ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފަށަން ޖީއެސްޓީ ގާނޫނަށް ބަދަލުގެންނަން މަޖިލީހުން ފާސްކޮށްފި

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން: މަޖިލީހުން ފާސްކުރި ބިލުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ވިޔަފާރިތަކުން ޖީއެސްޓީ ނެގޭނެ ގާނޫނީ ހުރަސްތައް ނައްތާލުމަށް ބޭނުންވާ ކަންކަން ގާނޫނުގައި ހިމެނުމަށް -- ފޮޓޯ: އަދަދު

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން: މަޖިލީހުން ފާސްކުރި ބިލުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ވިޔަފާރިތަކުން ޖީއެސްޓީ ނެގޭނެ ގާނޫނީ ހުރަސްތައް ނައްތާލުމަށް ބޭނުންވާ ކަންކަން ގާނޫނުގައި ހިމެނުމަށް -- ފޮޓޯ: އަދަދު

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ޖީއެސްޓީ ގާނޫނު) ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންގެ ވެސް ތާއީދާއެކު އެވެ. އެ ބިލު ފާސްކުރުމަށް 54 މެންބަރުން ވޯޓުދެއްވި އެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ ދެ މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވަނީ، މިއީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމުގެ ގޮތުން ގެންނަ ބަދަލުތަކެއް ކަމަށެވެ. މިއީ މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ހުށަހެޅި ކަމެކެވެ.

Advertisement

އެ ބިލަށް އިދިކޮޅު އެމްޑީޕީން ތާއީދުކުރި ނަމަވެސް، އެ ބިލަކީ ފަތުރުވެރިކަމާއި ޓެކުހާ ގުޅޭ ކަމަކަށްވާތީ އެ ދާއިރާގެ މާހިރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، އެ ބިލު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ އެއްވެސް ބަޔަކާ މަޝްވަރާ ކުރުމެއް ނެތި އެވެ.

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގާ ބިލަށް އެމްޑީޕީގެ ތާއީދު، އެދުނީ އަވަސް އަރުވާނުލައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން

ބޭރުގެ އޮންލައިން ބުކިން ޕްލެޓްފޯމްތަކާއި ޓްރެވަލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނެގުމަށް ސަރުކާރުން ހުށަހެޅި ބިލަށް އިދިކޮޅު އެމްޑީޕީން ތާއީދުކޮށްފިއެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި، އަވަސް އަރުވާނުލައި ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ބިލުގައިވަނީ، ޖީއެސްޓީ ނެގޭނީ ރާއްޖޭގައި ވިއްކާ މުދަލުން ކަމަށް ގާނޫނުގައި އޮތް މާއްދާތައް ބަދަލުކޮށް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭގޮތަށް އިބާރާތް ބަދަލުކުރަން ހުށަހަޅާފައެވެ. ހަމައެހެންމެ، ޖީއެސްޓީ ނެގޭ މުދަލަކީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދަލަށް ނުވަތަ ތަކެއްޗަށް ކަމަށް ބުނާ މާއްދާ، ދިވެހި ވިޔަފާރިތަކުގެ މައްޗަށް އެކަނި ހިނގާގޮތަށް އޮތްއޮތުން ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުގެ ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުގައި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ ކޮބައިކަން މާނަކޮށްދީފައިވެއެވެ. އަދި ޓެކްސް ނެގޭނީ ކޮން ބާވަތެއްގެ ވިޔަފާރިއަކުން ހިންގާ ހަރަކާތްތަކަކުންކަން ވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ތެރޭގައި ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ވަނީ ހިމަނާފައެވެ. އަދި ސަފާރީތަކުން ވިއްކާ ޗާޓަރު ދަތުރުތަކަށް އަމާޒުކޮށްގެން ޗާޓަރަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށް ބަޔާންކުރަން ވެސް ބިލުގައި ހިމަނާފައިވެއެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބަދަލުތައް ތަންފީޒުކުރަން ފަށައި، މިހާރުގެ ޓީޖީއެސްޓީ ރޭޓު ކަމުގައިވާ 17 ޕަސެންޓުގައި މި ބާވަތުގެ މުދަލުން ޓެކްސް ނަގަން ފަށާށެވެ.

ޖުމްލަ ގޮތެއްގައި ގާނޫނަށް ގެންނަ ހުރިހާ ބަދަލުތަކެއް ގެންނަނީ ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ވިޔަފާރިތަކުން ޖީއެސްޓީ ނެގޭނެ ގާނޫނީ ހުރަސްތައް ނައްތާލުމަށް ބޭނުންވާ ކަންކަން ގާނޫނުގައި ހިމެނުމަށެވެ.

މި ބިލާ އެއްކަރުދާސްކޮށްފައިވާ ކޮސްޓް އެސްޓިމޭޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލާ ގުޅިގެން ދައުލަތުން 7.9 މިލިއަން ރުފިޔާ ހަރަދުކުރަންޖެހެއެވެ. އެއީ ވަން-އޮފް ނުވަތަ އެންމެ ފަހަރަކު ކުރަންޖެހޭ ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އަދި އިތުރު މުވައްޒަފުންނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކަށް 5.1 މިލިއަން ރުފިޔާއެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން ބޭރުގެ ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުން ސަރުކާރުން އަންދާޒާކުރަނީ ދައުލަތުގެ އާމްދަނީ އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށެވެ. އެއީ އޯވާސީސް ޓްރެވަލް އެޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ އަދި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލައިގެންނެވެ.

ޓީޖީއެސްޓީ ދައްކަންޖެހެނީ ބޭރު ފައިސާއިން ކަމަށްވާތީ، މިވަރަށް އާމްދަނީ ލިބިއްޖެނަމަ ދައުލަތަށް އިތުރަށް 104.1 މިލިއަން ޑޮލަރު ވަންނާނެއެވެ.

ސަރުކާރުން ބުނާ ގޮތުގައި ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަކީ ރާއްޖޭގައި ގާއިމުވެގެން ވިޔަފާރިކުރާ ބަޔަކަށް ނުވާތީ، މި ވިޔަފާރިތަކުން ޖީއެސްޓީ ދައްކަން ފަށާނީ އެ ފަރާތްތަކާއެކު މީރާއަށް މުއާމަލާތް ކުރެވޭނެ ގޮތްވެ، ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެންނެވެ.

އެހެންކަމުން، މި ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ފެށުމުން، އަދި މީރާއިން އެފަދަ ވިޔަފާރިތަކާއެކު ގުޅުން ގާއިމުކުރަމުން ގެންދާ ވަރަކުން އަންދާޒާކުރެވޭ އާމްދަނީ އިތުރުވާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox