އެއް ފަހަރާ ދެ އެވޯޑް ކާމިޔާބުކޮށް ވޭލްސްގެ އެކްޓަރު މެތިއު ރީސް ތާރީހުން ޖާގަ ހޯދައިފި

Sep 15, 2026, 12:06 PM
މެތިއު ރީސް

މެތިއު ރީސް

ވޭލްސްގެ އެކްޓަރު މެތިއު ރީސް، އެއް ރެއެއްގެ ތެރޭގައި އެންމެ މޮޅު އެކްޓަރުގެ ދެ އެވޯޑު ކާމިޔާބުކުރި ފުރަތަމަ ފަންނާނުގެ ޝަރަފާއެކު އެމީ އެވޯޑްސްގެ ތާރީޚުން ޖާގަ ހޯދައިފި އެވެ.

އެމެރިކާގެ އެންމެ ޝަރަފުވެރި ޓީވީ އެވޯޑް ހަފުލާގައި ރީސްއަށް މި ކާމިޔާބީ ލިބުނީ، ސުޕަނެޗުރަލް ކޮމެޑީ ސީރީޒް "ވިޑޯސް ބޭ" އާއި ސައިކޮލޮޖިކަލް ތުރިލާ "ދަ ބީސްޓް އިން މީ" ގައި އޭނާ ދައްކުވައިދިން މޮޅު ހުނަރަށެވެ.

އެވޯޑާ ހަވާލުވުމަށްފަހު ސްޓޭޖުގައި ވާހަކަދައްކަމުން ރީސް ވަނީ އޭނާގެ ދެވަނަ އެވޯޑު ވޭލްސްގެ ރައްޔިތުންނަށް ހަދިޔާކޮށް ފައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ކުރިއެރުމުގައި އެ ގައުމުގެ ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑެވެ.

"އަހަރެމެންނަކީ ކުޑަ ނަމަވެސް ވަރުގަދަ ގައުމެއް. މިއީ ގަބޫލުކުރަންވެސް ދަތި އުފާވެރި ވަގުތެއް،" ވޭލްސް ބަހުން "ވަރަށް ބޮޑަށް ޝުކުރިއްޔާ" އޭ ބުނަމުން ރީސް ބުންޏެވެ.

އެމެރިކާގެ ޓީވީ ދާއިރާގެ އެންމެ ބޮޑު އެވޯޑު ކާމިޔާބުކުރި އެހެން ފަންނާނުންގެ ތެރޭގައި ޖީން ސްމާޓް، އެލިސަން ޖެނީ އަދި ސްޓީވަން ކޯލްބާޓް ހިމެނެ އެވެ. މީގެ އިތުރުން، މި ހަފުލާގައި ޑޮލީ ޕާޓަންއަށް ޚާއްސަ އިހުތިރާމެއް އަދާކޮށްފައިވާއިރު، މައިކަލް ޖޭ ފޮކްސްއަށް ވަނީ އިންސާނީ ޚިދުމަތުގެ ޚާއްސަ އެވޯޑެއް އަރުވާފަ އެވެ.

ރީސްއަށް ފުރަތަމަ ލިބުނީ "ދަ ބީސްޓް އިން މީ" އިން ލިމިޓެޑް ސީރީޒް ކެޓަގަރީގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑެވެ. އޭގެ ފަހުން އޭނާ ވަނީ "ވިޑޯސް ބޭ" އިން ކޮމެޑީ ސީރީޒްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ކާމިޔާބުކޮށްފަ އެވެ.

މީގެ ކުރިން އެލަން އެލްޑާ، ސެލީ ފީލްޑް، ޖޯން ގުޑްމަން، އެލިޒަބަތު މޮސް އަދި ޓެޑް ޑެންސަން ފަދަ މަދު އެކްޓަރުންތަކެއް އެއް އަހަރެއްގައި ދެ ކެޓަގަރީއަކުން އެންމެ މޮޅު އެކްޓަރުގެ ނޮމިނޭޝަން ހޯދާފައިވީ ނަމަވެސް، އެއް ރެއެއްގެ ތެރޭގައި މި ދެ އެވޯޑު ކާމިޔާބުކުރި ފުރަތަމަ އެކްޓަރަކީ ރީސް އެވެ.

ބެކްސްޓޭޖުގައި ވާހަކަދައްކަމުން އޭނާ ބުނީ، އޭނާއަކީ ކުޑަ ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށާއި، ދުނިޔޭގެ ޗާޓުގައި އެ ގައުމުގެ ދިދަ ޖަހާލައި، އެ ގައުމުގެ ގާބިލުކަން ދައްކާލަން ލިބޭ މިފަދަ ފުރުސަތުތަކާ މެދު އުފާކުރާ ކަމަށެވެ.

"ދަ ބީސްޓް އިން މީ" އަކީ ހިތާމަވެރި ހާދިސާއެއް ތަހައްމަލުކުރާ ލިޔުންތެރިއަކު، މީހަކު މަރާލި ކަމަށް ތުހުމަތުކުރެވޭ އާ އަވަށްޓެރިއެއްގެ ފަހަތުން އުޅޭ ގޮތް ދައްކުވައިދޭ ސީރީޒެކެވެ.

މި އެވޯޑު ލިބުމަކީ ބޮޑު ސިހުމެއް ކަމަށް ބުނަމުން ރީސް ވަނީ، އެ ސީރީޒްގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ދިނީތީ ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާއާއެކު މަސައްކަތްކުރި ފަންނާނުންގެ ހުނަރުވެރިކަންވެސް އޭނާ ފާހަގަކުރި އެވެ.

އޭގެ ފަހުން، "ވިޑޯސް ބޭ" ގައި މޭޔަރުގެ ރޯލުން ކޮމެޑީ އެކްޓަރުގެ އެވޯޑާ ހަވާލުވަމުން ރީސް ވަނީ އޭނާގެ އާއިލާއާއި ރަހުމަތްތެރިންނާއި މަސައްކަތުގެ ބައިވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ. ޚާއްސަކޮށް، ވަރަށް ކުޑައިރު އޭނާ އެކްޓިންގެ ދާއިރާއަށް ނެރެދިން އޭނާގެ މައިންބަފައިންގެ ނަން އޭނާ ފާހަގަކުރި އެވެ.

"ވިޑޯސް ބޭ" ގައި ރީސްއާއެކު މަސައްކަތްކުރި ކޭޓް އޯފްލިންވެސް ވަނީ މި ހަފުލާގައި ކާމިޔާބީ ހޯދާފަ އެވެ. ޚިޔާލީ ރަށެއްގެ ވާހަކަ ކިޔައިދޭ މި ސީރީޒްގައި ޕެޓްރީޝިއާގެ ރޯލު ކުޅެގެން އޭނާ ވަނީ ކޮމެޑީ ސީރީޒްގެ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ހޯދާފަ އެވެ.

އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑު ހޯދީ "ދަ ޕިޓް" އެވެ.

އަދި އެ ސީރީޒްގެ ބަތަލު ނޯއާ ވައިލީ ވަނީ ޖެހިޖެހިގެން ދެވަނަ އަހަރު ޑްރާމާ ސީރީޒްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ކާމިޔާބުކޮށްފަ އެވެ.

އެހެން އެވޯޑްތަކަށް ބަލާއިރު، ސްކޮޓްލޭންޑްގެ ޓީވީ ޕްރެޒެންޓަރު އެލަން ކަމިން ވަނީ "ދަ ޓްރެއިޓާސް" ގެ އެމެރިކާ އެޑިޝަނަށް އެންމެ މޮޅު ރިއަލިޓީ ޝޯގެ އެވޯޑާ ހަވާލުވެފަ އެވެ. 

މެއި މަހު "ދަ ލޭޓް ޝޯ" ގެ ފަހު އެޕިސޯޑް ހުށަހަޅައިދިން ސްޓީވަން ކޯލްބާޓް ވަނީ އެންމެ މޮޅު ވެރައިޓީ ސީރީޒްގެ އެވޯޑް ހާސިލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ހަންގަނޑުގެ ޒުވާންކަން ދަމަހައްޓަން ކެއުމުގައި ހިމަނަންވީ ތަކެތި

ހަންގަނޑު މުސްކުޅިވުމުން ރައްކާތެރިކޮށްދީ ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ، ގަސްގަހާގެހިން ލިބޭ ކާނާއާއި ފައިދާހުރި ސަރުބީ އަދި ފާމެންޓް ކޮށްފައިވާ ތަކެތި ކެއުމުގައި ހިމެނުން މުހިންމެވެ. ތިމާވެށީގެ ނުސާފުކަމާއި އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ކޮލަޖަން އިތުރުކޮށްދޭ ފަދަ ސިއްހީ ގޮތުން ފައިދާހުރި ކާނާ ބޭނުންކުރުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް ބޭނުންތެރި ކަމެކެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މަލަކް އާއި ޝާވިންގެ ލޯބީގެ ގުޅުން ސިއްރު ކުރުމުގެ ބަދަލުގައި، އެކަން މަލަކްގެ ބައްޕައަށް އެންގުމަށްޓަކައި އެމީހުން ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ޝާވިންގެ ވަޒީފާއާއި އާއިލީ މައުލޫމާތު އޮޅުންފިލުވުމުގެ ތެރެއިން، އޭނާއަކީ ރަށު ކައުންސިލްގައި މަސައްކަތްކުރާ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހެއްކަން ހާމަވިއެވެ.

Newsletter

Get the latest news delivered straight to your inbox