކަމާވެސް ރޮނީތަ؟ މިއީ އެހާވަރު ކަމެއް ނޫނޭ" އިވާން އައިލީންގެ ކޮނޑުގައި ހިފައި އޭނާއާ ގާތްކޮށްލި އެވެ.
"އައިމް ސޮރީ އިވާންބޭ" އިވާންގެ ކޮނޑުގައި ބޯ އަޅައިލަމުން އައިލީން ވާހަކަދެއްކި އެވެ.
"ކޮންކަމަކާ؟" އިވާން އައިލީންގެ ގައިން ދޫކޮށްލަމުން އަހައިލި އެވެ.
"އަފޫ އެއީ ލީންގެ އެހާ ގާތް ރައްޓެއްސެއްވެސް ނޫން.. އޭލެވެލްގަ ލީންއާ އެއް ސްކޫލް ހައުސެއްގަ އުޅުނީމަ އެއްފަހަރު އިވެންޓަކުން ދިމާވީ. ވަރަށް ހައިރާންވެސްވި އެހާ ދުވަސްފަހުން ގުޅާފަ ރަށުގަ އުޅެންޏާ ދުވަސްކޮޅަކަށް ރައްޓެއްސަކު ބަހައްޓާލަދޭށޭ ބުނީމަ. ލީންއަކަށް ނޭނގޭ އެއްބަސްވީއިރު މައިގެ ގޮތެއް އެކަމަކު އަންހެންކުއްޖެއް ވީމަ އިތުބާރު ކުރެވުނީ.. ހިއެއް ނުކުރަން މައި-"
"ހޭއި ހޭއި ސްޓޮޕް ދެޓް" އިވާން އައިލީންގެ ވާހަކަ ހުއްޓުވި އެވެ. "ލީން ދެން ދުވަހަކުވެސް.. މިބުނީ ދުވަހަކުވެސް ތިގޮތަށް ވިސްނައިގެން ނުވާނެ.. ދުވަހަކުވެސް ލީންގެ އަމިއްލަ ނަފްސު މިކަމުގަ ކުށްވެރި ކޮށްގެން ނުވާނެ. އަޑު އިވިއްޖެ؟" އިވާންގެ އަޑުގައި ހަރުކަށިކަމާ މަސްހުނިވެފައިވާ އޯގާތެރިކަމެއް ހުއްޓެވެ.
"އެކަމަކު-"
"ނޯ ނޯ ނޯ. އެއްވެސް އެކަމަކެއް މިކަމަކެއް އަޑު އަހާކަށް ބޭނުމެއް ނޫން" އިވާން ހަމަހިލާ އައިލީންގެ ވާހަކަ ކުރިއަށް ގެންދިޔަކަ ނުދިނެވެ. "އެހެންނޫނަސް.. ލީން ރިގްރެޓް ކުރަންޖެހޭ ކަމެއް އެޔަކު ނެތެއްނު؟ ހަމަ ގައިމުވެސް އަހަރެން ރިގްރެޓެއް ނުކުރަން މައިރާއަށް ގެއިން ޖާގައެއް ދެވުނީތީ.. ނޫނީ މައިރާއާ ބައްދަލުވީތީ.." އިވާން ކޮނޑު އަރުވައިލި އެވެ.
އައިލީންއަށް އިވާންގެ މޫނަށް ބަލަން އިނދެވުނީ ދުނިޔޭގެ އަށްވަނަ އަޖައިބު ލޯ މައްޗަށް ފާޅުވިހެނެވެ. މައިރާ އިވާންއަށް އެ ދިން ދެރައަކީ ދުޝްމަނެއްވެސް އަނެއް ދުޝްމަނަކަށް ނުދޭނެހާ ބޮޑު ދެރަ އެކެވެ. އެ ހުރިހާ ކަމަކާއެކުވެސް އިވާން އެ ބުނަނީ މައިރާއާ ބައްދަލުވީތީ އެކަމާ ހިތާމަ ނުކުރަމޭ ހެއްޔެވެ؟
"އިވާންބެ ކިހިނެއް އަދިވެސް ތިހެން ތި ބުނަނީ؟ ލީންއަށްވެސް އެބަފެނޭ އޭރު ހުރި ޕޮއިންޓާ އަޅާ ބަލާއިރު އިވާންބެގެ ދިރިއުޅުން އަޑި އަޅާލާފައިވާ މިންވަރު. ޔޫ ލޮސްޓް އެވްރީތިންގް ބަޓް.. ނޯ ރިގްރެޓްސް؟" އައިލީން ހައިރާންވެފައި އަހައިލި އެވެ. އިވާންގެ ފަރާތުން އޭނާއަށް ލިބުނީ ހިމޭންކަމެވެ. "އަދިވެސް ލޯބިވޭ ދޯ މައި ދެކެ؟" އޭނާއަށް ކަމެއް ވިސްނުނު ފަދައިން އިވާންގެ އަތުގައި ހިފައިލި އެވެ.
"ދެއަރ އިޒްންޓް އެގްޒޭކްޓްލީ އެން އޮފް ސްވިޗް ޓު ދިސް ތިންގް އިޒް ދެއަރ؟" އިވާން ލުއި ހުނުމަކާއެކު ބުނެލި އެވެ.
"އެކަމަކު ތިއީ އެއްވެސް ގޮތެއް ނޫނޭ އިވާންބޭ! މައިއާ އެއްކޮށް އުޅެވެން ނެތިއްޔާ ފައިންޑް ސަމްވަން ބެޓަރ-"
"ލީން ޕްލީޒް ލެޓްސް ނޮޓް ފޫލް އަވަރސެލްވްސް" އިވާން އައިލީންގެ ވާހަކަ މެދު ކަނޑައިލި އެވެ. "ލީންއަށްވެސް އެނގެއެއްނު މައިރާ.. ޔެސް.. ޔެސް ޝީ މޭޑް އަ މިސްޓޭކް ބަޓް ޝީ އިޒް ޖަސްޓް.. ޕާރފެކްޓް އިން އެވްރީ އަދަރ ވޭ. އެނީވަން އާފްޓަރ ހަރ ވުޑް ބީ އަ ޑައުންގްރޭޑް"
“ދެން ހަމަ އިތުރު ގޮތެއް ނޯންނާނެތަ؟” އައިލީން ކޮނޑު އެލުވައިލި އެވެ. “އެއީ އިވާންބެ ނުކުރާ ކަމަކިއްޔާ… އެއްވެސް ކަމެއް ދިޔައީ އިންސާފަކުން ނޫނެއްނު؟ ފައިޓް ނުކުރާނަންތަ އެ ލައިފް ހޯދަން؟ ފައިޓް ނުކުރާނަންތަ ޖޮބް ހޯދަން؟”
"ކާކާ ފައިޓް ކުރަންވީ ލީން؟ މައިރާއާތަ؟" އިވާން އަހައިލި އެވެ. "އައުޒަމްވެސް.. ނާއިލްވެސް ޝާވިންވެސް.. ހުއްޓާނުލާ އަހަރެންގާތު ކިޔާ އެއްޗަކީ ތިއީއޭ؟ މިފަހުން ފާޑެއްގެ ވަކީލަކުވެސް އެބައުޅޭ ތިކަމުގަ އަހަރެންގެ ފުލުން ނުނެއްޓިގެން. އަހަރެންނަށް އެނގޭ މައިރާ މާލެ އައިސް ނަދާލްގާތު ބުނެގެންކަން އެމީހުން މަތިމަތިން މައްސަލަ ބަލާލާފަ އަހަރެން އެ ދޫކޮށްލީ. އަހަރެންވެސް މި ދާއިރާގަ އުޅުނީމޭ. އަހަރެންނަށްވެސް އެނގެޔޭ މި ކަންކަން ހިނގާ ގޮތް.. މައްސަލަ ރަނގަޅަށް ބެލިއްޔާ އަހަރެންގެ ވަޒީފާވެސް ލިބޭނެ. ފްރޭމްކުރި ބަޔަކަށް އަދަބުވެސް ދެވޭނެ. އެ ދެ ކަންތައް އަންނާނީ އެކުއެކީގަ. ދެއަރ އިޒް ނޯ ޗޫޒިންގް ދެއަރ ލީން" އިވާން މޫނުގައި ދެއަތް އުނގުޅައިލަމުން ފުން ނޭވާއެއް ދޫކޮށްލި އެވެ. "މި މައްސަލަ އިތުރަށް ނުހާވާ އަހަރެންގެ ވަޒީފާ ހޯދޭނެ ގޮތެއް އޮތްނަމަ އަހަރެން މިހާރު އެކަން ކުރިތާ ކިތަންމެ ދުވަހެއް.. އެކަމަކު އެހެނެއް އެކަމެއް ނުވާނެ. އަހަރެން ބޭނުމެއް ނޫން މައިރާގެ އެ އަގްލީ ސައިޑް ބަޔަކަށް އެނގޭކަށް"
އިވާންގެ ވާހަކަ އަޑުއަހަން އިން އައިލީން އަނެއްކާވެސް ތުން ބިންދައިލި އެވެ. ނުރޯން މަސައްކަތްކުރި ނަމަވެސް އޭނާއަކަށް އެ ކަމުގައި ކާމިޔާބެއް ނުލިބުނެވެ.
"ޕިސް ޕިސް ލީން.. ނޮޓް އަގައިން" އިވާންއަށް ބުނެވުނެވެ.
"އައި.. އައި ކޭންޓް ހެލްޕް އިޓް އޯކޭއި؟ މައި ހާރޓް ބްރޭކްސް ފޯރ ޔޫ މޯރ ދޭން އިޓް ޑަޒް ފޯރ މީ" އައިލީން އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެމުން ބުންޏެވެ.
"ލީން ތިހެން ރޮންޏާ ދެން އަހަރެން ނާންނާނަން. މިއަދުވެސް އެހާ ވަރުން މި އާދެވުނީ. މި ޝާވިންއާއެކު ފާޑެއްގެ ސައިކަލެއް ގަންނަން ގޮސް އެތާނގަ މުޅި ދުވަސް. އަހަރެން އަހައިފިން އެންމެ ހަފްތާއަކަށް މާލެ އައިސްފަ ކީއްކުރަން ގަންނަ ސައިކަލެއްހޭ.. އެހީމަ ދަމުން އަހަރެންނަށް ދީފަ ހިނގައިދާނަމޭ ބުނީމަ އެންމެފަހުން ދިޔައީ.." އިވާން ހުށިޔާރުކަމާއެކު މައުޟޫއު ބަދަލުކޮށްލީ އައިލީންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރައިލުމަށެވެ. އެގޮތުގައި އައިލީންއާ އެކި ވާހަކަތައް ދައްކަން އިނުމަށްފަހު އޭނާ ކޮޓަރިން ނުކުތީ ޝާވިން ބަލާ އައިސްހުރި ވާހަކަ ބުނުމުންނެވެ.
"އިވާން.. ދަނީތަ؟ އާދެބަލަ އިހަށް" ސިޓިންގްރޫމުން ނުކުތުމަށް އިވާން ނަގަނަގައިހުރި ފިޔަވަޅުތައް ހުއްޓުނީ ނިސްރީން ގޮވައިލުމުންނެވެ. އޭނާ ނިސްރީން އެދުނު ފަދައިން ގޮސް އެތަނުގައި މިހާރު ހުރި އާ ސޯފާގައި އިށީނދެލި އެވެ. އޭރު އެޕަރޓްމެންޓްގެ ފަރުނީޗަރުތައް ބަދަލު ކުރުމުގައި މީގެ އިރުކޮޅެއް ކުރިން އުޅުނު މީހުން ހިނގައްޖެ އެވެ.
"މަންމައަށް ހީވަނީ ލީން ދެން އެއްކޮށް މި ގޭގަ ބަހައްޓަންވީހެން. ލީން އުޅޭކަމުންވިއްޔަ އިވާން މިގެއަށް ގަވައިދުން ތި އަންނަނީވެސް" ލަކްޝްމީ ގެނެސްދިން ޖޫސްތަށި އިވާންއަށް ދިއްކޮށްލަމުން ނިސްރީން ވާހަކަ ދެއްކި އެވެ.
"އޭނަ.. އެހެމް.. ބޭބެ ކޮބާތަ؟" އިވާން އެ ޖޫސްތަށީގައި ހިފަމުން އަހައިލި އެވެ.
"ދެން ހަމަ އެއްޗެކޭ ބުނާއިރަށް ތި ފަށަނީ ފަރުހާންގެ ވާހަކަ. ފަރުހާން އަޅެ ކީއްތަ ކުރީ އިވާން ތިވަރަށް އޭނަދެކެ ރުޅި އަންނަން؟" ނިސްރީންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އިވާން އަތުގައި ހުރި ޖޫސްތަށިން ކޯވަރެއް ދަމައިލަމުން އަނގަ ބަންދުކޮށްލި އެވެ. އޭނާއަށް ނިސްރީންގެ އެހީ ބޭނުންވެފައިވާ ދަނޑިވަޅެއްގައި ނިސްރީނާ ޒުވާބެއް ފަށަށް ބޭނުން ނުވީ އެވެ.
"ހޫން ދެން މައްސަލައެއް ނެތޭ. ލީން މިހާރު ރަނގަޅުތަ؟ އިވާން ސުވާލެއް ނުކުރާށޭ މަންމަ ލީންގާތު ވީގޮތެއް ނޭހީވެސް" އިވާން ޖަވާބެއް ނުދިނުމުން ނިސްރީން އެންމެފަހުން ބުންޏެވެ.
"ކުރިއަށްވުރެން ރަނގަޅުހެން ހީވަނީ” އިވާން ކުރު ޖަވާބަކުން ފުއްދައިލި އެވެ. ހިމޭންކަމުގައި އިނދެ އަނެއްކާވެސް ޖޫސްތަށިން ކޯވަރެއް ދަމައިލިއިރު އޭނާއަށް ވިސްނެމުންދިޔައީ ހިތުގައި އުތުރެމުން އައި ސުވާލުތައް ނިސްރީނާ ކުރާނީތޯ އެވެ. އެންމެފަހުން އެކަމާމެދު ގޮތެއް ނިންމުނު ފަދައިން ޖޫސްތަށި ކޮފީ މޭޒުމަތީގައި ބަހައްޓައިލުމަށްފަހު ނިސްރީނަށް ބަލައިލި އެވެ.
****************
ޖެހިގެން އައި ހެނދުނެވެ. ޝާވިންއާއި އިވާން ސައިކަލުގައި މިސްރާބު ޖަހާފައިވަނީ ހ.ފްލޮރެންސަށް ދިޔުމަށެވެ. މާޒިޔާ ދިން ހެނދުނު ސައިގެ ދައުވަތަކަށެވެ.
"މާ ބޮޑަށޭ ތި ހާސްވަނީ.. އެހެން މީހަކުނަމަ މައިޓު ގުޅާފަ ހެނދުނު ސަޔަށް ދައުވަތު ދިނީމަ އުދުހިފަ ދާނީ" ޝާވިންގެ ސައިކަލު ފަހަތުގައި އިން އިވާން މަޒާޖީ ރާގަކަށް ބުނެލި އެވެ.
"ހާސްވާނެ ބްރޯ ނަމަވެސް.. މަލަކް މަންމައަށް އަދި ކަމެއް އެނގެނީކީވެސް ނޫނެއްނު؟ އެހެންނޫނަސް މަލަކް މަންމަ މަށަށްވުރެ ގާތީވެސް ބްރޯއަކާނު؟ ދެން ކީއްވެބާ ބްރޯއަށް ނުގުޅާ ސީދާ މަށަށް ގުޅާފަ ބްރޯ ގޮވައިގެން ސައިބޯން އަންނާށޭ އެބުނީ؟ އަދި އެވެސް ހެނދުނު އިރު ނާރަނީސް ހަތްގަޑި ބަޔަށް" ފިނި ދުވަހެއް ނަމަވެސް ޝާވިންގެ ނިތްކުރީގައި ހާސްކަމުގެ ދާތިކިތައް ވިދަމުންދިޔަ އެވެ.
"ސާބަހޭ.. މައިޓުއަށް ނޭނގި ހުންނާނެތަ ފުރަންވެގެން ލޯންޗަށް އެއްފައި ނަގާފަ އޮއްވާ މަލަކް ކިޑްނެޕްކޮށްގެން ގެންދާއިރު؟ ޔަގީނޭ އެދުވަހުގެ ކަންތަކާ ބަވާލަންކަން އެ ހާޒިރު ކުރަނީ" އިވާން އިތުރަށް ޝާވިން ހާސްކޮށްލި އެވެ.
"އޭ ޝިޓް! ދެން ކިހިނެއް ހަދާނީ؟ މަލަކްވެސް ހޭލާ އުޅޭ ގަޑިއެއް ނޫން. އަހަރެން ދެންމެ މެސެޖު ކުރިއިރުވެސް ނުހޭލާ.. އަހަރެން ބެކް ކުރާނެ މީހަކުވެސް ނުހުންނާނެ. އޭ ބްރޯ އަހަރެން ސަލާމަތް ކޮށްދެއްޗޭ" ޝާވިން އާދޭހުގެ ރާގެއްގައި ބުންޏެވެ. އޭނާގެ މޫނަށް އަރައި ފައިބަމުންދިޔަ ކުލަވަރު ސައިކަލުގެ ލޯގަނޑުން ސާފުކޮށް ފެންނަމުންދިޔައިރު އިވާންއަށް އިނދެވުނީ ހިނިގަނޑު ހިފަހައްޓާލައިގެނެވެ.
"އާނ ދެން ވީވަރެއް ކޮށްދޭކަށްނު ޖެހޭނީ ތިކަހަލަ މީހުން ގޮވައިގެންވިއްޔަ އުޅެން ޖެހިފަ މި އޮތީ. ދެންވެސް ތި ބޮޑު ނޭވާއަކާ އެއްޗެހިލާފަ ހަމަ ޖެހިބަލަ" ގެ ކައިރިއަށް ސައިކަލު މަޑުކޮށްލުމާއެކު އިވާން މަޑުމަޑުން ޝާވިންގެ ކޮނޑުގައި ޖަހައިލި އެވެ.
ދެ ޒުވާނުން އެކީގައި ސައިކަލުން ފައިބައިގެން ގެއަށް ވަތްއިރު ޝާވިންގެ ފިޔަވަޅުތަކުގައިހުރި ޖެހިލުންވުން އިވާންއަށް ފާހަގަވި އެވެ. ލިފްޓުގައި ހުރިއިރުވެސް އިރުއިރުކޮޅާ އެއްފައިން އަނެއްފަޔަށް ހަށިގަނޑުގެ ބުރަ ބަދަލު ކުރަމުން ދިޔައެވެ. އެންމެ މަތީ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު އިވާން ތަކުރާރުކޮށް ޝާވިންއަށް ހަމަޖެހެން އެންގުމަށްފަހު ސަލާން ގޮވައިލި އެވެ.
"ވައަލައިކުމުއްސަލާމް.. އަނހާ.. އައީ ދޯ؟ ވަދޭ ދެކުދިން.. ހިއެއް ނުކުރަން މިހާ އަވަސް ގަޑިއެއް ބުނީމަ ހޭލެވޭނެ ކަމަށްވެސް" މާޒިޔާ ހިތްހެޔޮކަމާއެކު ސަލާން ބަލައިގަތެވެ. ސޯފާގައި އިން ނުސްރާވެސް އެމީހުންނަށް ހިނިތުންވެލި އެވެ. އިވާން އެ ހިނިތުންވުން ރައްދުކޮށްލުމަށްފަހު މާޒިޔާގެ އިޝާރާތަށް ޝާވިން ގޮވައިގެން ކާމޭޒާ ދިމާލަށް ހިނގައިގަތެވެ.
"އަޅުގަނޑަށް ނުހޭލެވުނަސް ޝޯން ހުންނާނީ ހެނދުނު ހޭލަން އާދަވެފައެއްނު ގަވައިދުން ޑިއުޓީއަށް ދާތީ. ޝޯން އާންމުކޮށް ނުނިދާނެ ފަތިސް ނަމާދު ކޮށްގެން އައިސް" މާޒިޔާއަށް ނުފެންނާނޭހެން ދިމާކުރުމުގެ ގޮތުން ޝާވިނަށް އެއްލޯ މަރައިލި އެވެ. އެއާއެކު ޝާވިން ދަތްކުނޑި ވިކައިލަމުން ދެފަރާތަށް ބޯ ހޫރައިލީ އިވާންގެ ކަންތައް މި ފެށުނީއޭ ހިތަށް އަރުވައިލަމުންނެވެ.
"މިގޭ ކުދިންގެ ގޮތް ދެން އެނގެއެއްނު. ހޭލެވުނު އިރަކުން ހޭލެވުނީ.. ކުރެވުނު ނަމާދެއް ކުރެވުނީ. އަދި އަޅާތަ؟" މާޒިޔާ އެންމެ ފުރަތަމަ މަސްހުނި އަޅައިދޭން ފެށީ ޝާވިންއަށެވެ.
"ނޫން ދެން އޯކޭ. ތެންކްޔޫ ދައްތާ. އަޅުގަނޑު އަމިއްލައަށްވެސް ތިކަން ކޮށްލީމުހޭ" ޝާވިން ބުނެލި އެވެ.
"ހޫން ދެން ދައްތަ ގާތަށް އައިމަ ދައްތަވެސް ޖެހޭނެ ދޯ މެހެމާންދާރީ އަދާކުރަން. ކޮބާތަ މަންމަމެން. ރަނގަޅުތަ؟ ސަލާން ބުނައްޗޭ" އިވާންގެ ކުރިމަތީގައި މަސްހުނި ތަށި ބަހައްޓައިލުމަށްފަހު މޭޒުގެ އަނެއް ފަރާތަށް ހިނގައިގަންނަމުން މާޒިޔާ ދެންވެސް ވާހަކަދެއްކީ ޝާވިންއާ އެވެ. ބަދަލުގައި ޝާވިން ބޯ ޖަހައިލިތަން ފެނި އޭނާއަށް ބޭއިޙްތިޔާރުގައި ހެވުނެވެ.
"ހެހެހެ. ހާދަ މަޑުންނޭ ދޯ މި ޝޯން މި އިންނަނީ. މަލަކް ކޮބާތޯވެސް ހަމަ ނާހަންތަ ތި އިންނަނީ؟" މިފަހަރު މާޒިޔާ ކުރި ސުވާލާއެކު ޝާވިންގެ އަނގަޔަށްލި ކާއެތިކޮޅުވެސް އަރުގައި ތާށިވި އެވެ. "މަލް.. މަލް ކޮބާތަ؟" އޭނާ ގަދަކަމުން ހިންދިރުވައިލަމުން އެއްސެވެ.
އިވާންގެ ގާތަށްވެސް ހިނި އައެވެ. އަވަސްއަވަހަށް ކައިރީގައިހުރި ކަޅުސައިތަށި ތުނބުގައި ޖަހައިލަމުން މޫނުމަތީގައިވި އަސަރުތައް ފޮރުވައިލި އެވެ.
"އަދި ނިދާފަ. އެހެންވެއޭ މިގަޑިއަށް މި ދައުވަތު ދިނީވެސް.. އަހަރުމެން ވާހަކައެއް ދައްކަންވެފަ އޮތީމަ. މި އައީނު މައިވެސް. އާދޭ ދަރިފުޅާ.. ދެން ފަށަންވީއޭ ހަމަ" މާޒިޔާގެ ނަޒަރު އިވާންމެން ހުރަސްކޮށް ދޮރުމަތީގައިހުރި މައިރާއަށް އަމާޒުވެލުމާއެކު އިވާންއަށާއި ޝާވިންއަށް ސިހިފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި ޝާވިންގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްލަމުން އިވާންއަށް ބުމަ އަރުވައިލީ “މިހާރު ހެނީ ކާކުހޭ؟” އަހައިލާފަދަ މޭރުމަކުންނެވެ.
"ދޮންބެދައްތާ؟ ޝޯން.. އި.. އިވާން؟" މައިރާ އަރައިގެންހުރި އުސްފައިވާން ފަޔާ ވަކިކޮށްލުމަށްފަހު ހައިރާންވެފައިހުރެ އެތެރެއަށް ވަނެވެ. "ކުޑާއްތަ ހާދަ މީހުން ގިނަ ކޮށްލައިގެން އުޅޭ ދުވަހެއް" ޝާވިންއާ ޖެހިގެންހުރި ގޮނޑީގައި ދަބަސް އަޅުވައިލަމުން އޭނާ ބުންޏެވެ. އޭނާގެ ފަސްފަހަތުން ނުސްރާވެސް އައިސް އެމީހުންގާތު ހުއްޓިލި އެވެ.
"ނަދާލްއަށާ ލީންއަށްވެސް ދައުވަތު ދޭން ގުޅިން. ފޯނު ނުނެގީމަ ގޮސް ދޮރުގަވެސް ޓަކި ޖެހިން.. ޖަވާބެއް ނުލިބުނު. ކިހިނެއް ވެގެންތަ އެ ދެކުދިންނަށް އުޅެނީ؟ އެހެންޏާ ދުވާލަކު އެއްފަހަރު މަލަކް ގާތަށްވެސް އަންނާނެ ނެޑް" މާޒިޔާ ދުރުދުރުން މައުޟޫއު ފެށި އެވެ.
"ނާންނާނެއެއްނު. އައިލީން މިގެއިން ނުކުމެގެން ހިނގައްޖެއޭ. ދޯ މައިރާ؟" ނުސްރާ ނިކަން ހަމަޖެހިލާފައި ކޮށްލި ސުވާލާއެކު މައިރާއަށް ސިހިފައި ނުސްރާއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. ނުސްރާ ވަގުތުން މައިރާގެ ދެލޮލާ ނަޒަރު ވަކިކޮށްލަމުން ދެން ބަލައިލީ އެތަނުގައި އިން އިވާންއަށެވެ. "އިވާން؟" އޭނާ އިވާންއަށްވެސް ގޮވައިލީ ހަމަ މައިރާއަށް ގޮވައިލި ރާގުގަ އެވެ.
އިވާންއަށް އިސްއުފުލާލައި މައިރާއަށް ބަލައިލެވުނުއިރު މައިރާވެސް އިނީ އިވާންއަށް ބަލަހައްޓައިގެނެވެ. ދެމީހުންގެ މޫނުމަތީގައި ވަނީ ސުވާލުތަކެވެ. ޝާވިންގެ މޫނުމަތީގައިވެސް މެއެވެ. ކަންތައްތައް މި ވަމުންދާ ގޮތެއް އެ ތިންމީހުންކުރެ އެކަކަށްވެސް ނޭނގެ އެވެ. ހަރަކާތެއް ކޮށްލަން ނޭނގިފައި ތިބެވުނުއިރު ޖަވާބުތަކުގެ އިންތިޒާރުގައި ތިބި ނުސްރާއާއި މާޒިޔާގެ ހަރަކާތްތަށްވެސް މަޑުޖެހިލައިފި އެވެ. އެ އެޕަރޓްމެންޓްގެ ތެރޭގައި ވަގުތުވެސް ހުއްޓިފައިވާފަދަ އެވެ.
"ލަ.. އެހެމް.. ލައްބަ. އައިލީން މިހާރު ހުރީ އަޅުގަނޑު މަންމަގާތު" މަންޒަރު ހިނގުމަކަށް ގެނައީ އިވާން އެވެ. ލިބުނު ސިހުމުން އަރައިގަނެ މައިރާއާ ނަޒަރު ވަކިކޮށްލި އެވެ.
"އަހަރެން އުޅެފީމޭ އެމަންޖެއަށް ނުގުޅިގެން. އަނެއްކާ ކޮން ކަމަކުބާ ނުކުމެގެން އެ ދިޔައީ؟" ނުސްރާ އަހައިލި އެވެ.
"ނޭނގެ ދޮންބެ ދައްތާ.. ވެދާނެއެއްނު ނެޑްއާ މައްސަލައެއް ޖެހުނީ ކަމަށްވެސް" މައިރާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔަ އެވެ.
"ޕިސް.. މަށަށް އެނގޭނީ މަގޭ ދަރިއަށްވެފަ ހުރިވަރު. އައިލީން ނުރުހޭ ގޮތަކަށް ނަދާލް ފިޔަވަޅެއްވެސް ނާޅާނެ. ކުރިކަމެއް ކުރީ އައިލީން.. ބުނެބަލަ. އައިލީން ކީއް ކުރީ؟" ނުސްރާ ސުވާލުކުރި އެވެ.
"ދޮންބެދައްތާ! ތިހެން ނުވިސްނަބަލަ! އައިލީން އެއްވެސް ކަމެއް ނުކުރެއޭ" މައިރާއަށް ބުނެވުނެވެ. އެކަމުގައި ނުސްރާވެސް އަދި މާޒިޔާވެސް އައިލީން ގޯސްކުރުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ.
"އިވާން ބުނެބަލަ. އަހަރެންނަށް އައިލީންއާ ބައްދަލު ކޮށްދެވިދާނެތަ؟" މިފަހަރު ނުސްރާގެ ސުވާލު އަމާޒުކޮށްލީ ސީދާ އިވާންއަށެވެ.
"އަޅުގަނޑު.. އަޅުގަނޑަށް ލީންގާތު އަހާލާފަ… ތިކަން ކޮށްލަދެވޭތޯ ބެލިދާނެ" އިވާން ވިސްނައިލުމަށްފަހު ބުންޏެވެ. އޭނާއަށް އިތުބާރު ނެތްކަމެއްގައި އެހެން މީހަކަށް ޔަގީންކަމެއް ދޭން ބޭނުން ނުވީ އެވެ.
"އިވާން.." ލިބުނު ޖަވާބުން މާޔޫސްވެގެންދިޔަ ނުސްރާ ކުރިއަށް ޖެހިލައި އިވާންގެ ކޮނޑުގައި އަތް އަޅައިލި އެވެ. ނަދާލްގެ ހިތްދަތި ރުއިމުގެ އަޑު އޭނާގެ ކަންފަތަށް އަދިވެސް އިވެމުންދާ ކަހަލަ އެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެ ހިތާމައިގެ ފަހަތުގައި ފޮރުވިފައިވާ ހަގީގީ ސަބަބު އޮޅުންފިލުވަން އޭނާ ބޭނުންވި އެވެ. "އަހަރެންގެ ބަނޑު އަޅައި ނުވިހިޔަކަސް ނަދާލްއަކީ ހަމަ އަހަރެންގެ ދަރިއެއް. އަހަރެންނަށް އެނގޭ ނަދާލް އައިލީންދެކެ ލޯބިވާވަރު. ދައްތައަކަށް ނޭނގެ އިވާންއާ މައިރާއާ ދެކުދިން ޖެހިގެން ތި އުޅެނީ ކޮން މައްސަލައެއް ކަމެއް. ދައްތަ އެކަން އަހައި އޮޅުން ފިލުވާކަށްވެސް ބޭނުމެއް ނޫން. އެކަމަކު ތި ދެކުދިންގެ ދޭތެރޭގަ ޖެހުނު މައްސަލައެއްގެ ސަބަބުން އެހެން ބައެއްގެ އުފަލަށް ހުރަސް އެޅުމަކީ އިންސާފެއްކަމަށް ދައްތައަކަށްވެސް ނުފެނޭ. ދައްތަގެ ހުރި ހަމައެކަނި ފިރިހެން ދަރި އެގޮތަށް ހިތާމަ ކުރާތަން ދެކެން ދައްތައަކަށް ފަސޭހައެއް ނޫން"
ނުސްރާގެ ވާހަކަ ނިމުނުއިރު އިވާންއާއި މައިރާގެ އިތުރުން ޝާވިންވެސް ތިބީ ބަސްހުއްޓިފަ އެވެ. އެ ތިން މީހުންގެ މެދުގައި ނަޒަރުތަކެއް ބަދަލު ކުރެވެމުން ދިޔައި "މި ވަނީ ކީއްހޭ؟" އެކަކު އަނެކަކާ ސުވާލުކުރާފަދަ މޭރުމަކުންނެވެ. ނުސްރާއަށް އެނގިގެން މި އުޅެނީ ހަގީގަތުގެ ކިހާ މިންވަރެއް ކަމެއް އެމީހުންނަކަށް ނޭނގުނެވެ.
"ދޮންބެދައްތައަށް ކިހިނެއް އެނގުނީ އިވާންއާއި އަހަރެން؟" މައިރާ ހިތްވަރުކޮށްފައި އަހައިލި އެވެ.
"ދޮންބެދައްތައަކަށް ނޫން އެނގުނީ.. އަހަރެންނަށް" ޖަވާބު ދިނީ މާޒިޔާ އެވެ. "މައިރާ އުޅެނީ އިވާންއާ ރައްޓެހިވެގެން ނޫންތަ؟"
މާޒިޔާގެ ސުވާލާއެކު މައިރާއާއި އިވާން އެކަކު އަނެކަކަށް ބަލައިލި އެވެ. އެއީ ހަގީގަތަކަށްވާން އެ ދެމީހުންވެސް އެދޭވަރު އެ ލޯތަކުން ހާމަވާން ހުއްޓެވެ. ނަމަވެސް ދެމީހުންނަށްވެސް ޖެހުނީ ހިތާ ދެކޮޅަށް ބޯ ހޫރައިލާށެވެ.
"އޯހް.. އެހެންވިއްޔާ ކުޑާއްތައަށް އޮޅުނީތަ؟ މައިރާ ލޯތްބެއް ނުވޭތަ އިވާންދެކެ؟ އަނެއްކާވެސް އިވާންއާ ރުޅިވީތަ؟"
މާޒިޔާގެ ސުވާލުތައް ހުރިގޮތުން މައިރާގެ ހިތަށް ވާންވެލި އެވެ. އޭނާ އިވާންދެކެވާ ލޯބި އެމީހުންނަށް އަންދާޒާވެސް ނުކުރެވޭނެ އެވެ. ނަމަވެސް މިއީ އެކަމާ ވަކާލާތު ކުރުމަށް އެންމެ މުނާސަބު ވަގުތާއި ހާލަތް ނޫންކަމުން މައިރާ އެ ވަގުތައް މުހިއްމު ސުވާލުތަކަށް ސަމާލުކަން ދިނެވެ.
"ކުޑާއްތައަށް އެނގުނީ ކިހިނެއް؟ މަލް.. މަލް އެއްޗެކޭ ބުނީތަ؟" މައިރާ އަހައިލި އެވެ.
"މަލް ބުނާނެތަ؟ އަހަރެންނަށް ހުރިހާ އެއްޗެއްވެސް ކިޔައިދިނީ އާޝިޔާ. އަހަރެންނަށް އެނގެޔޭ އިވާން ކުރިން އުޅުނީ ފުލުހުގަކަން. އަދި އެތަނުން ކަނޑާލި ސަބަބުވެސް. އިވާންއަށް މީހެއްގެ އިތުބާރު އެންމެ ބޭނުންވި ދުވަހު މައިރާ އިވާން ދޫކޮށްލީމަ އެކަމާ ދެރަވެ ހިތްހަމަ ނުޖެހޭނެކަންވެސް އެނގޭ. އަހަރެން ހީކުރީ މިފަހުންވެސް ތި ދެކުދިން އަނެއްކާ ގުޅުނީ ކަމަށް" މާޒިޔާ ސާފުކޮށްދިނެވެ.
"މައިރާ އިވާން އިޚްތިޔާރު ނުކުރުމުގެ މާނައެއް ނޫންދޯ ނަދާލް މައިރާގެ ކޮއްކޮއަކަށްވީތީ ނަދާލްގެ ފަރާތުން އެ ބަދަލު ހިފަން ޖެހޭނެއޭ. އެ ދެކުދިންގެ ކައިވެނި މިހާ ކައިރިވެފަ އޮއްވާ އިވާން ކީއްވެ އައިލީން އޭނައާ ތި ދުރުކުރުވީ؟" މާޒިޔާ އިވާންއަށްކުރީ ޙުދު އޭނާގެ ޟަމީރުވެސް ގަބޫލުކުރާ ތުހުމަތެއް ނޫނެވެ. އިވާންއަކީ އެވަރު ކަމެއް ކުރާނެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހެނަސް މި ކަންތަކުގެ އެންމެ ފުނަށް ފީނެން އޮތީ އިވާންދެކެ އެންމެ ލޯބިވާ ދެމީހުން ކަމަށްވާ އިވާންގެ ލޯބިވެރިޔާއާއި އެންމެ ގާތް ރަޙްމަތްތެރިޔާގެ ކުރިމަތީގައި އިވާންއަށް މި ތުހުމަތުތައް ކޮށްގެނެވެ. އިވާން އަމިއްލަ ދިފާޢުގައި ވާހަކަ ނުދައްކައިފިނަމަ، އިވާން އެ ތުޙުމަތުތަކުން ބަރީޢަ ކޮށްދިނުމަށްޓަކައި އެއިން މީހެއްގެ ދުލުން ހަގީގަތް ހާމަ ކޮށްދީގެންނެވެ.
"ކުޑާއްތާ. ތިއީ ކޮން އަސްލެއް ނެތް ވާހަކަތަކެއް؟ ލީން ނެޑްއާ ދުރުކުރުވީކީ އިވާންއެއް ނޫނޭ!" މާޒިޔާ އުއްމީދުކުރި ފަދައިން އެންމެ ފުރަތަމަވެސް އިވާންގެ ދިފާޢުގައި ވާހަކަދެއްކީ މައިރާ އެވެ.
"ޝާވިންވެސް އެކުވެރިޔާގެ ބަހަށް މަލަކްދެކެ ލޯބިވާކަމަށް ހެދިގެން އުޅެފަ އެންމެ ފަހު ވަގުތު ހަދާނީ ހަމަ އެހެންތަ؟" މައިރާގެ ވާހަކަ އަޑު ނީވޭ ކަމަށް ހެދެމުން މިފަހަރު މާޒިޔާ ދިމާކޮށްލީ ޝާވިންއާ އެވެ. ޝާވިންއަށް ދިފާޢުގައި ވާހަކަދައްކަން މަޖުބޫރުވާނޭފަދަ މައުޟޫއަކާ އެކީގަ އެވެ. މަލަކް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ. "ބުނަން ދައްތައަކީ ތިކުދިން ހީކުރާވަރުގެ މޮޔައެއް ނޫން. އާޝިޔާއާ އަހަރެން ކިތަންމެ ގާތަސް ޝާވިން މަލަކްއަށް އެކަހަލަ ގެއްލުމެއް ދޭތަން ބަލާކަށް އަހަރެން ނުހުންނާނަން"
މާޒިޔާގެ ކޮންމެ ބަހެއް ކުރިން ބުނެވިދާ ބަހަށްވުރެ ނުރައްކާވެފައި ހަރުކަށްޓެވެ. އޭނާ ހަމަ ހަގީގަތުގައިވެސް މިކަމަށް ކުޅަދާނައީ އެވެ. ކައިރީގައިހުރި ނުސްރާވެސް ހުރީ އަންތަރީސްވެފަ އެވެ. އެތަނުގައި އިން އިވާންއަށް ނުސްރާ ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އިވާންއަށް އެ ވަނީ އަމިއްލަ ދިރިއުޅުމާ އެކުވެރިޔާގެ ދިރިއުޅުމާ ދެމެދުގައި އިޙްތިޔާރެއް ކުރަން ޖެހިފަ އެވެ.
ނުސްރާއަށް ނޭނގުނީ އެކުވެރިޔާގެ ދިރިއުޅުން ސަލާމަތް ކުރުމަށްޓަކައި އިވާން ހާމަ ކުރަން ޖެހެނީ ހަމައެކަނި އޭނާއާ ގުޅިފައިވާ ސިއްރެއް ނޫންކަމެވެ. އެކަން އެގޮތަށް އޮތްނަމަ އޭނާ ދެވަނަ ވިސްނުމަކާނުލައި ޝާވިންގެ ދިރިއުޅުން ސަލާމަތް ކުރުމަށްޓަކައި އެ ސިއްރު ބޭޒާރު ކޮށްލީހެވެ. އޭނާއަށް އެކަމުގައި އޮތް ހަމައެކަނި ހުރަހަކީ މައިރާ އެވެ. މައިރާގެ އާއިލާގެ ކުރިމަތީގައި މައިރާގެ އަނދިރި ފަރާތް ހާމަކުރަން އޭނާ ބޭނުން ނުވަނީ އެވެ. އެ އާއިލާއިން މައިރާއަށް ދޭ ލޯތްބާއި އިޙްތިރާމަށް ކުޑަވެސް އުނިކަމެއް ލިބޭން އޭނާ ބޭނުން ނުވަނީ އެވެ. ވުމާއެކު މިތަނުގައި އޭނާއަށް އޮތް ހަގީގީ އިހްތިޔާރަކީ މައިރާއާއި ޝާވިންގެ ދެމެދުގައި ކުރެވޭ އިހްތިޔާރެވެ. އެއީ އޭނާއަކަށް ކުރެވޭނެ އިހްތިޔާރެއް ނޫނެވެ. ނަމަވެސް ޝާވިންގެ އަމިއްލަ ނަމާއި ލޯތްބަށްޓަކައި ޝާވިން އެތަނުގައި އެ ސިއްރު ބޭޒާރުކޮށްލަން ނިންމައިފިނަމަ އޭނާ އެކަމުގައި ޝާވިން ކުށްވެރިއެއް ނުކުރާނެ އެވެ.
