ކެނެޑާ ބޭނުންވަނީ އެމެރިކާގެ ސްޓޭޓަކަށް ނުވެ ހުރިހާ ފައިދާއެއް ހޯދަން: ޓްރަމްޕް

Aug 24, 2026, 1:18 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އެމެރިކާ އާއި ކެނެޑާއާ ދެމެދު ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް މިދިޔަ ހުކުރު ދުވަހުގެ ރޭ ނާކާމިޔާބުވުމާ ގުޅިގެން، ކެނެޑާއިން ބޭނުންވަނީ އެމެރިކާގެ ސްޓޭޓަކަށް ނުވެ، ސްޓޭޓަކަށް ލިބޭ ހުރިހާ ފައިދާތަކެއް ހޯދަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތައް މެދުކެނޑި، ކެނެޑާގެ ގިނަ ބާވަތްތަކުގެ މުދަލުން 50 އިންސައްތައިގެ އާ ޓެރިފް ނަގަން އެމެރިކާއިން ނިންމުމާ ގުޅިގެންނެވެ. މީގެ އިތުރުން، އެމެރިކާގެ ދަނޑުވެރިންގެ އަތުން ކެނެޑާއިން ގިނަ އަހަރުތަކެއް ވަންދެން ބޮޑެތި އަދަދުތަކުން ޓެރިފް ނަގަމުންދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ އެމެރިކާއިން އަލަށް ކަނޑައެޅި ޓެރިފްތަކަކީ ކެނެޑާގެ ރައްޔިތުންނަށް "ގެއްލުންދީ ބައިބައިކުރުމަށް" ނިންމާފައިވާ ނިންމުމެއް ކަމަށް ސިފަކުރައްވާފަ އެވެ.

Advertisement

އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން، އެމެރިކާއިން ނަގާ ކޮންމެ ޑޮލަރަކަށް ޑޮލަރެއްގެ ރައްދު ފިޔަވަޅު އަޅުއްވާނެ ކަމަށް ކާނީ އިއުލާންކުރެއްވި އެވެ. މީގެ ތެރޭގައި ދަގަނޑާއި، ކިރުގެ ބާވަތްތަކާއި، ގޭތެރޭގައި ބޭނުންކުރާ ސާމާނުގެ އިތުރުން އިލެކްޓްރޯނިކްސް އިން ނަގާ ޓެކްސް ހިމެނެ އެވެ. އަދި މިހާރު އެމެރިކާ އާއި ކެނެޑާއާ ދެމެދު އޮތީ ވިޔަފާރީގެ "ހަނގުރާމައެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވާހަކަދައްކަވަމުން ކާނީ ވިދާޅުވީ، އެމެރިކާއިން އެދެނީ މާ ބޮޑެތި ކަންތައްތަކަކަށް ކަމަށާއި ނަމަވެސް އެ ގައުމުން ކެނެޑާއަށް ހުށަހަޅަނީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އަދި ހަމަލާއެއް އައުމުން އޮންނާނީ ހަނގުރާމައިގެ ހާލަތެއް ކަމަށާއި، ކެނެޑާއަށް މިހާރު ވަނީ ހަމަލާދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތް ފަހުން، ކެނެޑާއަކީ އެމެރިކާގެ "51 ވަނަ ސްޓޭޓް" ގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވަމުން ގެންދަވާ ގެންދެވުމަށް މި ފަހުގެ ވާހަކަތަކުން ބާރުލިބޭއިރު، މިއީ ކެނެޑާގެ ލީޑަރުންނާއި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމެކެވެ.

ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ވިޔަފާރީގެ ގުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އަދި މި މައްސަލައަށް ހައްލެއް ލިބޭނެ ސާފު މަގެއް މިހާތަނަށް ފެންނާކަށް ނެތެވެ.

"އެމެރިކާއިން ހުށަހެޅި ކަންތައްތައް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭނެ. އަދި އެމީހުން އެދޭ ކަންތައްތަކެއް އަޅުގަނޑުމެންނެއް ނުދޭނަން،" ކާނީ ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ފަށައި، އެ ހަނގުރާމައިން "މޮޅުވެވިދާނެ" ކަމަށް ކެނެޑާއިން ހީކުރުމަކީ މޮޔަކަމެއް ކަމަށެވެ.

މިދިޔަ ހަފުތާގެ ކުރީކޮޅު ދެ ގައުމުން ވެސް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އޮތް ނަމަވެސް، މަޝްވަރާތައް މެދުކެނޑުނީ ފަހު ވަގުތު ދެ ފަރާތުން ވެސް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރުމާ ގުޅިގެންނެވެ.

އެމެރިކާއިން އަލަށް ކަނޑައެޅި 50 އިންސައްތައިގެ ޓެރިފް ކެނެޑާގެ ގިނަ މުދަލަށް ހިނގާނެ އެވެ. މީގެ އިތުރުން ކެނެޑާގެ ދަގަނޑާއި، އެލުމިނިއަމް، އުޅަނދުފަހަރު އަދި ލަކުޑީގެ ބާވަތްތަކުން މިހާރު ވެސް އެމެރިކާއިން ޓެރިފް ނަގަމުންދެ އެވެ.

ބޮޑުވަޒީރު ކާނީ ވިދާޅުވީ ކެނެޑާއިން ރައްދު ފިޔަވަޅު އަޅަނީ "ބޭނުންވެގެން ނޫން" ކަމަށާއި، ނަމަވެސް އެއީ ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެނެޑާގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީ ހިމެނޭހެން ފެޑަރަލް އެހެން ޕާޓީތަކުގެ ލީޑަރުންނާއި، ބައެއް ޕްރޮވިންސްތަކުގެ ވެރިން ވެސް ވަނީ ބޮޑުވަޒީރުގެ މި ނިންމެވުމަށް ތާއީދުކުރައްވާފަ އެވެ.

އެހެން ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޓެކްސް ނުވަތަ ޓެރިފަކީ ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ މުހިންމު ބައެކެވެ. ޓްރަމްޕް ގަބޫލުކުރައްވާ ގޮތުގައި މިކަމުގެ ސަބަބުން އެމެރިކާގެ އުފެއްދުންތެރިކަން އިތުރުވެ، ގައުމުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް ގިނަވާނެ އެވެ.

ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ޓެރިފްތަކުގެ ސަބަބުން އެމެރިކާގެ ކަސްޓަމަރުން މުދާ ގަންނަން ޖެހޭ އަގު ބޮޑުވެ، ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ހުރަސްތަކާއި ގެއްލުންތަކެއް ކުރިމަތިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox