އީރާނުގެ މަދަދުލިބޭ ޔަމަނުގެ ހޫތީން، އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ސައުދީ އަރަބިއްޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި އެކި ސިޓީތަކަށް އަންގާރަ ދުވަހު ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެއީ ސަރަހައްދީ ސުލްހަ އާއި ހަމަޖެހުން ނަގާލުމަށް ދީފައިވާ ހަމަލާތަކެކެވެ. އެފަދަ ހަމަލާތަކުން ދިފާއުވުމަށް ސައުދީއިން އަޅާ ފިޔަވަޅުތަކަށް ތާއިދުކުރާކަން ދިވެހި ސަރުކާރުގެ ބަޔާނުގައި ހާމަކޮށްފަ އެވެ.
ހޫތީން މި ހަމަލާތައް ދީފައިވަނީ، މިދިޔަ ހަފުތާ ބަންދުގައި ގަލްފް ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރަށް އަމާޒުކޮށް ބަދަލުކުރި ހަމަލާތަކާ ގުޅިގެން، ގަލްފް ސަރަހައްދުގައި ހުރި ހަކަތަ އުފައްދާ ވަސީލަތްތަކާއި އެމެރިކާގެ ތެލާއި ގޭހުގެ މަސްލަހަތު އޮތް ތަންތަނަށް ނުރައްކާ އޮތް ކަމަށް ބުނެ އީރާނުން އިންޒާރު ދީފައި ވަނިކޮށެވެ. މި ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ވަނީ ފާއިތުވި ހަ ހަފުތާގެ ތެރޭގައި އުފުލިފައި ނުވާ މިންވަރަށް މައްޗަށް ގޮސްފަ އެވެ.
ސައުދީ އަރަބިއްޔާގެ އެނާޖީ މިނިސްޓްރީން ބުނި ގޮތުގައި، ހަކަތަ އުފައްދާ ބައެއް މަރުކަޒުތަކުގައި އަލިފާން ރޯވެފައިވާއިރު، އެ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް ފަޔާ ފައިޓަރުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ހާދިސާތަކުގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ސައުދީ އަރަބިއްޔާގެ ދެކުނުގެ ހަތަރު ސިޓީއަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި މަދުވެގެން 73 މީހުން ވަނީ ޒަހަމްވެފަ އެވެ.

ޔަމަނުގެ އުތުރުގެ ބޮޑު ބަޔަކާއި އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ކޮންޓްރޯލް ކުރާ ހޫތީން، މިދިޔަ ޖުލައި މަހު ރިޔާދްއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާންކުރި ފަހުން، ރަތްކަނޑުގައި ދަތުރުކުރާ ސައުދީގެ އުޅަނދުފަހަރަށް އަމާޒުކޮށް ދަނީ ހަމަލާތައް ދެމުންނެވެ.