ޝާވިން އިނީ އިސްޖަހާލައިގެނެވެ. އިވާންއަށް އޭނާއާއި މައިރާއާއި ދެމެދުގައި އިހްތިޔާރެއް ނުކުރެވޭ ފަދައިން އޭނާއަށްވެސް މަލަކްއާއި އިވާންގެ ދެމެދުގައި އިހްތިޔާރެއް ކުރުމަކީ ވާނޭކަމެއް ނޫނެވެ. އެ ހާލަތުގެ ބޮޑު މަންޒަރު ސާފުކޮށް ފެންނަމުންދިޔަ ތިންވަނަ މީހަކީ މައިރާ އެވެ. އިވާންއާއި ޝާވިންގެ ރަހްމަތްތެރިކަންވެސް އެންމެ ގާތުން ދުށް އެކަކީ އޭނާ އެވެ. ވީއިރު އޭނާގެ އާއިލާގެ ސަބަބުން އެ ރަހްމަތްތެރިކަމަށް ބުރޫއަރާކަށް އޭނާ ބޭނުމެއްނުވި އެވެ.
"ކުޑާއްތާ. އަހަރެން ބުނެފީމެއްނު އިވާންއަކާ މިކަމަކާ ގުޅުމެއް ނެތޭ!" މައިރާއަށް ހިތްހަމަނުޖެހިފައި އިނދެ ބުނެވުނެވެ.
"ދެން އެހެން އިތުރު ކޮން ސަބަބެއް؟ އެ ދެކުދިންވެސް އެކަކު އަނެކަކުދެކެ އެހާ ލޯބިވޭ. މީގެ ކުރިން ނެޑް އެހެން މީހަކާ ކައިވެނިކުރަން ތައްޔާރުވަމުން ދިޔައިރުވެސް އައިލީން ނަދާލް ދޫކޮށެއް ނުލާ. އެވަރު ކުއްޖަކު ހަމަ ކުއްލިއަކަށް ނަދާލް ދޫކޮށްލާފަ ދާނީ ކޮންމެވެސް މަޖުބޫރީއެއް އޮވެގެން. އިވާން ލީންގާތު ބުނީތަ އެގޮތަ-"
"ކުޑާއްތާ ހުއްޓާލާ! މިބުނީނު ހުއްޓާލާށޭ ހަމަ މިހާރު!" މައިރާއަށް އިން ގޮނޑިން ތެދުވެ ހަޅޭއްލަވައިގަނެވުނެވެ. އޭރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފަ އެވެ. މުށްކަވާލައިގެންހުރި ދެއަތް ބިއްލޫރި މޭޒުގައި ވިއްދައިލި ގޮތުން މޭޒަށްވެސް ލޮޅުމެއް އަރައިގެންދިޔަ އެވެ. އިސާހިތަކު އެތަނުގައިތިބި އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.
"ކުޑާއްތަވެސް.. ދޮންބެދައްތަވެސް.. އިވާންއާ ދޭތެރޭ ތި ދެކެނީ މުޅިން ގޯސްކޮށް! އިވާންއަކީ.. އިވާންއަކީ ދުވަހަކުވެސް ބައެއްގެ ކިބައިން ބަދަލު ހިފާނޭ މީހެއް ނޫން" މައިރާގެ އަޑަށް ހިތާމައިގެ އަސަރު ވެރިވި އެވެ. މޭޒުގައި ވިއްދާލެވިފައިވާ ދެއަތަށް ލުޔެއް ދެވުނެވެ.
"އަހަރެންނަށް އިވާންއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރެވިފަ އޮތަސް.. ނެޑްގެ.. އަދި މަލްގެ އުފާވެރިކަމަށް ހުރަސް އަޅާކަށް އިވާންވެސް އަދި ޝޯންވެސް ދުވަހަކުވެސް މަސައްކަތެއް ނުކުރާނެ. އެހެންވީމަ އިވާންގެ ބޮލުގަ ނުކުރާ ކަމެއްގެ އިލްޒާމެއް އެޅުވޭތަން ބަލާކަށް އަހަރެން ދެނެއް ނުހުންނާނަން. މިހާރު އެއްފަހަރު އަހަރެންނަށް އެކަން ކުރެވިއްޖެ-
"މައިރާ" މައިރާގެ ވާހަކައިގެ މިސްރާބު ބަދަލުވާންފެށި ދިމާ އެނގުމާއެކު އިވާންއަށް ތެޅިގަނެވުނެވެ. އޭނާއަށް ހަމަޖެހެން މަޖުބޫރުވީ ކައިރީގައި އިން ޝާވިން އޭނާގެ ކޮނޑުގައި ހިފަހައްޓައިލުމުންނެވެ.
"އިވާންގެ ބޮލުގަ ދޮގު އިލްޒާމެއް އަޅުވައިގެން-"
"މައިރާ އިނަފް.." އިވާންގެ އަޑަށް ބާރުލައި ގޮވައިލި އެވެ. އެހެނަސް މައިރާގެ ސިކުނޑީގައި އެހިސާބުން ވާހަކަ މެދުކަނޑައިލުމުގެ ހިޔާލެއް ނެތް ކަހަލަ އެވެ.
"-އޭނަގެ ދިރިއުޅުން ހަލާކު ކޮށްލި މީހަކީ އަހަރެން"
މައިރާގެ ޖުމްލަ ފުރިހަމަކޮށްލުމާއެކު އިވާންއަށް ދެލޯ މަރައިލަމުން ނިތްކުރިއާ ނޭފަތް ގުޅޭ ހިސާބުގައި ހިފަހައްޓައިލެވުނެވެ. ދެން އެއަށްފަހު އެތަނުގައި ދެކެވިގެންދިޔަ ހުރިހާ ވާހަކައެއް އަޑު އަހަން އޭނާއަށް އިނދެވުނީ މައިރާ އެ ކުރި ކަންތަކާމެދު ހިތާހިތުން ކުދި ކިޔައިލަކިޔައިލަ އެވެ.
"ކީކޭ؟ މައި.. މައިރާއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟" އިވުނީ ނުސްރާގެ އަޑެވެ
"ކުޑާއްތަމެން ހަނދާންވާނެ ކާފަ ނިޔާވި ހަފްތާގަ އަހަރެން ނެޑްއާއެކު ރަށަކަށް ދިޔަ ހަނދާން.. އަހަރުމެން އެ ރަށަށް ދިޔައީ…" މައިރާ ޖެހިލުންވެފައިހުރެ އެ ދަތުރު ރޭވިގެންދިޔަ ގޮތާއި، ދަތުރުގައި ހިނގައިދިޔަ ހުރިހާ ކަމެއްހެން ނުސްރާއަށާއި މާޒިޔާއަށް ކިޔައިދިނެވެ. އޭގެ ތެރެއިން އޭނާއަށާއި އިވާންއަށް ހާއްސަވެފައިވާ ހަނދާންތައް ފިޔަވަ އެވެ. އޭނާގެ ދުލުން ވެވޭ ކޮންމެ އިއުތިރާފަކާއެކު އެ އަޑުގައިވާ ހިތާމައާއި ރިހުން އިތުރުވެ އެވެ. ދެތިން ފަހަރަކު އަރުބެދި ވާހަކަ މެދުކަނޑައިލި ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ފުން ނޭވާއެއްލާފައި ވާހަކަ ކުރިއަށް ގެންދެ އެވެ.
"އަހަރުމެން ހީކުރީ އެއީ މަލްއަށް އިންސާފު ލިބެން އޮތް ހަމައެކަނި ގޮތް ކަމަށް. އޭރު ހަމަ ހަގީގަތުގަވެސް ނޭނގޭ-"
މައިރާގެ ފަހު ޖުމްލަ މެދުކެނޑުނީ ކުއްލިއަކަށް ނުސްރާ ކުރިއަށް ޖެހިލައި މައިރާގެ ކަންކަށިމަތީގައި އެތިފަހަރެއް ވީއްލައިލުމުންނެވެ. މީގެ ކުރިން ކިތަންމެ ފަހަރަކު ޒީނިޔާގެ ފުށުން މިފަދަ އަނިޔާ ލިބިފައި ވިޔަސް މިއީ އުމުރުގައިވެސް ނުސްރާ އޭނާގެ މައްޗަށް އަތް އިސްކުރި ފުރަތަމަ ފަހަރެވެ. އިވާންއަށްވެސް ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެވެން އުޅުނެވެ. މައިރާގެ ކޯތާފަތުން ނަގައިގަތް ދިލަ އޭނާގެ ހިތަށްވެސް އިހުސާސްވީ ކަހަލަ އެވެ. ނަމަވެސް މިފަހަރުވެސް ޝާވިން ހުށިޔާރުކަމާއެކު އިވާންގެ ކޮނޑުގައި ހިފައި ހަމަޖެހެން މަޖުބޫރުކުރި އެވެ.
“ކަލޭމެން މޮޔަވީތަ؟ ކޮންފަދަ ނުބައި ކަމެއް ދެމީހުން ތި ކުރީ؟ މިއަދު މައިރާއާއި ނަދާލްވެސް ތި ސާބިތު ކޮށްދިނީ އަހަރެން ގެންގުޅެ ބޮޑުކުރިޔަސް ތި ދެމީހުންނަކީ އަހަރެންގެ ލޭ ނޫންކަން. ސާބިތު ހެއްކަކާނުލައި އިންސާނަކަށް އެހެން ހަދާލިއިރު މި ނޫން ދުނިޔެއެއް އޮތްކަންވެސް ހަނދާނެއް ނެތް ދޯ؟ މުއްސަނދިކަމާއި ބާރުގެ ބޭނުން ކޮށްގެން އެދުވަހަކުން ކަލޭމެން ދެމީހުން ކުރާނީ ކޮން ކަމެއް؟ އިވާންގެ ހިތް ހަލާސް ނުލިބެނީސް ކަލޭމެން އެކަކަށްވެސް ސަލާމަތެއް ނެތް. އެކަމަކު އެފަކީރަށް އެކަން ކުރެވޭނީ ކިހިނެތް؟ އަހަރެން ނަމަވެސް…”
ނުސްރާގެ ވާހަކަ އިތުރަށް ކުރިއަކަށް ނުގެންދިޔަ އެވެ. މައިރާ އަވަސް ހަރަކާތަކާއެކު އޭނާގެ ދެލޮލުން ފައިބައިގަތް ކަރުނަތައް ފޮހެލީ އޭނާއަށް އެކަމުގައި އެންމެ ކަރުނައެއްގެ މިންވަރުވެސް ނެތްކަން ގަބޫލު ކުރަމުންނެވެ. މިއީ އޭނާ އަމިއްލައަށް ހޯދައިގަތް ހަލާކެކެވެ.
"ސުބްހާނައްﷲ" ހިމޭންކަމުގެ ސުކޫތަކަށްފަހު ދެން އެއްޗެކޭ ބުނީ އެތަނުގައި ބަސްހުއްޓިފައިހުރި މާޒިޔާ އެވެ. "އަހަރެން ހިއެއްވެސް ނުކުރަން ކަލޭމެން ދެކުދިން ތިވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް. ތިއީ މި އާއިލާގަވެސް ތިބި އެންމެ ވިސްނޭ ދެކުދިންނެއް ނޫންތަ؟ މައިޝާން ނޫނަކަސް މައިރާއާއި ނަދާލްވެސް ތި ކުރީކީ ވަކި ރަނގަޅުކަމެއް ނޫން. ކުންފުނީގެ ނަން ބޭނުންކޮށްގެން! މަލަކްގެ ނަން ބޭނުންކޮށްގެން! ތިއީ މަލަކްއަށްޓަކައި ކުރި ކަމެކޭ ކަލޭމެން އެކަކުވެސް ހީނުކުރައްޗޭ! މަލަކްއަށް މިކަން އެނގުނިއްޔާ ދުވަހަކުވެސް މައިރާއަކަށް މަޢާފެ-”
"ދައްތާ އަޅުގަ-"
"އިވާން މަޑުން ހުރޭ" އިވާންއާ ދިމާލަށް އަތް ހޫރައިލަމުން މާޒިޔާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އަހަރެން.. އަހަރެންނަކަށް މިކަން ދޫކޮށެއް ނުލެވޭނެ. މައިރާ ހީކުރީތަ ކުށެއް ނެތް މީހެއްގެ ދިރިއުޅުން ހަލާކު ކޮށްލާފަ މައިރާއަށް ތިހެން އުޅެވިދާނެކަމަށް؟ ނޫން.. ކަލޭމެން ދެމީހުންނަކީ މިއަދު މައިޝާންއަށްވުރެވެސް ބޮޑު ދެ ކުށްވެރިން. އަހަރުމެންގެ.. އަހަރުމެންގެ ބައްޕަގެ އަމާނާތް ދުރުބައެއްގެ އަތްމައްޗަށް ދޫކޮށްލަން ޖެހުނަސް ދެން އެތާކުން ކުށްވެރިންނަށް ދޭނެ ޖާގައެއް ނޯންނާނެ. މައިރާގެ ރެޒިގްނޭޝަން ތައްޔާރު ކުރޭ.. އަހަރެން ބޭބެމެންގާތު މިވާހަކަ ދައްކާނަން"
މާޒިޔާގެ ވާހަކަ ނިމެންދެން އިސްޖަހާލައިގެންހުރި މައިރާ މަޑުމަޑުން ބޯ ޖަހައިލި އެވެ. އިސްއުފުލައިލާނެހާވެސް ހިތްވަރެއް ނެތުމުން އޭނާ ގޮނޑީގައި އަޅުވާފައި އޮތް ދަބަސް ހިފައިގެން އެޕަރޓްމެންޓުން ނުކުތުމަށް ދުއްވައިގަތެވެ. އެއާއެކު އިވާންއަށްވެސް ކޮނޑުގައި އޮތް ޝާވިންގެ އަތް ދުރަށް ފޮޅައިލުމަށްފަހު ގޮނޑިން ތެދުވެވުނެވެ.
"މައިރާ!" އިވާންގެ އަޑަށް މައިރާ ދިނީ ބީރު ކަންފަތެކެވެ. އޭނާ "އެކްސްކިއުޒް" އޭ ބުނެލައި މާޒިޔާއާއި ނުސްރާގާތުން އިޒުނަ ހޯދައިލަމުން ކުޑަކޮށް ދުވެލާފައިގޮސް އެޕަރޓްމެންޓުން ނުކުތެވެ
- ނުނިމޭ -



